އޭނާގެ ތިބެނީ 3 ދަރިންނެވެ. 2 އަންހެންދަރިންނާ ފިރިހެން ދަރިއެކެވެ. ދޮށީ ފިރިހެންދަރިފުޅެވެ. ފިރިހެންދަރިފުޅު ތަކުރާރުކޮށް އެދި އާދޭސްކުރުމުން ގެ މޯގޭޖްކޮށްފައި ފަސްލައްކަ ރުފިޔާގެ ލޯނެއް ނަގައިދިނެވެ.
ދަރިފުޅު ލޯނުނެގީ ބައަކާއި ޙިއްޞާވެގެން މަސައްކަތެއްކުރާށެވެ. އެމަސައްކަތް ފެށިއެވެ. ނަމަވެސް ކުރިއަކަށް ނުގެންދެވުނެވެ. ނަތީޖާއަކަށްވީ ދަރައި ވިގެންޖެހުމެވެ. ދަރިފުޅަށް ނަގައިދިން ފަސްލައްކަ ރުފިޔާގެ ލޯނަށް ރިބާ އިތުރުވަމުން އައިސް މިހާރުވަނީ ދެމިލިއަން ރުފިޔާއަށް އަރައިފައެވެ.
ގެ ކުޑަކަމުން ބައެއް ކުއްޔަށް ދެވޭނެ ގޮތެއް ނެތެވެ. އަދި ދަތިޙާލުގައި އުޅެމުން ބައެއް ކުއްޔަށް ދީގެން ދަރިފަސްކޮޅަށް ފައިސާދެއްކިޔަސް ލޯނުއަދާކުރެވޭނެ ގޮތެއް ނެތެވެ. މިހާރު މައްސަލަ އޮތީ ބޭންކުން ގެވިއްކައިލާ ހިސާބުގައެވެ. ދަރިއަކަށް ކޮށްދެވުނުކަމަކުން ޢާއިލާއަށް މިހާރުއެވަނީ މަގުމަތިވާންޖެހިފައެވެ.
މިއީ މިއަދުނޫހުގެ ކިޔުންތެރިއަކަށް ކުރިމަތިވެފައިވާ ޙާލަތެކެވެ. މިފަދަ ޙާލުގައި އުޅެން އެތައް ބައަކަށްޖެހިފައިވާއިރު ރިބަވީ ލޯނު ނުނެގުމަށް ސަމާލުކަންދޭން އެބަޖެހެއެވެ.
ރިބަވީ ލޯނު ނުނަގަންވީ ކީއްވެ؟
ރިބާގެ މުޢާމަލާތަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށް ޢާންމުވެފައިވާ ވަބާއެކެވެ. ގިނަ ފަހަރަށް ރިބާގެ މުޢާމަލާތުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން މެހިގަންނަނީ އެއްވެސް ވިސްނުމެއް، އެއްވެސް ފިކުރެއް ނެތިއެވެ. ކަމުގެ ނުރައްކާތެރިކަމަށް ބެލުމެއް ނެތިއެވެ. ރިބާގެ މުޢާމަލާތްތަކާއި ލޯނުތަކާއި އިންޓްރެސްޓަކީ މާ ބޮޑު ކަމެއް ކަމުގައި ނުދެކެއެވެ.
އާދެ، ރިބާއަކީ ދީނީގޮތުން ބަލާއިރު އެންމެ ބޮޑު ހަތް ފާފައިގެ ތެރޭގައި ހިމެނޭ ފާފައެކެވެ. ރިބާގެ މުޢާމަލާތުން އެއްކިބާ ނުވާ މީހުންނަށް މާތް ﷲ ވަނީ އެ އިލާހުގެ ފަރާތުން ހަނގުރާމައެއް އަތުވެދާނެ ކަމުގެ އިންޒާރު ކުރައްވާފައެވެ. ---- މާނައީ: " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! اللَّه އަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! އަދި، ތިޔަބައިމީހުން މުއުމިނުން ކަމުގައިވާ ނަމަ، ރިބާގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ! ފަހެ، ތިޔަބައިމީހުން (އެގޮތަށް) ޢަމަލު ނުކޮށްފި ނަމަ، اللَّه އާއި، އެކަލާނގެ ރަސޫލާގެ ޙަޟްރަތުން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން ޔަޤީންކޮށް ދެނެގަންނަ ހުށިކަމެވެ!"
ރިބާގެ ނުރައްކާތެރިކަން ވިސްނައިގަތުމަށް އިސްވެ ދިޔަ އާޔަތް ހަމައެކަނި ފުދެއެވެ. ނަމަވެސް މީގެ އިތުރުން ވެސް ރިބާގެ ނުބައިކަމުގެ ވާހަކަ ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައިވެއެވެ. އެގޮތުން، ރިބާ މުޢާމަލާތުގައި އެއްވެސް ބަރަކާތެއް ނުވާ ކަމަށް އެ އިލާހު ވަނީ ބަޔާންކުރައްވާފައެވެ. ---- މާނައީ: " اللَّه، ރިބާ އުނިކުރައްވައި، އޭގެ ބަރަކާތް ނެތިކުރައްވައެވެ. އަދި، ޞަދަޤާތް އިތުރު ކުރައްވައެވެ." މި އާޔަތުން ދަލާލަތުކޮށްދެނީ ރިބާގެ މުޢާމަލާތުން އެއްވެސް ބަރަކާތެއް ނައަންނާނެ ކަމެވެ. އަދި، އެފަދަ މީހެއްގެ ޙަޔާތުން ވެސް ބަރަކާތް ކެނޑިގެން ދާނެ ކަމެވެ. އެ މީހަކީ ހިތްހަމަޖެހުމުގައި އުޅޭނޭ މީހެއް ނޫން ކަމެވެ.
މި ދެންނެވުނީ ދުނިޔޭގައި އެ ކަމުގެ ނުބައިކަން ހުރި ގޮތުގެ ވާހަކައެވެ. އާޚިރަތުގައި އެފަދަ މީހުން އުޅޭނެ ގޮތުގެ ވާހަކަ ވެސް މާތް ﷲ ވަނީ ބަޔާންކުރައްވާއެވެ. --- މާނައީ: " ރިބާ ކާ މީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ ( ޤިޔާމަތް ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަ ކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، ރިބާ ވަނީ ޙަރާމް ކުރައްވާފައެވެ."
ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީ ރިބާގެ މުޢާމަލާތުން އެއްކިބާވެގެން ތިބި ބަޔަކު ކަމުގައި މާތް ﷲ ލައްވަވައި އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ކާމިޔާބީ މިންވަރު ކޮށްދެއްވުމެވެ. އާމީން!
- ޝައިޚް ޝަފީޢު ޢަބްދުﷲ