ނަމާދު ފުރިހަމަކޮށް ސުންނަތާ އެއްގޮތަށް ނަމާދުކުރަން ކުރެވިދާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 47ސ
ނަމާދު ފުރިހަމަކޮށް ސުންނަތާ އެއްގޮތަށް ނަމާދުކުރަން ކުރެވިދާނެ ބައެއް ކަންކަން-

ނަމާދުގެ ސުންނަތްތަކުގެ ތެރޭގައި: 

1.    (ދުޢާއުލް) އިސްތިފްތާޙް ކިޔުން.

2.    ޤިޔާމުގައި ހުންނައިރު ރުކޫޢުގެ ކުރީގައާއި ފަހުގައި މޭމަތީގައި ވައަތް މަތީ ކަނާއަތް ބޭއްވުން.

3.    ފުރަތަމަ ތަކްބީރުކިޔާއިރު، ރުކޫޢުއަށް ދާއިރު، ރުކޫޢުއިން ތެދުވުމުގައި އަދި ފުރަތަމަ އައްތަޙިއްޔާތަށްފަހު ތިންވަނަ ރަކުޢަތަށް ތެދުވާއިރު ދެއަތްތިލައިގެ އިނގިލިތައް ކައިރިކޮށްފައި ކަންފަތާހަމައަށް ނުވަތަ ކޮނޑާހަމައަށް އުފުލުން.

4.    ރުކޫޢުއާއި ސުޖޫދުގައި އެއްފަހަރަށްވުރެއް ގިނައިން ތަސްބީހަކިޔުން.

5.    ރުކޫޢުއިން ތެދުވެ ((رَبَّنَا وَلَكَ الْحَمْدُ)) އަށްވުރެއް އިތުރަށް ދުޢާކުރުން އަދި ދެ ސަޖިދަ ދެމެދު އެއްފަހަރަށްވުރެއް ގިނައިން ފާފަފުއްސެވުމަށް އެދި ދުޢާކުރުން.

6.    ރުކޫޢުގައި ބޮލާއި ބުރަކަށި ސީދާކޮށް އެއްހަމައެއްގައި ބެހެއްޓުން.

7.    ސަޖިދައިގައި ދެއަތް ގަޔާއި ދުރުކުރުމާއި ފައިފަލަމަސްގަނޑު ބަނޑާއި ދުރުކުރުމާއި އަދި ފަލަމަސްގަނޑު ކަށިމައްޗާއި ދުރުކުރުން.

8.    ސަޖިދައިގައި އޮންނައިރު ދެއަތްދަނޑި ބިމުގައި ޖައްސާފައި ނުބޭއްވުން.

9.    ދެ ސަޖިދަ ދެމެދު އަދި ފުރަތަމަ އައްތަޙިއްޔާތައް އިންނައިރު ކަނާއަތު ފައިތިލަގެ ކޮޅު ބިންމަތީގައި ޖައްސައި ވައަތު ފައިތިލަ މަތީ އިށީނުން (އިފްތިރާޝްކޮށް އިނުން).

10.     ހަތަރު ރަކުޢަތް ނަމާދުތަކާއި ތިން ރަކުޢަތް ނަމާދުތަކުގެފަހު އައްތަޙިއްޔާތައް އިންނައިރު ކަނާއަތު ފައިގެ ދަށަށް ވައަތު ފައިތިލަ ލައިގެން އިނުން (ތަވައްރުކުކޮށް އިނުން).

11.     ފުރަތަމަ އައްތަޙިއްޔާތާއި ދެވަނަ އައްތަޙިއްޔާތުފެށުނީއްސުރެ ނިމެންދެން ޝަހާދަތް އިނގިލީން އިޝާރާތްކުރުމާއި އަދި ދުޢާކުރާއިރު އެއިނގިލި ހަރަކާތްކުރުން.

12.     ފުރަތަމަ އައްތަޙިއްޔާތުގައި ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އާލުންނަށް އަދި އިބްރާހީމް عليه السلام އާއި އެކަލޭގެފާނުގެ އާލުންނަށް ޞަލަވާތާއި ބަރަކާތްލެއްވުން އެދި ދުޢާކުރުން.

13.     ފަހު އައްތަޙިއްޔާތުގައި ދުޢާކުރުން.

14.     ފަތިސް ނަމާދާއި، ހުކުރު ނަމާދާއި، ދެ ޢީދު ނަމާދާއި، މަޣްރިބް ނަމާދާއި އަދި ޢިޝާ ނަމާދުގެ ފުރަތަމަ ދެ ރަކުޢަތުގައި އަޑު ހަރުކޮށް ކިޔެވުން.

15.     މެންދުރު ނަމާދާއި، އަޞުރު ނަމާދާއި، މަޣްރިބް ނަމާދުގެ ފަހު ރަކުޢަތާއި އަދި ޢިޝާ ނަމާދުގެ ފަހު ދެރަކުޢަތުގައި ސިއްރުން ކިޔެވުން.

16.     ފާތިޙާ ސޫރަތުގެ އިތުރުން ޤުރުއާނުގެ މިންވަރެއް ނަމާދުގައި ކިޔެވުން. 

މިފޮތުގައި ޛިކުރުކުރި މިންވަރުގެ އިތުރަށްވެސް ނަމާދާއި ގުޅޭގޮތުން ވާރިދުވެފައިވާ ސުންނަތްތަކަށް ރިޢާޔަތް ކުރަންވާނެއެވެ. މިގޮތުން: 

1 ރުކޫޢުއިން ތެދުވެ ((رَبَّنَا وَلَكَ الْحَمْدُ))  އަށްވުރެއް އިތުރަށް އިމާމުމީހާއާއި މައުމޫމުމީހާ އަދި އެކަނި ނަމާދުކުރާމީހާ ދުޢާކުރުން ފަހެ އެއީ ސުންނަތެކެވެ.

2 އަދިވެސް ރުކޫޢުގައި އޮންނަ އިރު އަތުގެ އިނގިލިތައް ދުރުކޮށް ހުޅުވާލައިގެން ކަކޫ މަތީ ބޭއްވުންވެސް (ސުންނަތުގެތެރެއިން) ހިމެނެއެވެ.

 

- އަލްއުޚުތި އުންމި ޢަބްދިﷲ

 

 

މިއަދު އޮންލައިން