ކައްވަޅުގެ ފުރަތަމަ މަރުޙަލާ!: މަރުވުމުން ﷲ ގެ ޙަޟްރަތަށް ފުރާނަ އުފުއްލެވުމާ ބިމަށް ފޮނުއްވެވުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 6ސ
ކައްވަޅުގެ ފުރަތަމަ މަރުޙަލާ!: މަރުވުމުން ﷲ ގެ ޙަޟްރަތަށް ފުރާނަ އުފުއްލެވުމާ ބިމަށް ފޮނުއްވެވުން-

اَلْبَرَاءُ بُنُ عَازِبٍ رَضِيَ اللهُ عَنْهُ  ގެ حدِيْثُ ގެ تَرْجَمَة

ﷲ ރުއްސުންލެއްވި اَلْبَرَاءُ بُنُ عَازِب ވިދާޅުވިއެވެ. أَنْصَارِيَّ ބޭކަލުންގެ ތެރެއިން ބޭކަލެއްގެ جَنَازَة އަށް سَلاَمْ އާއި صَلَوَاة ލެއްވި نَبِى ކަލޭގެފާނުގެ އަރިހުގައި ތިމަންބޭކަލުން ނުކުމެވަޑައިގަތީމު އެވެ. ތިމަންބޭކަލުން ކަށްވަޅާ ހަމައަށް ވަޑައިގެންފީމު އެވެ. ފަހެ مَيّت އާ ކަށްވަޅުގައި ބޭއްވުމުގެ ކުރިން رَسُولُ الله صَلَّى الله عَلَيْهِ وَسَلَّم އިށީދެވަޑައިގެންފި އެވެ.    (އެހެން رِوَاية އެއްގައި ވެއެވެ. އިށީދެވަޑައިގަތީ  قِبْلَة އަށް  ކުރިމަތި  ލައްވައިގެންނެވެ. اهـ)   

ތިމަންބޭކަލުންވެސް އަރިހުގައި އިށީދެއްޖައީމު އެވެ. ތިމަންބޭކަލުން ތިއްބެވީ އެއްވެސް حَرَكَاة

(1)          އެއްނެތި، ވަރަށް ހަމަހިމޭންކަން މަތީގައެވެ. އިތުރު އެކަލޭގެފާނުގެ އަތްޕުޅުގައި އޮތް ދަނޑިކޮޅަކުން ބިންމަތީގައި މަޑުމަޑުން ޖައްސަވާލައްވަން އިންނެވި އެވެ. (ނޯޓު: މިކަމަކީ ކަމަކާ މެދު ފިކުރު ބޮޑުވެފައިވާ މީހާގެ އާދައެއްގެ ގޮތުގައި ކުރެވޭ ކަމެއް ކަމުގައި ބެލެވޭ ކަމެކެވެ. ) މިފަދައިން އިންނަވާފައި سَلاَم އާއި صَلَوَاة ލެއްވި އިތުރު އެކަލޭގެފާނު އިސްތަށިފުޅު އުފުއްލަވައި ލައްވައިފިއެވެ. ދެން حَدِيث ކުރެއްވި އެވެ. ކަށްވަޅުގެ عَذَاب ން ސަލާމަތް ކޮށްދެއްވުން އެދި ﷲ ގެ ރައްކައުތެރިކަން ލިބިގަތުމަށް ﷲ އަށް دُعَاء ކުރާށެވެ. މިފަދައިން ދެތިންފަހަރު حدِيث ކުރެއްވިއެވެ. (އެހެން رِوَايَة އެއްގައި ވެއެވެ. حديث ކުރެއްވި އެވެ. اَللَّهُمَّ إِنِّى أَعُوْذُبِكَ مِنْ عَذَابِ الْقَبْرِ މިފަދައިން ތިންފަހަރު ވިދާޅުވިއެވެ. اهـ) އެއަށްފަހު حديث ކުރެއްވިއެވެ. ހަމަކަށަވަރުން مُؤْمِن އާ، ދުނިޔެއިން ވަކިވެ آخرة އާ ކުރިމަތިލުމުގެ ވަގުތު އަތުވެއްޖެއްޔާ އޭނާގެ ކައިރިއަށް އުޑުން މާލާއިކަތުން ފައިބާ ވަޑައިގަންނަވާނެއެވެ. އެބޭކަލުންގެ މޫނުފުޅުތައް އިރުގެ އަލިފަދައިން އަލިވެގެން ވެއެވެ ސުވަރުގޭގެ ކަފުނުގެ ތެރެއިން ކަފުނާއި، ސުވަރުގޭގެ حَنُوْطُ ގެ ތެރެއިން حَنُوْطُ އެބޭކަލުން ގެންނަވާނެއެވެ. އެބޭކަލުން ވަޑައިގެން ލޮލަށް ފެންނަފަށުގައި އިށީދެ ވަޑައިގަންނަވާނެ އެވެ. ދެން مَلَكُ الْمَوْت عَلَيْهِ السَّلاَم އޭނާގެ ބޯލާކޮޅުގައި އިށީދެ ވަޑައިގަންނަވާނެއެވެ. ވިދާޅުވާނެއެވެ. އޭ ހެޔޮލަފާ ފުރާނައާއެވެ! ﷲ ގެ حَضْرَة ން ކަލެއަށް ހުރި ފާފަފުއްސެވުމާއި، ރުއްސެވުމުގެ ތެރެއަށް ކަލޭ ނުކުންނާށެވެ. حديث ކުރެއްވި އެވެ. ދެން އެހިނދު ފެންހަމަކުން ފެންފޮދެއް އޮހިގެން އަންނަފަދައިން، އެފުރާނަ ލުއިފަސޭހަކާއެކު ނުކުންނާނެއެވެ. ހަމަ ނުކުތުމާއެކު އެ مَلاَئِكَة އާ އެފުރާނައިގައި ހިއްޕަވާނެއެވެ. ފަހެ އެ مَلاَئِكَة އާ އެފުރާނަ ހިއްޕަވާފައި އެސްފިޔަ ޖަހާހައި ހިނދުކޮޅަކުވެސް އެ مَلاَئِكَة އާގެ އަތްޕުޅުގައި އެފުރާނަ ނުބާއްވަވާނެއެވެ. حَاضِر ވެ ތިއްބެވި مَلاَئِكَة ން އޭގައި ހިއްޕަވާނެއެވެ.  ހަމަ ހިއްޕެވުމާއެކު، (ސުވަރުގެއިން ގެންނަވާފައިވާ) ކަފުނާއި حَنُوْطُ ގައި އެފުރާނަ ލައްވަވާނެއެވެ. ( އެހެން رِوَايَة އެއްގައި ވެއެވެ. حَدِيث ކުރެއްވިއެވެ. تَوَفَّتْهُ رُسُلُنَا وَهُمْ لاَ يُفَرِّطُوْنَ (سورة الأنعام 61 ) އަރަހުށި މާތް ﷲ ގެ މިބަސްފުޅުގައި އެވަނީ މިވާހަކަފުޅެވެ. اهـ)  

حَدِيث ކުރެއްވިއެވެ. ފަހެ ދުނިޔޭގައިވާ އެންމެ މީރުވަސްދުވާ ގޮމަކަސްތޫރީގެ މީރުވަސްފަދަ މީރުވަހެއް އެފުރާނައިން ދުވަދުވާ ހުންނާނެއެވެ. ދެން އެފުރާނައާއިގެން އެބޭކަލުން އުޑަށް އަރާވަޑައި ގަންނަވާނެ އެވެ. މިއީ ހެއުލަފާ ކޮން  ފުރާނައެއްހޭ ވިދާޅުވާ ކަމުގައި  ނުވާ، مَلاَئِكَة ންގެ އެއްވެސް جَمَاعَة އެއްގެ އަރިހުންލާފައި އެބޭކަލުންނަކަށް ވަޑައެއް ނުގެންނެވޭނެ އެވެ. އެފުރާނަ ހިއްޕަވައިގެން ވަޑައިގަންނަވާ مَلاَئِكَة ން ދަންނަވާނެތެވެ. މިއީ މިވެނިމީހެއްގެ ދަރި މިވެނި މީހާއެވެ. މިގޮތުން އެބޭކަލުން ވިދާޅުވާހުށީ ދުނިޔޭގައި އެނަންތަކަކުން އޭނާއަށް مُخَاطَب ކުރެވިފައިވާ ނަންތަކުގެ ތެރެއިން އެންމެ ރިވެތި ނަންނަމުންނެވެ. ފަހެ އެފުރާނައާއިގެން ދުނިޔޭގެ އުޑާއި ހަމައަށް ވަޑައިގަތުމުން، އެފުރާނައަށްޓަކައި އެއުޑު ހުޅުއްވައި ދެއްވުމަށް އެދިވަޑައިގަންނަވާނެއެވެ. ދެން އެބޭކަލުންނަށް އެއުޑު ހުޅުއްވައި ދެއްވެވޭ ހުއްޓެވެ. މިގޮތުގެމަތީން އެއާ ޖެހުނު އުޑަށް އެފުރާނަ އާއިގެން އެބޭކަލުން އަރާވަޑައިގަންނަވާނެއެވެ. މިމޭރުމުން ވަޑައިގަންނަވާއިރު ކޮންމެ އުޑަކުންވެސް އެއުޑެއްގައި ﷲ އާ ކުއްތަން ކުރެއްވިގެންވާ مَلاَئِكَة ން އެފުރާނައާ ތަބާވެވަޑައިގެން އެއާ ޖެހުނު އުޑާ ހަމައަށް ވަޑައިގަންނަވާނެ އެވެ. އެއީ ހަތްވަނަ އުޑަށް އަރާވަޑައިގެންފުމަށް ދާންދެންނެވެ.  

އެހިނދު އަރަހުށި މާތް الله وَحِى ބަސްފުޅު އިއްވަވާނެއެވެ. ތިމަން ﷲ ގެ އަޅާގެ ފަތް عِلِّيُّون (ބައްލަވާ: ص : 50(  ގައި ލިއުއްވާށެވެ. އަދި އެފުރާނަ ބިމަށް إِعَادَ ކުރައްވާށެވެ.  އެހެނީ ހަމަކަށަވަރުން ތިމަން ﷲ އެބައިމީހުން ހެއްދެވީ ބިމުންނެވެ. އަދި އެބައިމީހުން إِعَادَ ކުރައްވާހުށީ އެބިމަށެވެ. އަދި ތިމަން ﷲ ދެވަނަ ފަހަރަށް އެބައިމީހުން ނެރުއްވާހުށީ ހަމަ އެބިމުންނެވެ. حَدِيث ކުރެއްވިއެވެ. ދެން އޭނާގެ ފުރާނަ އޭނާގެ ހަށިގަނޑަށް إِعَادَ ކުރެއްވޭ ހުއްޓެވެ.( ނޯޓް: އެބަހީ، ކަށްވަޅުގެ إِمْتحَان އަށްޓަކައި އޭނާގެ ފުރާނަ އޭނާގެ ހަށިގަނޑަށް إِعَادَ ކުރެއްވޭ ވާހަކައެވެ.)  (އެހެން رِوَايَة އެއްގައިވެއެވެ. حَدِيْث ކުރެއްވިއެވެ. ފަހެ ހަމަކަށަވަރުން އޭނާ ވަޅުލާން ދިޔަމީހުން އެނބުރި ދާއިރު، އެބައިމީހުން ފައިވާނުގައި ހިނގާފައިދާ އަޑު އެހިނދު އޭނާއަށް އިވިއިވި ހުންނާނެއެވެ. اهـ) ދެންފަހެ ހަމަ އެވަގުތު އެ مَلاَئِكَة ން ވަޑައިގެން އޭނާ ކަށްވަޅުގައި ބައިންދަވައިގެން އޭނާއާ سُؤَالُ ކުރައްވާނެއެވެ.

ކަލޭގެ رَبّ އަކީ ކާކު ހެއްޔެވެ؟ އޭނާ ދަންނަވާނެ އެވެ. ތިމަންގެ رَبّ އަކީ ﷲ އެވެ. އެދެބޭކަލުން ވިދާޅުވާނެ އެވެ. ކަލޭގެ دِيْن އަކީ ކޮން دِيْن އެއްހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. ތިމަންގެ دِيْن އަކީ إِسْلاَم ދީނެވެ. އެދެބޭކަލުން ވިދާޅުވާނެއެވެ. ތިޔަބައި މީހުންގެ ތެރެއަށް ފޮނުއްވެވުނު މިބޭކަލަކީ ކޮންބޭކަލެއް ހެއްޔެވެ؟ އޭނާ ދަންނަވާނެ އެވެ. އެބޭކަލަކީ، رَسُوْلُ الله صَلّى اللهُ عَلَيْهِ وَسَلَّم އެވެ.  އެދެބޭކަލުން ވިދާޅުވާނެއެވެ. ކަލޭގެ عِلْمُ އަކީ ކޮން عِلْمً އެއްހެއްޔެވެ؟ ފަހެ އޭނާ ދަންނަވާނެ އެވެ. ﷲ ގެ ފޮތް (އެބަހީ، ކީރިތި قُرْآن) ތިމަންނާ ކިޔަވާ، އެއަށް إِيْمَان ވެ އެތެދު ކުރީމެވެ.  

އެހިނދު إِلَهِى حَضْرَةُ ން ނިދާ އިއްވެވޭ ހުއްޓެވެ. ތިމަން ރަސްކަލާނގެ އަޅާ ތެދުބުނެފިއެވެ. އޭނާއަށް ސުވަރުގޭގެ ތަންމަތީން ތަންމަތި ފަތުރުއްވާށެވެ. އަދި ސުވަރުގޭގެ ފޭރާމުން އޭނާއަށް ފޭރާން ލައްވާށެވެ. އަދި އޭނާއަށްޓަކައި ސުވަރުގެއާއި ދިމާޔަށް ދޮރެއް ހުޅުއްވާށެވެ.  

حَدِيْث ކުރެއްވިއެވެ. ފަހެ އެހިނދު ސުވަރުގޭގެ މީރުވަހުގެ ތެރެއިން މީރުވަސް އޭނާއަށް ދުވަދުވާ ހުންނާނެއެވެ. އޭނާގެ ލޮލުކޮޅަށް ފެންނަހާ ހިސާބަށް އޭނާގެ ކަށްވަޅު ތަނަވަސް ވެގެންދާނެއެވެ. حَدِيْث ކުރެއްވިއެވެ. މޫނުރިވެތި، ފޭރާން ރިވެތި، މީރުވަސްދުވަދުވާ ހުންނަ ބޭކަލަކު އޭނާގެ ކައިރިއަށް ވަޑައިގަންނަވާނެއެވެ. އަދި އެބޭކަލަކު ވިދާޅުވާނެއެވެ. ކަލެއަށް އުފާވެރިކަން ލިބޭ ކަންތައްތަކުން ކަލޭ އުފާ ލިބިގަންނާށެވެ. މިއީ ކަލެއަށް وَعْدُ ކުރެއްވުނު ދުވަހެވެ. ފަހެ އޭނާ ދަންނަވާނެއެވެ. ތިޔައީ ކޮން ބޭކަލެއްތޯއެވެ؟ ތިޔަމޫނަކީ ހެޔޮކަމައިގެން ވަޑައިގެންނެވި މޫނަކީމުއެވެ. އެބޭކަލަކު ވިދާޅުވާނެއެވެ. އަހުރެންނަކީ ކަލޭގެ صَالِحْ عَمَل އެވެ. އޭނާ دُعَاء ދަންނަވާނެއެވެ. މިއަޅާގެ ވެރިރަސްކަލާކޮ! قِيَامَة قَائِم ކުރެއްވުން އަވަސްކުރައްވާނދޭވެ! އެއީ މިއަޅާގެ أَهْلُ ވެރިންނާއި، މިއަޅާގެ މުދާވެރި ކަމަށް (އެބަހީ ، ސުވަރުގޭގެ މަތިވެރި نِعْمَة އަށް) މިއަޅާ رُجُوْعَ ވުމަށްޓަކައެވެ. އެހެން رِوَايَة އެއްގައި ވެއެވެ. އޭނާއަށް އެންގެވޭ ހުއްޓެވެ. އަވަސްވެ ނުގަންނާށެވެ! اهـ)  

- އަލްއުސްތާޛް އާދަމްނަސީމު  ހ. ޕޫނަމް (ބިއޭ ނަސީމް) ލިޔުއްވާފައިވާ މަރުވުމަށްފަހު ވާނީ ކިހިނެއް! (ބަރުޒަޚްގެ ޢާލަމް) ފޮތުން-

މިއަދު އޮންލައިން