ޤިޔާމަތް ދުވަހު އެންމެ ހިތާމަކުރާނެ އެއްބައަކީ
ކުރި އަޅުކަމުގައި އެއްވެސް ބުރަދަނެއް ނެތުމުން ﷲ ތަޢާލާ އެޢަމަލުތައް ޤަބޫލުފުޅު ނުކުރެއްވެވި މީހުންނެވެ. މިގެނެސްދެނީ އެޙާލަތު ކުރިމަތިވުމަށް ނުއެދޭމީހާ ވިސްނަންވީ ކަންކަމެވެ.
ކޮންމެ އަޅުކަމަކަށްވެސް 2 ޝަރުޠަކާ 3 ތަނބެއްވެއެވެ!
ފުރަތަމަ ޝަރުޠަކީ އިޚްލާޞްތެރިކަމެވެ. އެއިގެ މާނައަކީ ކޮންމެ އަޅުކަމެއްވެސް ކުރަންވާނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދިގެންނެވެ. ޘަވާބަށް އެދިގެންނެވެ. ދެއްކުންތެރިކަން ނުވަތަ އެނޫންވެސް އެފަދަ ނިޔަތެއް އޮވެގެން ނުވާނެއެވެ.
ދެވަނަ ޝަރުޠަކީ ކޮންމެ އަޅުކަމެއްވެސް ރަސޫލް ﷺ ގެ ސުންނާއި އެއްގޮތަށް ކުރުމެވެ. އަމިއްލައަށް ކަންކަން ބަދަލުކުރުމެއް ނެތެވެ. ކޮންމެ އަޅުކަމެއްވެސް ކުރަންވާނީ އެކަމެއް ކުރަން ރަސޫލް ﷺ އުނގަންނަވައި ދެއްވަވާފައިވާގޮތަށެވެ.
ދެން އޮތީ އަޅުކަމުގެ 3 ތަނބެވެ.
ފުރަތަމަ ތަނބަކީ ކޮންމެ އަޅުކަމެއްވެސް ކުރަންވާނީ ﷲ ތަޢާލާއަށް ލޯބިންނެވެ. އެކަލާނގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ނަމާދުކުރިނަމަވެސް ޤުރްއާން ކިޔެވިނަމަވެސް ޛިކުރްކުރިނަމަވެސް އަދި އެހެން އަޅުކަމެއް ކުރިނަމަވެސް އެކަމެއް ކުރަންވާނީ ﷲ ތަޢާލާއަށް ލޯބިންނެވެ. އެކަލާނގެ ލޯބިވެވޮޑިގަތުން ހޯދުމަށެވެ. އެކަލާނގެއާއި ކުއްތަންވުމަށެވެ. ހަމަ އެއާއިއެކު ކޮންމެ އަޅުކަމެއް ކުރިނަމަވެސް ކުރަންވާނީ ކުރާހިތުންނެވެ.
ﷲ ތަޢާލާ އަށް ލޯބިވުމުގައި އެއްވެސް އިމެއްނެތެވެ. ކޮންމެ ދުވަހަކުވެސް މަސައްކަތްކުރަންވީ ލޯބި އިތުރުކުރުމަށެވެ.
ދެވަނަ ތަނބަކީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ބިރުވެތިކަމާއިއެކު އަޅުކަންކުރުމެވެ. ތިމާކުރާ އަޅުކަން ޤަބޫލުފުޅު ނުކުރައްވަވައިފާނެ ކަމުގެ ބިރު އަބަދުވެސް ހިތުގައި ބާއްވަންޖެހޭނެއެވެ. އަޅުކަން ކުރަންވީ ގޮތަށް ކުރެވޭނީ އެއިރުންނެވެ.
ތިނންވަނަ ތަނބަކީ ތިމާކުރާ އަޅުކަން ޤަބޫލުފުޅު ކުރައްވަވާނެ ކަމުގެ އުންމީދުގައި އަޅުކަންކުރުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އުންމީދުކުރުމަކީ އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެކެވެ.
އެހެންވެ ބައެއް ޢިލްމުވެރިން ދޫންޏެއް ސިފަކުރައްވައެވެ. ބޮލަކީ ﷲ ތަޢާލާ ދެކެ ލޯބިވުން ކަމަށެވެ. ދެ ފިޔައަކީ ﷲ ތަޢާލާއަށް ބިރުވެތިވުމާއި ﷲ ތަޢާލާގެ ރަހްމަތަށް އުންމީދުކުރުން ކަމަށެވެ. ދޫންޏަށް އުދުހެވޭނީ ބޮލާއި ދެފިޔަ ސަލާމަތުން ހުރުމުން ކަމުގައިވާތީއެވެ.
އަހުރެން ބުނާނީ ކުރާ ކޮންމެ އަޅުކަމެއް ވެސް ފުރިހަމަވާނީ މި ބަޔާންކުރި 3 ތަނބާއި އެކުގައެވެ. ނޫންނަމަ އޮންނާނީ އަރިއަލާލައިފައެވެ.
--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން