ޤިޔާމަތް ދުވަހު ނަރަކައަށް ވަންނަންޖެހޭނެ މީހުން
ގިނަވެފައި ސުވަރުގެ ވަދެވޭނެ މީހުން މަދުވީމާ ގިނަބައަކަށް މާޔޫސްވެވެއެވެ. ތިމާއަށް ކުރިމަތިވާނެ ޙާލަތާއިމެދުގައެވެ. އެހެންވެ މިގެނެސްދެނީ އެމާޔޫސްކަން ފިލުވައިލެވޭނެ ލިޔުމެކެވެ. އިން ޝާ ﷲ
ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވެ ފާފަކުރުމަކުން އެމީހަކު އަދި އެހިސާބަކުންވެސް ނަރަކައަކަށް ނުލައްވަވަތެވެ. ނަރަކައަށް ލައްވަވާނީ ތައުބާ ނުވިނަމައެވެ. ފާފަކުރުމަށްފަހު ތައުބާވުމަށް އަވަސްވެނުގަންނަނަމަ އެމީހަކީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހެއް ނޫނެވެ. އަދި ތައުބާނުވެ ފާފަކުރުންމަތީގައި ދެމިިހުރިނަމަ އެމީހަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ގޮންޖަހާ މީހެކެވެ.
މިހެން މިބުނަނީ ބައެއް މީހުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ނުވަތަ ކަންބޮޑުވުމަކަށްވެފައި އޮންނަނީ ﷲ ތަޢާލާއީ ރަޙްމާންވަންތަ އަދި ރަޙީމްވަންތަ ކަލާނގެކަމަށްވެފައި މީސްތަކުން ނަރަކައަށް ލައްވަވާތީއެވެ. ފަށަމުން މިބަޔާންކުރީ މިއީ އެންމެ ނުބައިކަންބޮޑު އެއް ވިސްނުންކަމެވެ.
ނިކަން ވިސްނައިލަބަލާށެވެ! ތިބާއަކީ ޢާއިލާއަށް ހެޔޮ، އަނބިދަރިންނަށް އޯގާތެރި، ރަޙުމްކުރާ މީހަކަށްވެދާނެއެވެ. އެހެންކަމާއިއެކުގައިވެސް ތިބާކުރާ އަމުރުތަކަށް ތަކުރާރުކޮށް ކިޔަމަންތެރިނުވާނަމަ ހަމަ އެއްވެސް ފިޔަވަޅެއް ނުއަޅައި ހުންނާނީހެއްޔެވެ؟ އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި ޒިންމާދާރުކަމެއްހުރި ހަމަ އެކަކުވެސް ފިޔަވަޅު ނާޅައެއް ނުހުންނާނެއެވެ.
މީސްތަކުންނޭވެ! ތައުބާވުމަށް ﷲ ތަޢާލާ ވަނީ ވަރަށް ގިނަ ވަޤުތުތަކެއް ދެއްވަވައިފައެވެ. މަރުވުމާއި ހަމައަށްވެސް ވަނީ ވަޤުތު ދެއްވަވައިފައެވެ. ތައުބާވުމަށް އަވަސވެގަންނަން ޖެހެނީ ވަޤުތު ނުދެއްވަވާތީއެއް ނޫނެވެ. މަރުވުމުގެ ވަޤުތު އައިސް އެމީހަކާއި ބައްދަލުކުރާނެ ވަޤުތު ނުއެނގޭތީއެވެ. ތައުބާ ނުވެވި ހުއްޓައި މަރުވާންޖެހިއްޖެނަމަ ތައުބާވުމުގެ ފުރުޞަތު ގެއްލިގެންދާތީއެވެ.
ޚުލާޞާކޮށްލާފައި ބުނާނަމަ ކޮންމެ މީހަކަށްވެސް ނަރަކައަށް ވަންނަން ޖެހޭނީ ނަރަކައިން ސަލާމަތްވުމަށް ﷲ ތަޢާލާ ދެއްވެވި ފުރުޞަތުގެ ބޭނުން ނުހިފީތީއެވެ. އެފުރުޞަތުގެ ބޭނުންހިފި ހަމައެކަކަށްވެސް ނަރަކައަށް ވަންނާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން