ކައިވެންޏަށްފަހު ފޯނުންވިޔަސް ހިލޭ މީހުންނާ ގުޅުން ބޭއްވުމަކީ ބައިވެރިޔާއަށް ވަފާތެރިނުވުން! ކައިވެނި ދަމަހައްޓަން ބޭނުންވާ މީހުން އެކަމެއް ނުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ކައިވެންޏަށްފަހު ފޯނުންވިޔަސް ހިލޭ މީހުންނާ ގުޅުން ބޭއްވުމަކީ ބައިވެރިޔާއަށް ވަފާތެރިނުވުން! ކައިވެނި ދަމަހައްޓަން ބޭނުންވާ މީހުން އެކަމެއް ނުކުރާނެ!

އަޅުގަނޑުގެ ފިރިމީހާ އޮފީސް ނިންމާލުމަށްފަހު އެނބުރި ގެއަށް އަންނަ އިރު ފޯނު ނަގައި ކާކުކަން ނޭނގޭ ފަރާތްތަކާ ވަރަށް ގިނައިން ގުޅާ ވާހަކަ ދައްކާފައި ހުންނާތީ މީދޯއޭ އޮފީހުގައި ކުރާ ކަމަކީ ބުނެފިނަމަ އަވަގުރާނަ ގޮވައި ބޮޑު ޒުވާބަކަށް ބަދަލުކޮއްލައެވެ. 

ދުވަހެއް ދުވަހަކަށް އެކަންދަނީ އިތުރު ވަމުންނެވެ. އަދި މިހާރު ގެއަށް އައިސް ވަންނަ އިރަށް އަންހެން ކުދިންގެ ފޯނު ވަރަށްގިނައަދަދަކަށް އަންނަތީ އެހުމުން ބުނަނީ އެއްކޮށް ކިޔަވާ ކުދިންގެ ކަމަށާއި ކޯހުގެ އެކި ކަންކަމުގައި ގުޅަނީ ކަމަށެވެ. ހުސް އަންހެނުންތޯ ސުވާލު ކުރުމުން ފިރިހެނުން ވެސް އުޅޭ ކަމަށްވެއެވެ .އެކަމަކު އޭނާގެ ރައްޓެހިން ނަށްވަނީ ހުސް އަންހެން ކުދިންނެވެ. 

މިކަހަލަ ފިރިހެނުންނާ އަންހެނުންނަށް އިސްލާމްދީނުގައިވާ ގޮތާއި ބެހޭ މައުލޫމާތު ންޖަވާބެއް ލިބޭނެކަމަށް އުންމީދުކުރަން. 

މިއީ ކިޔުންތެރިއެއްގެ ހުށަހެޅުމެކެވެ.  

މީޙާލަތުގައި ފުރަތަމަ ކަމަކީ ކައިވެންޏަށްފަހު އޮތީ ބައިވެރިޔާއަށް ވަފާތެރިވުމާއި ބައިވެރިޔާ ނުރުހޭނެ ކަންކަން ނުކުރުމެވެ. އެފަދަ ކަމެއް ކުރިކަން އެނގިގެން ސުވާލުކޮށްފިނަމަ ރުޅިއައުމާއި ނުބައިބަސް ބުނާނަމަ އެކަމުން އަންގައިދެނީ އެމީހެއްގެ ކިބައި ތެދުވެރިކަން ނެތްތަނުގައި އަޚަލާޤީ ގޮތުންވެސް ވަރަށް ދަށުފެންވަރުގައި ހުރި މީހަކުކަމެވެ. 

ކޯހެއްގައި ބައިވެރިވެ ކިޔަވަމުންދާއިރު އެކުވެރިންވެސް ތިބޭނެއެވެ. އެކަކު އަނެކަކަށް އެހީތެރިކަންވެސް ފޯރުވައިދޭންވާނެއެވެ. ނަމަވެސް އެކަންކަން ކުރަންވާނީ ދިރިއުޅުމަށް އަސަރުނުކުރާނެ ގޮތަކަށެވެ. އަނބިމީހާގެ ހިތުގައި ނުޖެހޭނެ ގޮތަކަށެވެ. ގޭގައި ހުންނަން ލިބޭ ވަޤުތުކޮޅު ހިލޭ އަންހެނުންނާއި ވާހަކަދެއްކުން ގިނަކުރުމަކީ އަނބިމީހާގެ ހިތުގައި ޖެހޭނެ ކަމެކެވެ. އަދި އެކަމަކީ އަނބިމީހާ ކުރާ ކަމެއްނަމަ ފިރިމީހާވެސް އިންތިހާއަށް ރުޅިއަންނާނެއެވެ.  

މިބާވަތުގެ މައްސަލަތައް ދިމާވަނީ އިންތަކުގައި ނުހިފަހައްޓާތީއެވެ. ގޭގައި ބައިވެރިޔާއާއެކު ހޭދަކުރާ ވަޤުތު ބައިވެރިޔާއަށް ޚާއްޞަނުކުރުމަކީ ކުރެވޭ ކުށެކެވެ. އިސްލާމް ދީން ބާރުއަޅަނީ ޙަޔާތުގެ ބައިވެރިޔާއަށް އިސްކަންދިނުމަށެވެ. އެކުގައި އުޅޭ އެކުވެރިންނާއި ކޯހުގެ ބައިވެރިންގެ ކަންކަން ގެންނަންވާނީ އެއިގެ ފަހަތުންނެވެ.  

ދެން ފާހަގަކުރަންޖެހޭ ކަމަކީ މިބާވަތުގެ ކޯލްތައް ގިނަވާނަމަ ޒަވާޖީޙަޔާތަށް މައްސަލަތައް ކުރިމަތިވާނެ ކަމެވެ. ފުރަތަމް ފެށޭނީ ފޯނުކޯލުންނެވެ. ކުރިއަށްދަމުންގޮސް ނިމޭނީ ގޮސްގެން ނުވާނެ ހިސާބުންނެވެ.  

ވީމާ ޖުމުލަކޮށްލާފައި ބުނަންއޮތީ ދިރިއުޅުމަށް އަސަރުކުރާނެ ގޮތަށް އަދި ބައިވެރިޔާގެ ހިތަށް އަސަރުކުރާނެ ގޮތަށް ފޯނުން ވާހަކަދެއްކުމަކީވެސް ދީން ތަރްޙީބްދޭ ކަމެއް ނޫން ކަމަށެވެ. ދީން ތަރްޙީބްދެވީ ދެމްފިރިން ވަފާތެރިކަމާއިއެކު ލޯބިން ދިރިއުޅުމަށްކަމަށްވާތީއެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން