މައިންގެ ދުޢާއިން ލޯފަންދަރިންގެ ލޯއަލިކޮށްދެއްވަވާއިރު މައިންގެ ދުޢާއިން ޙާޞިލުނުކުރެވޭނީ ކޮންކަމެއްތަ؟ ބަލަންވީ މަންމަގެ ދުޢާ ޙައްޤުވާ ދަރިއަކަށްވާން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
މައިންގެ ދުޢާއިން ލޯފަންދަރިންގެ ލޯއަލިކޮށްދެއްވަވާއިރު މައިންގެ ދުޢާއިން ޙާޞިލުނުކުރެވޭނީ ކޮންކަމެއްތަ؟ ބަލަންވީ މަންމަގެ ދުޢާ ޙައްޤުވާ ދަރިއަކަށްވާން!

މައިންނަށް ހެޔޮކޮށް ހިތަންވީ ސަބަބުތައް ބައިވަރެވެ. އެއިގެ ތެރެއިންވެސް އެންމެ މުހިންމު އެއްކަމަކީ މަންމަގެ ހެޔޮދުޢާއެވެ. ދަރިންނަށް އޮތީ މަންމަގެ ހެޔޮދުޢާ ޙައްޤުވާ ދަރިއަކަށްވުމަށް މަސައްކަތްކުރުމެވެ. ތިބާގެ މަންމައަށް ނުއެނގުނަސް ﷲ ތަޢާލާ ދެނެވޮޑިގެންވާކަން ދަންނާށެވެ!  

ތިރީގައި އެވަނީ ޔޯލަވާހަކައެއް ނޫނެވެ. ޞަޙީޙް ބުޚާރީ ލިޔުއްވެވި އިމާމް މުޙައްމަދު ބުން އިސްމާއިލް އަލްބުޚާރީގެ ވާހަކައެވެ. އަހުރެމެންނަށް ދެއްވަވާ ނިޢުމަތްތައް ދެއްވަވަނީ ކުރެވުނު ކޮން ޢަމަލަކާއި ގުޅިގެންކަން ނުއެނގުނަސް ލޯފަން އެކަލޭގެފާނަށް ލޮލުގެފެނުން ދެއްވެވީ މަންމާފުޅު ކުރައްވަމުން ގެންދެވި ދުޢާއިންކަން ﷲ ތަޢާލާ އެކަމަނާއަށް އަންގަވައިދެއްވެވިއެވެ. ހުވަފެންފުޅުގައި އިބްރާހީމްގެފާނު މެދުވެރިކުރައްވަވައެވެ.  

ވާހަކަ ވިދާޅުވެލައްވާށެވެ!   

މީގެ އެތައް ޤަރުނެއްކުރިން އުޅުއްވި އިސްމާޢީލް ނަމަކަށް ކިޔުނު ބޭކަލެކެވެ. މި ބޭކަލަކީ އިމާމް މާލިކުގެ އަރިހުން ކިޔަވައި ވިދާޅުވެފައިވާ އިމާމް މާލިކުގެ ދަރިވަރެކެވެ. ޢިލްމުވެރި ބޭކަލެކެވެ. މިކަލޭގެފާނު ކައިވެނި ކުރެއްވުމަށްފަހު މާ ގިނަ ދުވަސްތަކެއް ނުވެ އެކަލޭގެފާނަށް ދަރިކަލަކު ލިބިވަޑައިގެންނެވި ތަނާހެން ވަރަށް ކުއްލިގޮތަކަށް އަވަހާރަވެއްޖެއެވެ. މިދަރިކަލުންގެ ނަމަކީ މުޙައްމަދެވެ. އެކަލޭގެފާނު އަވަހާރަވީއިރުގައި އެކަލޭގެފާނުގެ އަނބިކަނބަލުންނަށާއި އަދި ދަރިކަލުންނަށް ވަރަށްގިނަ އަދަދެއްގެ މުދައު ދޫކުރައްވާފައި ހުއްޓެވެ. 

ދެން މި ދަރިކަލުންގެ މަންމަ މި ދަރިކަލުންގެ ތަރުބިއްޔަތުކޮށް އިސްލާމީ ތަޢުލީމު ދިނުމުގެ ހުރިހާ ޒިންމާއެއް ނެންގެވިއެވެ. ނަމަވެސް އެކަން ކުރުމަށް ވަރަށް ބޮޑު ހުރަހެއް ދިމާވަމުން ދިޔައެވެ. އެދެކަނބަލުންނަށް ލިބުނު ދަރިކަލުންގެ ލޮލަކަށް ފެނިވަޑައެއް ނުގަނެއެވެ. 

މިޒަމާނުގައި ލޮލަށް ނުފެންނަ މީހަކަށް މަތީތަޢުލީމު ޙާސިލުކުރުމަކީ އުނދަގޫ ކަމަކަށް ނުވިޔަސް އެޒަމާނުގައި އެއްވެސް ވަސީލަތެއް ނެތް ޒަމާނުގައި އެއީ ވަރަށް އުނދަގޫ ކަމެކެވެ. އެޒަމާނުގައި ޢިލްމުވެރިއަކަށްވުމަށްޓަކައި އެއްޤައުމުން އަނެއްޤައުމަށް ދަތުރުކުރަން ޖެހެއެވެ. އަދި އެއް ޝެއިޚެއްގެ އަރިހުން އަނެއް ޝެއިޚެއްގެ އަރިހަށް ދާން ޖެހެއެވެ. މިއީ ލޮލަށް ނުފެންނަ މީހަކަށް ކުރަން ވަރަށް އުނދަގޫވާނެ ކަމެއްކަން ޔަޤީނެވެ.

ނަމަވެސް މިދަރިކަލުންގެ މަންމާފުޅު މިދަރިފުޅާ މެދު ދެކެމުން އައި އުއްމީދު ދޫކޮށެއް ނުލައްވައެވެ. ހިތް ނިޔަތް ޚާލިސް ކުރުމާއެކު މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް މި ދަރިކަލުންގެ ލޮލުގެ ފެނުން ދެއްވާތޯ އަބަދާއި އަބަދު ދުޢާކުރަމުން ދިޔައެވެ.  

މިގޮތުން (ދުޢާކުރައްވަމުން ގެންދަވަނިކޮށް) އެއް ރެއެއްގައި އެކަމަނާއަށް ހުވަފެންފުޅުގައި އިބުރާހިމް އަލައިހިއް ސަލާމް ފެނިވަޑައިގަތެވެ. އަދި އިބުރާހިމް ޢަލައިހިއްސަލާމް އެކަމަނާއަށް ވިދާޅުވިއެވެ. ” ހަމަކަށަވަރުން ކަމަނާގެ ގިނަގުނަ ދުޢާތަކުގެ ސަބަބުން ކަމަނާގެ ދަރިކަލުންގެ ލޮލުގެ ފެނުން އަނބުރައި ﷲ ތަބާރަކަ ވަތަޢާލާ އެދަރިކަލުންނަށް ރައްދުކުރައްވައިފިއެވެ."  

އެކަމަނާ އަވަސް އަވަހަށް ހޭފުޅުލައްވައި އެކަމަނާގެ ލޯބިފުޅުވާ ދަރިކަލުންގެ ގާތަށް ވަޑައިގެންނެވިއެވެ. އެކަމަނާއަށް ދަރިކަލުން ފެނިވަޑައިގެންނެވިއިރު ހުވަފެނުގައި ފެނުނު ކަންތައްތައް ވަނީ ތެދަކަށްވެފައެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިވެރިކަމާއި ކުޅަދުންވަންތަކަމާއެވެ. އެއީ ބޭނުންޖެހިފައިވާ މީހުންގެ ދުޢާތައް އައްސަވާވޮޑިގެން އެދުޢާތައް އިޖާބަކުރައްވާ އިލާހެވެ.

މިދަރިކަލުންގެ ލޮލުގެ ފެނުން އިއާދަވުމުން މިދަރިކަލުން ކިޔެވުމަށްޓަކައި ފޮނުއްވިއެވެ.

އަދި ޢިލްމުގެ މައިދާނުގައި ފުންނާބު އުސް ޢިލްމުވެރިއަކަށް ވެލެއްވިއެވެ. މިއަދު އަޅުގަނޑުމެންގެ ކުރިމަތިން ފެންނަން އޮތް މާތްވެގެންވާ ކީރިތިޤުރުއާނަށްފަހު އެންމެ ޞައްޙަކަންބޮޑު އަދި ޤުރުއާނަށްފަހު އެންމެ މެތިވެރި ފޮތަކީ މި މުޙައްދިޘު ޢިލްމުވެރިޔާ ލިޔުއްވާފައިވާ ފޮތެވެ. އެފޮތް މަސްހޫރުވެފައިވަނީ ޞަޙީޙް ބުޚާރީގެ ނަމުންނެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ މުޙައްމަދު ބުން އިސްމާއިލް އަލްބުޚާރީއެވެ. އެކަލޭގެފާނަށް ﷲ ތަބާރަކަ ވަތަޢާލާގެ ރަޙުމަތުން ޢިލްމުގެ މައިދާނުގައި ކަނޑެއްފަދަ ބޭކަލަކަށްވެލެއްވިއެވެ. އެކަލޭގެފާނަކީ ހަނދާންގަދަ ބުއްދިވެރިބޭކަލެކެވެ. 

އަސްލު: އަލް ލުއުލުއު ވަލްމަންޘޫރު

 

- އައްޝައިޚް ޢަބްދުއްރަޙީމް ބިން މުޙައްމަދު

 

މިއަދު އޮންލައިން