ކާންބޭނުންވިއިރު އަނބިމީހާއަށް ކާންހަދައި ނުދެވި ހުރެއްޖެނަމަ ރުޅިއައުމުގެ ބަދަލުގަ ހޯދެން އޮތް ޘަވާބު ހޯދަން އަވަސްވެގަތީމާ ކުރާނެ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކާންބޭނުންވިއިރު އަނބިމީހާއަށް ކާންހަދައި ނުދެވި ހުރެއްޖެނަމަ ރުޅިއައުމުގެ ބަދަލުގަ ހޯދެން އޮތް ޘަވާބު ހޯދަން އަވަސްވެގަތީމާ ކުރާނެ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

ފުރަތަމަ މިކިޔައިދެނީ ޙާދިސާއެކެވެ. ފިރިމީހާ ގެއަށް އައިއިރު ދަރިފުޅު އުރައިގެން އަނބިމީހާ އިނީ ފޯނަސްބަލާށެވެ! ކާންހަދާފައި ނެތުމުން އައީ ރުޅިއެވެ. ހީކުރީ ސޯޝަލްމީޑިއާގައި ވަޤުތު ހޭދަކުރަނީ ކަމަށެވެ. ރުޅިއައިސް އެއްޗެތިގޮވަންފެށީމާ ފިރިމީހާގެ އަތަށް ފޯނުދިނުމުން ބަލައިލިއިރު ފެނުނީ ދަރިފުޅަށް އެސްފީނާގެ އުނދަގޫވާނަމަ ޢަމަލުކުރަން އޮތްގޮތް ބުނެދޭ ލިޔުމެކެވެ.  

އަހުރެން މިބުނަނީ ބައަކު ސޯޝަލްމީޑިއާގައި ވަޤުތުތައް ބޭކާރުނުކުރާވާހަކައެއް ނޫނެވެ. ނަމަވެސް ތިމާގެ އަނބިމީހާއާއިމެދު ގޮތް ނިންމަންވާނީ އޭނާގެ ޢަމަލުތަކަށް ބަލައިގެންނެވެ. ނޫންނަމަ ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ލޯތްބަށް އުނިކަން އަންނާނެއެވެ.

ރަނގަޅު ފިރިންގެ ގިންތީގައި ހިމެނޭ ގިނަ މީހުން ބޭނުންވާނީ ދާދި އެއްކަންތައްތަކެކެވެ. އެއީ މަސައްކަތުން ނިމިގެން އޭނާއަށް ގެއަށްދެވޭއިރު ގޭތެރެއިން ހިތްހަމަޖެހުން ލިބުމެވެ. މިޘާލަކަށް ގޭތެރޭގެ ކަންކަން ތަރުތީބުވެފައިހުރުން، ކާންހަދާފައި ހުރުން، ސާފުތާހިރުވެގެންހުރެ އަނބިމީހާ ހިނިތުންވެލުން ފަދަ ކަންކަމެވެ.  

މިހާރަކަށް އައިސް ރަނގަޅު ފިރިހެނުންގެ ގިންތީގައި ހިމެނޭ ގިނަ ބައަކަށްވެސް ޤަބޫލުކުރަން އުނދަގޫ ނުވަތަ ޤަބޫލުކުރަން ބޭނުން ނުވާ ކަންތައްތަކެއްވެސް އެބަހުއްޓެވެ. އެމައްސަލަ ކުރިމަތިވަނީ އަނބިމީހާ ގޭގައި ހުރެގެން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ނުކުރެވުމުންނެވެ.  ކުރިން މިބުނި ކަންކަން ފުރިހަމަނުވެ ހުރީ އަނބިމީހާއަށް މަސައްކަތްބުރަވެގެންކަން ޤަބޫލުކުރަން ބޭނުންވަނީ ވަރަށް މަދު މީހެކެވެ.  

ޢިލްމުވެރިއަކު ވިދާޅުވެފައިވާ ބަސްދުޅެއްވެސް ފާހަގަކޮށްލާނަމެވެ. "ބަނޑުހައިވެގެންހުރެ ގެއަށްދާއިރު ނުކެއްކި ހުރިނަމަ ޕާންފޮތްޗެއް ނުވަތަ ބިސްކޯދެއް ނަމަވެސް ކާލައި އަމިއްލައަށް ހިތްހަމަޖެހުން ލިބިގަންނާށެވެ. ޚާއްޞަކޮށް ނުކައްކައިނަމަވެސް އަނބިމީހާ ހުރީ ނަމާދަށް ނަމަ ޢަމްދުން ޝަކުވާ ނުކުރާށެވެ. އޭނާއަކީ ފަރުޟް ނަމާދުތައްކުރަންޖެހޭ މީހްކުކަން ދަންނާށެވެ."  

އަދިވެސް ވިދާޅުވެފައިވެއެވެ. "މާޒުމަތީގައި ކާންހަޑާފައި ނެތްނަމަ އަދި އަނބިމީހާއަށް ކާންހަދައިދެވެންދެން އިންތިޒާރުކުރަން އުނދަގޫނަމަ އަމިއްލައަށް އަޅާލައިގެން ކާށެވެ. ކިތަންމެ ކުޑަ ކަމކުން ނަމަވެސް އަނބިންނަށް ލުއިފަސޭހަކޮށްދިނުމަކީ ސުންނަތެކެވެ. ޢަމަލުކުރުމުން ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ"

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން