ނޭނގިތިއްބާ ގުނަވަން ނަގައި ވިއްކުމުގެ މައްސަލަތަކަށް ހޭލުންތެރިވެލައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 12ސ
ނޭނގިތިއްބާ ގުނަވަން ނަގައި ވިއްކުމުގެ މައްސަލަތަކަށް ހޭލުންތެރިވެލައްވާ!

"އަޅުގަނޑުގެ ބޮޑުދައިތަ ނިޔާވީ އަވަށްޓެރި ޤައުމެއްގެ މީހަކާ ކައިވެނިކޮށްގެން އުޅެނިކޮށެވެ. ކަންދިމާވިގޮތުން ހަށިގަނޑުދޫކުރީ ޕޯސްޓްމޯޓޮމް ހަދާފައެވެ. ރިޕޯޓުން އެނގުނު ގޮތުގައި ބޮޑުދައިތަ މަރުވީ ކިޑްނީ ނަގަން ކުރި އޮޕަރޭޝަންގެ ސަބަބުންނެވެ.

މިކަމުގައި އަޅުގަނޑުމެންނަށް ސުވާލު އުފެދުނު ކަމެއް އެބައޮތެވެ. ބޮޑުދައިތަ އޮޕަރޭޝަނެއްކުރީ އެޕެންޑިކްސް ނަގާށެވެ. ކިޑްނީ ނެގިކަން ބޮޑުދައިތައަށް އެނގިފައެއް ނުވެއެވެ."  

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ބުނެފައިވާ ވާހަކައެކެވެ. މިއީ ކޮންމެވެސް ވަރަކަށް މެދުވެރިވަމުން އަންނަކަމެއްކަން ކުރިންވެސްވަނީ އެނގިފައެވެ. ކިޔުންތެރިން ޙިއްޞާކުރާ ވާހަކަތަކުންނެވެ. ތިރީގައި އެވަނީވެސް އެފަދަ ވާހަކައެކެވެ.  

މިހާދިސާއަކީވެސް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ މައްސަލައެކެވެ. މިމައްސަލަ އާއި ދާދި އެއްގޮތް 2 މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ވީމާ ކޮންމެ ބޭފުޅަކުވެސް މިފަދަ ކަންކަމަށް ސަމާލުކަންދެއްވައިގެން އުޅުއްވުމަށް އިލްތިމާސްކުރަމެވެ. 

އަޅުގަނޑަކީ އަވަށްޓެރި އިންޑިއާގައި ދަރިންނަށް ކިޔަވައިދޭން މަސައްކަތްކުރި އަންހެނަކީމެވެ. ކުދިންގެ ބައްޕަ އަޅުގަނޑު ދޫކޮށްލާފައިވުމުން ކައިވެނިކޮށްގެން އުޅުނީ އިންޑިއާ މީހަކާއިއެވެ. އެއީ ކަންކަމުގައި އެހީތެރިއަކު ބޭނުންވާތީއެވެ.  

ފިރިމީހާވެސް ހުންނަނީ އަޅުގަނޑު ގާތުގައެވެ. އޭނާއަކީ އެއްވެސް އާމްދަނީއެއް ލިބޭ މީހެއް ނޫނެވެ. ހުރިހާ ޚަރަދެއް ކުރަނީ މާލޭގައި ހުރި މައިންބަފައިންގެ ގެއިން އަޅުގަނޑަށް ލިބިފައިވާ 3 ކޮޓަރީގެ ފްލެޓް ކުއްޔަށް ދީގެން ލިބޭ ފައިސާކޮޅުންނެވެ.  

މަހުން މަހަށް ޚަރަދުތައް ހަމަޖައްސައިލެވެނީ ހަމަ ކިރިޔާއެވެ. 3 ދަރިންގެ ތެރެއިން އެއް ދަރިފުޅަކީ ވަރަށް ބަލިކުއްޖަކަށްވުމުން ބޭސްފަރުވާއަށް ބޮޑެތި ޚަރަދުތައް ކުރަންޖެހޭތީއެވެ. ކޮންމެ މަހަކުހެން ހޮސްޕިޓަލުގައި ބާއްވަން ޖެހޭތީއެވެ.  

މިފަދަ ގޮތަކަށް ދިރިއުޅެމުން ދަނިކޮށް ފިރިމީހާ ކުރިން ނުދާވަރަށް ބޭރަށްދާން ފަށައިފިއެވެ. ބޭރުގައި ހޭދަކުރާ ވަގުތު ގިނަވާން ފަށައިފިއެވެ. އަދި ބައެއް ރޭރޭ ގެއަށް އަންނައިރު ލާ ނޭވާއިން ކުނި ވަހެއް ދުވަން ފަށައިފިއެވެ. ލައިގެން ހުންނަ ފޭރާމުންވެސް އެފަދަ ވަހެއް ދުވަންފަށައިފިއެވެ. ސުވާލުކުރާއިރަށް ބުނަނީ ލޮނުމެދު ކެއީ ކަމަށެވެ.  

އަޅުގަނޑުގެ ބަނޑުކޮޅުގައި ރިއްސަން ފެށިއެވެ. އަދި ތަދަށް ބަދަލެއް ނައިސް ހުންނަން ފެށުމުން އެވާހަކަބުނުމުން ރަނގަޅު ޑޮކްޓަރަކަށް ދައްކާނެ ކަމަށްބުނެފައި 2 ދުވަސްފަހުން ޑޮކްޓަރަކަށް ދެއްކުމުން ޓެސްޓްތައް ހަދައި ސްކޭންކޮށް ބަލާފައި ބުނީ ރަޙިމު ނަގަންޖެހޭ ކަމަށާއި އެކަމަށް ކުރާ އޮޕަރޭޝަނުގައި ކިޑްނީވެސް ބަލައިލަން ޖެހިދާނެ ކަމަށެވެ. ނޫންނަމަ ކިޑްނީއަށްވެސް އަސަރުކޮށް ފޭލްވެދާނެ ކަމަށެވެ.

ގެއަށް އައިސް ވިސްނަން ފެށީމެވެ. ޑޮކްޓަރު އެގޮތަށް ބުނާއިރަށް އިތުރު ޑޮކްޓަރެއްގެ ޚިޔާލުވެސް ނުހޯދައި އެހައިއަވަހަށް އޮޕަރޭޝަންކުރަން ފިރިމީހާ އެއްބަސްވީ ކީއްވެގެންބާވައެވެ؟ މިޚިޔާލުތައް ކުރެވުމުން ފިރިމީހާއަށް ނުއަންގާ އަމިއްލައަށް ގޮސް އެހެން ޑޮކްޓަރަކަށް ދެއްކީމެވެ. އެ ޑޮކްޓަރު ބުނީ ރަޙިމުގައި ވަރަށް ކުޑަކުޑަ ދުޅައެއް އެބަހުރި ކަމަށާއި ބޭހުންވެސް އެދުޅަ ފިލައިފާނެކަމަށް އުންމީދުކުރެވޭ ކަމަށެވެ. އެހެން ބުނުމުން އިތުރު 2 ޑޮކްޓަރުންނަށް ދެއްކީމެވެ. އެ 2 ޑޮކްތަރުންވެސް ބުނީ ހަމަ އެއްގޮތަކަށެވެ. ރަޙިމުގައި ވަރަށް ކުޑަކުޑަ ދުޅައެއް އެބައިން ކަމަށާއި ބޭހުންވެސް އެދުޅަ ފިލައިފާނެކަމަށް އުންމީދުކުރެވޭ ކަމަށެވެ. 

އެހިސާބުން ފިރިމީހާގެ މައްޗަށް ބޮޑެތި ޝައްކުތަކެއް ކުރެވެން ފެށިއެވެ. އެހެންވެ އެކަނި ގޮސް އެޑޮކްޓަރާއި ބައްދަލުކުރީމެވެ. ނަމަވެސް ޑޮކްޓަރު ބުނީ ހަމަ އެންމެކުރިންވެސް ބުނި ގޮތަށެވެ. އަދި އޮޕަރޭޝަންކުރުން ލަސްކޮށްފިނަމަ ރަޙިމުގެ އިތުރުން އެތެރެހަށީގެ ބައެއް ގުނަވަންތަކަށްވެސް ގެއްލުންވެދާނެ ކަމަށެވެ.  

އެއިގެ 2 ހަފްތާފަހުން އެއްރޭ ފިރިމީހާ ގެއަށް އައީ މަސްތުވެގެންހުރެ ކަމަށް ވަރަށް ބޮޑަށް ޝައްކުކުރެވޭ ޙާލަތެއްގައެވެ. އަދި ކޮންމެވެސް އެއްޗެއް އަޅުގަނޑަށް ސިއްރުން އޭނާގެ އަލަމާރީގައި ރައްކާވެސް ކުރިއެވެ.  

ކާންހަދައިދިނުމުން ކާން އިށީންވަގުތު ގޮސް އޭނާގެ އަލަމާރި ހުޅުވައިގެން ބެލިއިރު އެއީ ހުދުކުލައިގައި ހުރި ފެން ކަހަލަ އެއްޗެކެވެ. ނަމަވެސް ގައިން އެދުވާ ކުނިވަހާއި ވަރަށް އެއްގޮތް ވަހެއް ދުވައެވެ.

ފުޅި ހިފައިގެން ގޮސް ކައިރީގައި ބަހައްޓާފައި މިއީ ކޮން އެއްޗެއްތޯ ސުވާލުކުރުމުން ބުނީ ލޮނުމިދު އަރަގު ކަމަށާއި އެއީ ވަރަށް ގިނަ ބަލިތަކަށް ރަނގަޅު ފަރުވާއެއް ކަމަށެވެ. ދެން އަޅުގަނޑު ހަމަ ދެލޯމަރާފައި ނޭވާ ހިފަހައްޓައިގެން ހުރެ ތަށްޓަކަށް އަޅައިދީފައި ކައިރީގައި ބެހެއްޓުމުން ޖެހިލުމެއް ނެތި ބޯލައިފިއެވެ. ދެވަނަ ތަށިވެސް އަޅައިދިނުމުން ހުސްކޮށްލައިފިއެވެ.  

ހުސްކޮށްލުމުން ވަރަށް ލޯބިން ބުރަކަށީގައި ފިރުމައިދޭން ފެށީމެވެ. އަދި ކައިނިމިގެން އައިސް ސޯފާގައި އިށީނުމުން އަނެއްކާވެސް ކުޑަ އެތިފޮދެއް ތަށްޓަކަށް އަޅައިދިނީމެވެ. އަދި ބުނީމެވެ. "ތިބާ ބޫނުންވާނަމަ އަހަރެންގެ އެއްކިޑްނީ ކީއްކުރަންހެއްޔެވެ؟ ހިތާއި ފުރަމޭވެސް މިހުރީ ހަދިޔާ ކުރާށެވެ! އެންމެ ބޮޑު އަގު ލިބޭނީ ކޮން ގުނަވަކަށް ހެއްޔެވެ؟ އެގުނަވަނެއް އަވަހަށް ވިއްކާލަމާ ހިނގާށެވެ."  

ފިރިމީހާ ސުވާލުކުރީ އެފަދަ ވާހަކައެއް ތިއަދައްކަނީ ކީއްވެގެންތޯއެވެ؟ ޖަވާބުގައި ބުނީމެވެ. "އަންނަ ހަފްތާގައި ރަޙިމު ނަގާ އޮޕަރޭޝަން ކުރާނެ ކަމަށް ޑޮކްޓަރު ގާތު ބުނެފީމެވެ. އޭނާ ރަނގަޅުކަމުން އޮޕްރޭޝަންތެރޭގައި އަހަރެންގެ އެއް ކިޑްނީ ނަގަން ހަމަޖެހިފައިވާ ކަމަށާއި އެކަމުގެ ބަދަލެއްގެ ގޮތުން ވަރަށް ގިނަ އަދަދެއްގެ ފައިސާ ދޭނެކަމަށްވެސް ބުންޏެވެ."

ފިރިމީހާ އެއިރު އިނީ ހަމަހެއަކު ނޫނެވެ. ދެބަދޭތެރޭގައެވެ. އެހާލަތުގައި އިނދެ އަހަރެން ދެއްކި ވާހަކަތައް އެއީ އެކަންކުރަން ރާވާފައި އޮތް ގޮތް ކަމަށް އެއްބަސްވިއެވެ. އަދި އޭނާއަކީ ގުނަވަން ވިއްކައި ވިޔަފާރިކުރާ ބައަކާއި ގުޅިގެން މަސައްކަތްކުރާ މީހެއް ކަމަށްވެސް އެއްބަސްވިއެވެ. 

އެހިސާބުން ތެދުވެގެންގޮސް އަޅުގަނޑު ނިދީއެވެ. އަނެއްދުވަހު ހެނދުނު ހޭލެވުނުއިރުވެސް ފިރިމީހާ ސޯފާގައި ނިދާފައި އޮތެވެ. ހޭލުމުން މަންމަ ވަރަށް ބޮޑަށް ބަލިވެއްޖެކަމަށާއި މިއަދުން މިއަދަށް މާލެދާން ބޭނުން ކަމަށް ބުނީމެވެ. ޓިކެޓް ލިބުނީ އަނެއް ދުވަހަށެވެ. އެހެންކަމުން މާލެ އާދެވުނީ އަނެއް ދުވަހުއެވެ. މާލެ އައުމަށްފަހު ދެން އިންޑިއާއަށް ދެވެން ނެތްކަމަށްބުނެ ވަރިވީއެވެ. 

3 ކުދިން ގޮވައިގެން މިއުޅެނީ މާލޭގައެވެ. 3 ވަނަ މީހަކާއި ކައިވެނިވެސް ކށްގެންނެވެ. މިހާރުގެ ފިރިމީހާއަކީ ވަރަށް ހެޔޮލަފާ ތަޤްވާވެރިއެކެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް ބޭރު ޤައުމުތަކުގައި ދިރިއުޅޭ އަންހެނުންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑަށް ކުރިމަތިވި ކަންތައްތަކުން ޢިބްރަތް ޙާޞިލުކުރައްވާށެވެ. އޮޕަރޭޝަނެއް ކުރަންޖެހިއްޖެނަމަ ވަރަށް ރަނގަޅަށް ޔަޤީންކޮށްގެން ނޫނީ ނުކުރާށެވެ. ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެއެވެ.  

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ   

މިއަދު އޮންލައިން