ދެމަފިރިން ލޯބިން އުޅޭތީ އެކަން ޙަޖަމުނުކުރެވޭ ބައަކު އަބަދުވެސް ތިބޭނެ! ފައިދާކުރާނީ ދައްކާ ވާހަކަތަކަށް އަޅައިވެސްނުލުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 1ސ
ދެމަފިރިން ލޯބިން އުޅޭތީ އެކަން ޙަޖަމުނުކުރެވޭ ބައަކު
އަބަދުވެސް ތިބޭނެ! ފައިދާކުރާނީ ދައްކާ ވާހަކަތަކަށް އަޅައިވެސްނުލުމުން!

 

އަޅުގަނޑުމެން ދެމަފިރިންނަކީ ތަނަވަސް ބައެއް ކަމަކަށް

ނުބުނަމެވެ. ނަމަވެސް މީހުންގެ ގާތުން ކަންކަމު ނުކިޔައި ފުދިގެން އުޅެވެއެވެ. އެހެންވެ ކަމަކު އެދުނު ހަމައެކަކުވެސް ނުހުންނާނެއެވެ.

ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން އެންމެ ފުރިހަމައަށް އެބައޮތެވެ. ފުރަތަމަ ދުވަހެކޭ އެއްވެސް ތަފާތެއް ނެތެވެ. ބޭވަފާތެރިވުާއި ދެބަސްވުމަކީ އަޅުގަނޑުމެން ދަންނަ ކަންކަމެއް ނޫނެވެ. އުޅެމުން މިދަނީ ވަރަށް ލޯބިންނެވެ.

އެކަން އެނގިތިބެވެސް ބައެއް އެކުވެރިން އަޅުގަނޑުމެންގެ ދިރިއުޅުމަށް ފާޑުކިޔައި އަގުވައްޓާލަން ވާހަކަތައް ފަތުރައެވެ. މިކަން ހުއްޓުވޭނެ ގޮތަކީ ކޮބައިތޯ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއައީ ހުއްޓުވޭނެކަމެއް ނޫނެވެ. ގަހުގައި މޭވާއަޚާނަމަ ގަޅިއުކާނެކަމަށް ބުނެވޭ ސަބަބަކީ އެއީއެވެ. ވީމާ ގަޅިއުކާމީހުން ގަޅިއުކަން ދޫކޮށްލާށެވެ. އެކަމުން ކުރާނީ ފައިދާއެވެ.  

ތިއަ މައްސަލައަކީ ވަރަށް ގިނައިން ކުރިމަތިވާ މައްސަލައެކެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

އަޅުގަނޑަކީ ޒަވާޖީ ޙަޔާތެއްގައި ދިރިއުޅެމުން އަންނަ އަންހެނަކީމެވެ. ކައިވެނީގައި މިހާރު 12 އަހަރު ހޭދަކުރެވިއްޖެއެވެ. ދެމަފިރިންގެ މެދުގައި ލޯތްބާއި ކުލުނު ނޫން ކަމެއް ނެތެވެ. ދުވަހަކުވެސް ދެބަސްވެ ޒުވާބުކުރާކަށް ނުޖެހެއެވެ. އެކަންކަން އަވަށްޓެރިންނަށްވެސް އަދި އެކުވެރިންނަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ.

އެހެންކަމާއިއެކުވެސް އަޅުގަނޑުމެންގެ ދިރިއުޅުމަކީ ނާކާމިޔާބު ދިރިއުޅުމެއް ކަމަށްބުނެ އެބަ ވާހަކަ ދައްކައެވެ. އެފަދަ ވާހަކަތައް ގިނައިން ދައްކަނީވެސް ގާތް އެކުވެރިންނެވެ. ރަނގަޅަށް އެނގިތިބެގެން ގާތް އެކުވެރިން އެފަދަ ދޮގުވާހަކަތައް ދައްކާތީ ވަރަށް ދެރަވެއެވެ. ވީމާ އެފަދަ ފިކުރުތަކުން ސަލާމަތްވެވޭނެ ގޮތަކީ ކޮބައިތޯއެވެ؟

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކަންކަމުގެ ޙަޤީޤަތް އެނގިތިބެގެންވެސް ދޮގުވާހަކަތައް ފަތުރަން މަސައްކަތްކުރާ ބައަކު އަބަދުވެސް އުޅޭނެއެވެ. އެކަން ޤަބޫލުކުރާށެވެ! ރަނގަޅަށް، ރިވެތި ގޮތުގައި ދިރިއުޅޭނަމަ އެކަން ޙަޖަމް ނުކުރެވޭ ބައަކު އަބަދުވެސް ތިބޭނެކަން ޔަޤީންކުރަންވާނެއެވެ.

އެންމެ ރަނގަޅު ގޮތަކީ އެފަދަ ކަމެއް އެނގުނަސް އަޅައިވެސް ނުލުމެވެ. އަޑުއިވުނު ކަމަށްވެސް ނުހެދުމެވެ. އަދި މިހާރަށްވުރެވެސް ދެމަފިރިންގެ ގުޅުން އިތުރަށް ބަދަހިކޮށް ލޯބިން ދިރިއުޅެން މަސައްކަތްކުރާށެވެ! ތިމާއާއިމެދު ދޮގު ވާހަކަ ދައްކާނަމަ އެކަމަށް ﷲ ތަޢާލާ ބަދަލު ހޯއްދަވައިދެއްވާނެ ދުވަސް ކުރިއަށް އެބައޮތްކަން ޤަބޫލުކުރީމާ ޘާބިތުވެހުންނަން ހިތްވަރުލިބޭނެއެވެ. އިން ޝާ ﷲ  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ފަހުދު އޭނަގެ އެކުވެރިޔަކާއިއެކު އެއްދުވަހެއްގައި ސަހަރާތެރެއަށް ނުކުތެވެ. ފަހުދުގެ އެކުވެރިޔާއަކީ އަމިއްލަނަފްސުގެ މައްޗަށް ފަޚުރުވެރިވާ ގޮތްދޫނުކުރާ މިޒާޖެއްގެ މީހެކެވެ. ސަހަރާތެރޭގައި ހިނގާފައި ދަނިކޮށް ތަންކޮޅެއްދުރު ހިސާބެއްގައި ބިންމަތީގައި އޮތް ކަޅުކުލައިގެ އެއްޗެއް ދެމީހުންގެ ލޮލުގައި އަޅައިގަތެވެ. ބަޔެއްފަހަރު ވައި ޖެހޭގޮތުން އޭތި ނުފެނިފައި އިރުކޮޅަކުން އަނެއްކާވެސް ފެނެއެވެ. 

ކޮންމެއަކަސް ފަހުދު އޭނަގެ އެކުވެރިޔާއާއި ދިމާއަށް ބަލާލާފައިބުންޏެވެ. ” މި ފެންނަ އެއްޗާއިމެދު ބުނަނީކީކޭ؟ “

އެކުވެރިޔާ ބުންޏެވެ. ” އެއީ ކަޅުކުލައިގެ ބަކައްޓެއް. “

ފަހުދު ބުންޏެވެ. ” އަހަންނަށް ހީވަނީ އެއީ ކާޅެއްހެން. “

އެކުވެރިޔާ ބުންޏެވެ. ” އަހަރެން ތިބާކައިރީ މިބުނަނީއެއްނު، އެއީ ބަކައްޓެކޭ. “

ފަހުދު ބުންޏެވެ. ” މައްސަލައެއްނެތް. ހިނގާ ކައިރިއަށްގޮސް އެއީ ކޮން އެއްޗެއްތޯ ބަލަން.” 

ދެން އެމީހުން އެއާއި ކައިރިއަށް ދާންފެށިއެވެ. ކައިރިއަށް ދެވޭވަރަކުން މަންޒަރު ސާފުވަމުން އާދެއެވެ. ކޮންމެއަކަސް އެމީހުނަށް އެ ފެނުނު އެއްޗަކީ ކާޅެއްކަން ޔަޤީންވެއްޖެއެވެ.

ފަހުދު އެކުވެރިޔާއާދިމާއަށް ބުންޏެވެ. ” އަޚާ! ﷲ ގަންދީ ބުނަން އެއީ ކާޅެއް. “

ނަމަވެސް އެކުވެރިޔާ، ފަހުދު އެބުނި އެއްޗަކަށް އިންކާރުކުރާ ގޮތަށް ދެފަރާތަށް ބޯ ތަޅުވާލިއެވެ. އަދި ބުންޏެވެ. ” އެއީ ބަކަށްޓެއް. “ 

އެކުވެރިޔާ އެބުނި ބަހަށް ފަހުދު އެއްޗެކޭ ނުބުނެއެވެ. އެމީހުން އެއާއި ކައިރިވާވަރަކުން ، ބަޔަކު އަންނަކަން އެނގިގެން  ކާޅު އުދުއްސައިގަނެފިއެވެ.

ފަހުދު އެކުވެރިޔާއާއި ދިމާއަށް ބަލާލާފައި ބުންޏެވެ. ” ﷲ އަކްބަރު! ކާޅެއް! ތިބާއަށް ފޭނޭތަ! އެއީ ކާޅެއް، އެ އުދުއްސައިގަތީ! “

އެކުވެރިޔާ ގޮތްދޫނުކުރަންވެގެން ބުންޏެވެ. ” އުދުހުނަސް އެއީ ބަކައްޓެއް. “ 

މިވާހަކަ ބަޔާން މިކުރީ ، މުޖުތަމަޢުގައި އުޅޭ ބައެއްމީހުންނަކީ އެމީހުންނަށް ކިތަންމެ ވަރަކަށް ކަމެއް ސާފުކޮށް ބަޔާން ކޮށްދިނަސް ގޮތްދޫނުކުރާ ޒާތުގެ މީހުންނެވެ. އަދި ބައެއް މީހުންނަކީ އެމީހުންނަށް ތިބާ ތަޢުރީފުކޮށް ކިތަންމެ ހެޔޮއެދިގެން އުޅުނަސް އެމީހުން ތިބާގެ ވާހަކައާއިމެދު ރަނގަޅުގޮތަކަށް ނުދެކޭ މީހުންނެވެ. ނުވަތަ ތިބާގެ ވާހަކައަށް މާބޮޑު ސަމާލުކަމެއްނުދީފާނެ މީހުންނެވެ. 

މިޘާލަކަށް ތިބާ އެކަހަލަ މީހެއްކައިރީ ” މާޝާﷲ! ތިބާގެ ގަމީސް ހާދަ ރީއްޗެވެ. ތިބާ ފެންނަނީ އަލަތު ކައިވެނީގެ ފުރަތަމަ ރޭ ހޭދަކުރާ މީހެންހެންނެވެ. ” މިފަދައިން ބުނެ އެފަދަ މިޒާޖުގެ މީހެއްގެ ކިބައިން ހިނިތުންވުމަކަށް ނުވަތަ ޝުކުރިއްޔާއޭ ބުނުމަށް ތިބާ އުންމީދުކުރިޔަސް ، ތިބާ އުންމީދުކުރިފަދަ ރަނގަޅުގޮތަކަށް އޭނަ ތިބާ ބުނި ބަހާއި މެދު ނުދެކޭނެއެވެ. އޭގެ ބަދަލުގައި ތިބާ ބުނިބަހާއި މެދު މާބޮޑު އަޅާލުމެއްނެތް ގޮތަކަށް ބަލާލާފައި މިފަދައިން ބުނެއެވެ. ” ތިމަންނައާއި ދޭތެރޭ އެހާބޮޑަށް ހަމްދަރުދީވެ ހެޔޮއެދޭ މީހަކަށްނުވާށެވެ.”  ނުވަތަ ތިބާ މާޔޫސްވެ ދެރަވާކަހަލަ ބަސްތަކެއްބުނެފާނެއެވެ. އެއިން ހާމަވެގެން ދަނީ އެހެންމީހުންނާއި މުޢާމަލާތްކުރުމުގައި އޭނަގެ ތަޖުރިބާ މަދުކަމެވެ. 

ހަމައެފަދައިން އަންހެނަކު އޭނާގެ ފިރިމީހާގެ ކިބައިން އެފަދަ ކަމެއް ތަޖުުރިބާކޮށްފާނެއެވެ. މިޘާލަކަށް ފިރިމީހާއާއި އެކު ވާހަކަދެއްކުމުގެ ތެރޭގައި ޖޯކު ވާހަކައެއް ކިޔުމުގެރެއިން މަޖާވެ ހިނިއައިސްފައި ހުރެ އަނބިމީހާ ވާހަކަ ކިޔައިދީފަނެއެވެ. ނަމަވެސް ފިރިމީހާ އެކަން ރަނގަޅުގޮތަަކަށް ނުނަގައި އަނބިމީހާއާއި ދިމާއަށް މިފަދައިން ބުނެފާނެއެވެ. ” ކޮންމެހެން ގަދަކަމުން ހޭންއުޅޭނެކަމެއްނެތެވެ." 

ތަފާތު މިޒާޖުތަކުގެ މީހުންނާއި މުޢާމާލާތްކުރުމުގައި ބޭނުންކުރަންޖެހޭ ހުނަރުތައް ތަފާތުވާނެއެވެ. ނަމަވެސް ތިބާ ކޮންމެފަދަ ހުނަރެއް ބޭނުންކުރިޔަސް އެއިން ހުނަރެއްގެ ސަބަބުން، ތިބާ އެދޭފަދަ ނަތީޖާއެއް، އެބައެއްގެ ފަރާތުން ނުފެނިދާނެ ބަޔަކުވެސް މުޖުތަމަޢުގައި އުޅެދާނެކަން ހަނދާން ބަހައްޓާށެވެ. އަދި ތިބާއަށް ދިރިއުޅުމުގެ މައިދާނުގައި އެފަދަ މިޒާޖުގެ މީހަކާ ބައްދަލުވިޔަސް ހަނދާން ބަހައްޓަންވީ އެއީ މުޖުތަމަޢުގައި ނިސްބަތުން މަދުބައެއްކަމެވެ.

ނޯޓް :- މިއީ ޑރ. މުޙައްމަދު ޢަބްދުއްރަޙްމާނު އަލް ޢަރީފީ ލިޔުއްވާފައިވާ ” اِسْتَمْتَعُ بِحَيَاتِكَ " މިފޮތުން ނަގާފައި. 

--ބިލާލް ޢަބްދުއްސައްތާރު

 

މިއަދު އޮންލައިން