އަޅުގަނޑުގެ ފިރިމީހާއަކީ ދިރިއުޅުން ރޭގަނޑު އެއްވެސް މަސައްކަތެއްކުރާ މީހެއް ނޫނެވެ. ކޮންމެހެން ދާންޖެހޭކަށް މައިންބަފައިންނެއް ދުނިޔެއަކު ނެތެވެ. އެހެންކަމާއިއެކުވެސް ގެއަށް އަންނަނީ އަޅުގަނޑު ނިދާފަހުންނެވެ. ކައިވެނިކުރީ މިގޮތަށް އެކަނި ނުނިދަންވެގެންނެވެ. ކައިވެނީގެ މަޤްޞަދު ޙާޞިލުނުކުރެވޭނަމަ ވަރިވުމުން އަޅުގަނޑު ފާފަވެރިވާނެތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއައީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އެކަމަކު ކިރިޔާވެސް ކެތްތެރިވެވޭނަމަ އަދި ވަރިއަށް ނުއެދޭށެވެ. ވިސްނައިދޭން މަސައްކަތްކުރާށެވެ. ތިރީގައިވާ ލިޔުން ފިރިކަލުންނަށް ޙިއްޞާވެސްކޮށްލައްވާށެވެ!
ސުވާލެކެވެ. ރޭއަޅުކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރި އަޅުކަން ކަމަށްވެފައި، ރޭއަޅުކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަޅުކަން ކަމަށްވާއިރުވެސް އަނބިންގެ އުފާތަކުން މަޙްރޫމްކޮށް، ނުނިދާ ރޭއަޅުކަން ކުރުން ދީނުގައި ނެތްއިރު އަނބިމީހާގެ އުފާތަކުން މަހްރޫމްކޮށް އަނބިން އެކަނި އޮވެ ނިދާއިރުވެސް ގެއިން ބޭރުގަ ވަޤުތު ބޭކާރުކުރާ މީހުން ﷲ ތަޢާލާގެ ޙަޟްރަތުގަ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟
ހަމައެކަނި މިކަމަށް ވިސްނައިލިނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު ދިރިއުޅެމުންމިދާ ގޮތް އިޞްލާޙްކުރަން ނުޖެހޭ ބާވައެވެ! ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ސަލްމާނުލްފާރިސީ ދެއްވެވި ނަޞޭޙަތް: އަނބިންގެ އުފާތަކުން މަޙްރޫމްކޮށް، ނުނިދާ ރޭއަޅުކަން ކުރުމެއް ނެތް!
އަބޫ ޖުހައިފާ ރިވާކުރެއްވިއެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަބުއްދަރުދާ އާއި އަދި ސަލްމާނުލްފާރިސީ އާއި ދެބޭކަލުން އަޚުކުރެއްވެވިއެވެ.
އެއްފަހަރެއްގައި ސަލްމާން އަބުއް ދަރުދާގެ ގެކޮޅަށް ޒިޔާރަތްކުރެއްވިއެވެ. އަދި އެކަލޭގެފާނަށް އުއްމު ދަރުދާ(އަބުއްދަރުދާގެ އަނބިކަނބަލުން) ވަރަށް ބާ ހެދުންކޮޅެއް ތުރުކުރައްވައިގެން ހުންނެވި ތަން ފެނިވަޑައިގަތެވެ. އަދި އެކަމަނާ އެހާލުކޮޅުގައި ހުންނެވީ ކީއްވެގެންތޯ ސުވާލުކުރެއްވިއެވެ.
އެކަމަނާ ޖަވާބުދެއްވިއެވެ. “ތިބާގެ އަޚާ އަބުއްދަރުދާ މި ދުނިޔޭގެ (ޒީނަތްތެރިކަމަށް) އެއްވެސް ސައުޤުވެރިކަމެއް ނެތެވެ.” ހަމަ އެވަގުތު އަބުއްދަރުދާ ދުރުވެއްޖެއެވެ. އަދި ސަލްމާންއަށް ފަރިއްކޮޅު ތައްޔާރުކުރައްވައިފިއެވެ. އެވަގުތު ސަލްމާނު އަބުއްދަރުދާގެ އަރިހުން ސަލްމާނާއި އެކުގައި ކެއިންބެއްލެވުމަށް އެދިވަޑައިގަތެވެ. ދެން އަބުއްދަރުދާ އެކަލޭގެފާނު ހުންނެވީ ރޯދައަށް ކަމަށް ވިދާޅުވިއެވެ.
ސަލްމާން ވިދާޅުވިއެވެ. ” އަހަރެން ތިބާ ނުކަންޏާމު ނުކާނަމެވެ” ދެން އަބުއްދަރުދާ ސަލްމާނުއާއި އެކު ފަރިއްކުޅުވައިފިއެވެ.
ދެން ރޭގަނޑުވުމުން (ރޭގަނޑުން ބަޔެއް ފާއިތުވުމުން) އަބުއްދަރުދާ (ދަމުނަމާދު ކުރެއްވުމަށް) ތެދުވެވަޑައިގަތެވެ. ނަމަވެސް ސަލްމާނު އެކަލޭގެފާނަށް އަދި ނިދކުރެއްވުމަށް އެދިލެއްވުމުން އަބުއް ދަރުދާ އަލުން ނިދިކުރެއްވިއެވެ. އަނެއްކާވެސް އިރުގަނޑެއްފަހުން އަބުއްދަރުދާ ތެދުވެލެއްވުމުން އަނެއްކާވެސް ސަލްމާނު އެކަލޭގެފާނުގެ ގާތުގައި ނިދިކުރެއްވުމަށް ދަންނަވައިފިއެވެ.
ދެން ރޭގަނޑުގެ ފަހުވަގުތަށް އެޅުމުން ސަލްމާނު އެކަލޭގެފާނުގެ އަރިހުގައި ތެދުވުމަށް ދަންނަވައި އަދި ދެވެރިން އެކުގައި ދަމުނަމާދުކުރައްވައިފިއެވެ.
(އެޔަށްފަހު) ސަލްމާން އަބުއްދަރުދާއަށް ދެންނެވިއެވެ. ” ތިބާގެ ވެރިރައްބުގެ މައްޗަށް ތިބާއަށް ހައްޤުތަކެއްވެއެވެ. އަދި ތިބާގެ ފުރާނައިގެ މައްޗަށް ތިބާގެ ހަށިގަނޑަށް ހައްޤުތަކެއްވެއެވެ. އަދި ތިބާގެ ޢާއިލާގެ މައްޗަށް ތިބާއަށް ޙައްޤުތަކެއްވެއެވެ. ވީމާ އެހުރިހާ ފަރާތްތަކެއްގެ މައްޗަށް ތިބާގެ ކޮނޑުގައި އެޅިފައިވާ ޙައްޤުތައް ތިބާއަދާކުރަންވާނެއެވެ."
ދެން އަބުއްދަރުދާ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަގެ) އަރިހަށް ވަޑައިގެންނެވިއެވެ. އަދި ހުރިހާވާހަކައެއް ދެންނެވިއެވެ. ދެން ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ. ” ސަލްމާނު އެބުނީ ތެދެވެ".
(ރިވާކުރެއްވީ އިމާމު ބުޚާރީ)
- -ޝައިޚް ޢަބްދުއްރަޙީމް ބިން މުޙައްމަދު