ފަށްކުރުމެއް!: މާތް ރަސޫލާ ޞޢވ އަކީ ދޮންދަރިންވެސް ފަޚުރުވެވަޑައިގެންނެވި ދޮންބައްޕައެއް! އަޅުގަނޑުމެންގެ އަމިއްލަ ދަރިން އަޅުގަނޑުމެންނާއިމެދު ފަޚުރުވޭތޯ؟

ކިޔުމަށް ހޭދަވާނީ 3މ 30ސ
ފަށްކުރުމެއް!: މާތް ރަސޫލާ ޞޢވ އަކީ ދޮންދަރިންވެސް ފަޚުރުވެވަޑައިގެންނެވި ދޮންބައްޕައެއް! އަޅުގަނޑުމެންގެ އަމިއްލަ ދަރިން އަޅުގަނޑުމެންނާއިމެދު ފަޚުރުވޭތޯ؟

ޢަލީ އިޙްޞާން ފިރާޤް

 

އަރަހުށި މާތްﷲ އިންސާނިޔަތަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ މުޙައްމަދު صلّى اللّـه عليه وسلّم ވަނީ ދިރިއުޅުމުގެ އެންމެހައި ކަމެއްގައި ނަމޫނާ މިސާލު ދައްކަވައިފައެވެ. އެކަލޭގެފާނުގެ ދިރިއުޅުއްވުމުގެ ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލިކަމުގައިވިޔަސް ފެންނަމުންދަނީ ޢިބްރަތުގެ ދަރުސްތަކެވެ. ތައުރީފު ޙައްޤުވާފަދަ މަކާރިމްތަކެވެ. ރަޙްމަތާއި އޯގާތެރިކަމުގެ ދިރިހުރި މިސާލުތަކެވެ. 

މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ޙަޤީޤީ ބައްޕާފުޅަކަށް ވެވަޑައިގެންނެވުމުގެ ކުރީންވެވަޑައިގެންނެވީ ދޮންބައްޕާފުޅަކަށެވެ. އެކަލޭގެފާނު އަލަތު އަނބިކަނބަލުން އުއްމުލް މުއުމިނީން ޚަދީޖަތުގެފާނަކީ، އޭގެ ކުރީން ދެކާވެނިފުޅެއް ކުރައްވައިފައި  އިންނެވި ބޭކަނބަލެކެވެ. ހުވަފަތްވެވަޑައިގެންފައި އިންނެވި ބޭކަނބަލެކެވެ. އެކަމަނާގެ ކުރީގެ ކާވެނިފުޅުތަކުން ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. 

ހިންދު ބިން އަބީ ހާލާއަކީ، ޚަދީޖަތުގެފާނުގެ އިހު ކާވެނިފުޅަށް ލިބިވަޑައިގެންނެވި ބޭފުޅެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ދޮންދަރިކަލެކެވެ. ހިންދަކީ، އިސްލާމްދީނުގެ ވަރަށް ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވި ބޭކަލެކެވެ. އޭނާއަށްވަނީ މާތް ރަސޫލާގެ ހެޔޮ ޚުލުޤުފުޅު އަސަރުތައް ވަރަށް ބޮޑަށް ކޮށްފައެވެ. މާތް ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم ދެކެ އެކަލޭގެފާނު ވަރަށް ބޮޑަށް ލޯބިފުޅުވެވަޑައިގަންނަވައެވެ. އެކަލޭގެފާނު ވަރަށް ފަޚްރުވެވެރިވެވަޑައިގެން ވިދާޅުވެ އުޅުއްވައެވެ.

"އެންމެ ރަނގަޅު ޢާއިލާއެއް ލިބިފައިވަނީ އަހަރެންނަށެވެ. އަހަރެންގެ ދޮންބައްޕާފުޅަކީ، މުޙައްމަދު صلّى اللّـه عليه وسلّم އެވެ. މަންމާފުޅަކީ އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާއެވެ. އަހަރެންގެ އަޚަކީ، ޤާސިމެވެ. އުޚްތަކީ، ފާޠިމާ ރަޟިޔަﷲ ޢަންހާއެވެ."

ޝައްކެއްނެތް ގޮތުގައި، ހިންދު މިފަދަ ބަސްފުޅުތަކެއް ވިދާޅުވާނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ފަރާތްޕުޅުން ލޯތްބާއި އަޅާލުން އޭގެ ކޮޅުނެތްކޮޅަށް ލިބިވަޑައިގަތުމުންނެވެ. ހިންދު ބިން އަބީ ހާލާއަކީ، މާތް ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم ގެ ސިފަފުޅުތައް އެންމެ ފުރިހަމައަށް ރިވާކޮށްދެއްވި އެއް ޞަޙާބީއެވެ. 

ޙަބީބާ ބިންތު ޢުބައިދުﷲ ބިން ޖަޙުޝަކީ، މާތް ރަސޫލާގެ ދޮންދަރިކަނބަލެކެވެ. އެކަމަނާގެ މައިކަނބަލުންނަކީ، އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާއެވެ. އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ އާއި އެކަމަނާގެ ފިރިކަލުން ޢުބައިދުﷲ ބިން ޖަޙުޝަކީ އިސްލާމްދީނުގެ ވަރަށް ކުރީކޮޅު އިސްލާމްވެވަޑައިގެން ޙަބަޝާއަށް ހިޖުރަކުރެއްވި ދެބޭކަނބަލުންނެވެ. އެތަނުގައި ޢުބައިދުﷲ ބިން ޖަޙުޝް، ނަޞާރާއިންގެ ބަޔަކާއި އެކުވެރިވެ، އޭނާ އެބައިމީހުން ދީނަށް ވަދެއްޖެއެވެ. މުރުތައްދުވެއްޖެއެވެ. އޭގެ މާގިނަ ދުވަސްތަކެއްނުވެ، އޭނާ މަރުވެއްޖެއެވެ. 

ނަމަވެސް، އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ އިސްލާމްދީންމަތީގައި، ސާބިތުވެ އިންނެވިއެވެ. ތުއްޕުޅު ދަރިކަނބަލުން ޙަބީބާއާ އެކު އަޅާލާނެ ޔާރެއްނެތި ނުހަނު ދަތިހާލުކޮޅުގައި ދުވަސްތައް ގުނުއްވަމުން ގެންދެވިއެވެ. އޭރު އެކަމަނާގެ ބައްޕާފުޅު އަބޫ ސުފްޔާނު ގެންދިޔައީ އިސްލާމްދީނާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމަ ކުރަމުންނެވެ.

އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާގެ މި ޙާލުކޮޅު އެނގިވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم ، ނަޖާޝީއަށް ސިޓީފުޅެއް ފޮނުއްވައިގެން އެކަމަނާއާ ކާވެނިބެއްލެވިއެވެ. އަދި އުއްމުލް މުއުމިނީން އުއްމު ޙަބީބާއާއި އެކަމަނާގެ ދަރިކަނބަލުން ޙަބީބާ ބިންތު ޢުބައިދުﷲ ބިން ޖަޙުޝް މާތް ރަސޫލާގެ އޯގާވެރިކަމުގެ ހިޔާވަހިކަމުގެ ދަށަށް ގެންދެވިއެވެ.

 

- ލިޔުނީ ޢަލީ އިޙްޞާން ފިޜާޤް

 

މިއަދު އޮންލައިން