ހިތްދަތިވާން ތިއަ ޖެހެނީ ގެންގުޅެވޭ ވިސްނުމަކުން! މިކަންކަމަށް ސަމާލުކަން ދިނުމުން ހިތްހަމަޖެހުމާ އުފާވެރިކަން ނުލިބުނު މީހަކު އެނގިފައެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ހިތްދަތިވާން ތިއަ ޖެހެނީ ގެންގުޅެވޭ ވިސްނުމަކުން! މިކަންކަމަށް ސަމާލުކަން ދިނުމުން ހިތްހަމަޖެހުމާ އުފާވެރިކަން ނުލިބުނު މީހަކު އެނގިފައެއް ނެތް!

ފުރަތަމަ ކަމަކަށް ހަނދާނުގަ ބަހައްޓަންވީ ތިމާކުރާ ޢަމަލުތައް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާ ފަދައިން އެހެން މީހުން ތިމާއަށް ކުރާކަންކަންވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާ ކަމެވެ. އަދި މީހަކު ނުވަތަ ބައަކު ޙަސަދަވެރިވެ ކިތަންމެ ނުބައި ރޭވުންތަކެއް ރޭވިނަމަވެސް ތިމާއަށް ކުރިމަތިވާނީ ހަމައެކަނި ﷲ ތަޢާލާ ކުރިމަތިކުރެއްވެވި ކަމެއް ކަމެވެ.  

ވިސްނާށެވެ! ހުރީ ގަދަވެ ސަލާމަތުންނެވެ. ދުޅަހެޔޮ ޞިއްޙަތުގައެވެ. އަތުގެ މުލައްދަނޑީގައި ހެޓަކަށް ބާރުވެސް އެބަހުއްޓެވެ! އެކަމަކުވެސް ހަމަ އެއަތުން ކުރަން ބޭނުންވާ ކަންކަން ނުކުރެވެނީ ކީއްވެގެންހެއްޔެވެ؟  

ރޭވި ޕްލޭން ފޭލްވީ ހެއްޔެވެ؟ ލޯބިވެރިޔާ ގެއްލުނީ ހެއްޔެވެ؟ ބައިވެރިވި އިމްތިހާނުން ފޭލްވީހެއްޔެވެ؟ ލިބޭނެ ކަމަށް އުންމީދު ކޮށްގެން ހުރި ވަޒީފާ ލިބޭނެ ގޮތް ނުވީހެއްޔެވެ؟

މިފަދަ ކޮންމެ ހާލަތަކާއި ގުޅިގެން މީސްތަކުންގެ ރުޅި ގަދަވެގެންދެއެވެ. ތިމާއަށް އެވެނި ކަމެއް ޙާޞިލު ނުކުރެވުނީ މިވެނި މީހަކާއި ހެދިކަމަށް އެބަ ބުނެއެވެ. ނުވަތަ މިވެނި ބައެއްގެ ހުރަސް އެޅުމުން ނުވަތަ މިވެނި މީހަކު ހެދި ސިހުރަކުން ކަމަށް އެބަ ބުނެއެވެ.

މިފަދަ ބަސްތައް ބުނެވޭނަމަ އެމީހާގެ އީމާންކަމުގައި މައްސަލަތަކެއް އެބަހުއްޓެވެ.  

1 ﷲ ތަޢާލާ ދެއްވަވަން މިންވަރު ކުރައްވަވާފައިވާ ނިޢްމަތަކަށް މިވެނި އެވެނި މީހާއަށް ހުރަސް އެޅޭނެ ކަމަށް ޤަބޫލުވެސް ކުރެވިގެން ނުވާނެއެވެ.

2 ﷲ ތައާލާ ދެއްވަވަން އިރާދަފުޅުކުރައްވަވާފައި ނުވާ އެއްވެސް ކަމެއް ލިބިގަނެވޭނެ އެއްވެސް ގޮތެއްވެސް ނުއޮންނާނެއެވެ. ދުނިޔޭގެ އެންމެން އެއްކޮޅަށް އަރާފައި އެކަމެއް ކޮށްދިނުމަށް މަސައްކަތްކުރި ނަމަވެސް ކޮށްދެވޭނެ ހަމަ އެއްވެސް ގޮތެއް ނުއޮންނާނެއެވެ.    

ޙަޤީޤަތަކީ އަހަރެމެން ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް އަހަރެމެންގެ އަތުގައި އެއްވެސް ކަމެއްގެ ކޮންޓްރޯލް ނެތުމެވެ. ހުރިހައި ކަންކަމުގެ އެންމެހައި ކޮންޓަރޯލްތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ. އަހަރެމެންނަށް ހަމަ އެކަނި ކުރެވެން އޮތް ކަމަކީ ޙާޞިލުކުރަން ބޭނުން ކަންކަން ޙާޞިލުކުރަން މަސައްކަތްކުރުމެވެ.  

މިވާހަކަ މިމޭރުމުން ތިއަ ޒުވާނުންނާއި ދައްކަން މިޖެހުނީ މިއަދުގެ ޒުވާނުންގެ މެދުގައި ހަސަދަވެރިކަން އިތުރުވާތީއެވެ. ޙާޞީލްކުރަން ބޭނުންވާކަމެއް ޙާޞިލު ނުކުރެވޭއިރަށް ތިމާފަދަ އެހެން މީހަކު ކުށްވެރިކުރާތީއެވެ. އެމީހަކަށް ޙަސަދަވެރިވެވޭތީއެވެ.  

މިބަޔާންކުރި މޭރުމުން ކަންކަން ހިތްމައްޗަށް ގެނެސް ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމުން އެމީހަކަށް އުފާވެރި މުސްތަޤްބަލެއް ނުލިބުނު މީހެއްގެ ވާހަކަ އަދި މިހައިތަނަށް އަޑު އިވިފައެއް ނެތެވެ. ހަމަ އެކަނި ޝަރުޠަކީ އިޚްލާޞްތެރިވުމެވެ. އުފާވެރިކަން ބޭނުން ނަމަ މިގޮތަށް އަމަލުކުރާށެވެ.  

ބުނަންހެއްޔެވެ؟ ތިމާއަށް އަނިޔާ އާއި ގެއްލުން ދިން މީހުންގެ ލިސްޓް ހަދައި، އެމީހެއްގެ ފަހަތުން ދުވަން ބޭނުންވާ މީހަކަށް ދުވަހަކުވެސް ހިތް ހަމަޖެހުމެއް ނުލިބޭނެއެވެ. ޙަސަދަވެރިކަން ކޮނޑުޖަހައިގެން ހުރުމުން ތިމާކުރާ ހެޔޮ އަމަލުތައް ދާނީ އަނދައި ހުލިވަމުންނެވެ. ވީމާ އުފާވެރިކަން ބޭނުންނަމަ މާޒީ، މާޒީއަށް ދޫކޮށްލާށެވެ! އެމީހަކު ކުރި ކަމެއް އެމީހަކަށް ދޫކޮށްލާށެވެ! އިޚްލާޞްތެރިކަމާއި ތަޤްވާވެރިކަން އިތުރުކުރާށެވެ. ކުރިން ބުނިފަދައިން ރަޙްމަތުގެ އިތުރު އެތައް ބައިވަރު ދޮރުތަކެއް ހުޅިވިގެންދާނެއެވެ. އިން ޝާ ﷲ! 

ﷲ ތައާލާ ވަޙީކުރައްވަވާފައިވަނީ ކިތަންމެ ގިނައިން ފާފަކުރެވިފައިވީ މީހާވެސް މާޔޫސްނުވުމަށެވެ. ތައުބާވުމަށެވެ. އަދިވެސް ކީއްހެއްޔެވެ. ގިނަ ޢިލމުވެރިން ބަޔާންކުރައްވާ ގޮތުގައި ތިމާއަށް އަމިއްލައަށް ނުހުޅުވޭ ހުރިހާ ދޮރުތަކެއް ހަމައެންމެ ތަޅުދަނޑިއަކުން ހުޅުވޭނެއެވެ! އެއީ އިސްތިޣްފާރުކުރުން ގިނަކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން