މަންމަ މަރުވިޔަސް ތިމާގެ ފެންވަރުން މަންމައަށް ފައިދާކުރާނެ ޢަމަލު ކުރަން މަސައްކަތްކުރާ ދަރިއަކަށް ދުނިޔޭގައިވެސް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 34ސ
މަންމަ މަރުވިޔަސް ތިމާގެ ފެންވަރުން މަންމައަށް ފައިދާކުރާނެ ޢަމަލު ކުރަން މަސައްކަތްކުރާ ދަރިއަކަށް ދުނިޔޭގައިވެސް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

ކުޑަކަމެއް ފާހަގަކޮށްލާނަމެވެ! މަންމަ ދުނިޔެއާއި ވަކިވިނަމަވެސް މަންމަގެ ކިބައިން އަހުރެމެންނާއި ވަކިވެގެން ނުދާ ކަމެއް އެބައޮތެވެ. އެއީ އަހުރެމެންނަށް އެންމެ ފައިދާހުރި ކަންތައްވެސް މެއެވެ. އެކަމަކީ މަންމަ ދުނިޔޭގައި އިނދެ ކޮށްދިން ހެޔޮދުޢާއެވެ. 

މައިންބަފައިން ދުނިޔެއާއި ވަކިވުމުން އެމީހުންނަށް ޤިޔާމަތްދުވަހު ފައިދާކުރާނެ ކަންކަން ކުރުމަކީ އެމީހުންނަށްޓަކައި ދަރިންނަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަންތަކެވެ. މަރުވުމުން އެއްވެސް ޢަމަލެއް އެމީހަކަށް ނުކުރެވޭނެއެވެ. ނަމަވެސް އެމީހުންނަށްޓަކައި ދަރިންނަށް ކޮށްދެވިދާނެ ކަންކަން އެބަހުއްޓެވެ.  

ހިތާމައަކީ މައިންބަފައިން ދުނިޔެއާއި ވަކިވުމުން އެފަދަ ކަންކަން ކުރަން ސަމާލުކަން ނުދެވޭކަމެވެ. އެފަދަ ކަންކަން ދަރިން ކުރާނަމަ ދަރިންނަށްވެސް ޘަވާބު ދެއްވަވައި ހެޔޮ ރަޙްމަތް ލައްވަވާނެއިރުގައިވެސްމެއެވެ. އިލްތިމާސަކީ ދަރިން މިކަންކަމަށް ސަމާލުކަން އިތުރުކުރުމެވެ.

ތިރީގައިވާ ވާހަކައަކީވެސް ޢިބްރަތްތެރި ވާހަކައެކެވެ.  

އެއީ މަންމަ ނިޔާވިތާ 3 އަހަރު ފުރުނު ދުވަހެވެ. ކާރު ދުއްވަމުން ދިއައީ އާޚިރަތް ދުވަހު މަންމައަށް ފައިދާކުރާނެ ކޮންމެވެސް ހެޔޮއަމަލެއް ކުރާނެ ގޮތަކަށް ވިސްނަމުންނެވެ. އެވިސްނުމުގައި ދަނިކޮށް މާލޭގެ މަޝްހޫރު ސައިހޮޓަލެއް ކައިރިން އަޅުގަނޑުގެ ސަމާލުކަމަށް އައީ އެތަނުގައި ހުއްޓިހުރި މުސްކުޅި ފިރިހެނެކެވެ. އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ހީވަނީ ބަނޑުހައިވެގެން ހުރިހެންނެވެ. ނަމަވެސް އަތުގައި ފައިސާ ނެތުމުން ބަލަހައްޓައިގެން ހުރީ ހެންނެވެ.  

ކާރު މަޑުކޮށްލުމަށްފަހު ފައިބައި އަޅުގަނޑު އިސްވެ އޭނާއަށް ސަލާމް ގޮވައިލީމެވެ. އަދި ކާރުގެ ފަހަތު ސީޓަށް އަރަން ބުނީމެވެ. އޭނާ އެކަމަށް އެއްބަސްވެ ކާރަށް އެރުމުން ގެއަށް ގެންދިއައީމެވެ. ދެމީހުން އެކުގައި ސައިބޮއި ނިމިގެން ސޯފާގައި އިށީނުމަށްފަހު އޭނާގެ ޙާލަތާއި ބެހޭގޮތުން ސުވާލުކުރަން ފެށީމެވެ. އޭނާ ކިޔައިދިނެވެ.

"އަޅުގަނޑަކީ ހަމަ މިމާލޭ މީހެކެވެ. ގޯއްޗެއްވެސް އޮންނާނެއެވެ. ދެބުރިއަށް ކުޑަ ގެއެއްވެސް އަޅާފައި ހުންނާނެއެވެ. 4 ކޮޓަރި ކުއްޔަށްވެސް ދީފައި ހުންނާނެއެވެ. އަޅުގަނޑަކަށް ދަރިއަކު ނުލިބެއެވެ. ދަރިންގެ ގޮތުގައި ގެންގުޅުނީ އަނބިމީހާއަށް ބޮޑުދައިތަ ކިޔާ ދެބެއިންނެވެ.

އަޅުގަނޑުގެ އަނބިމީހާ ދާދިފަހުން ވަނީ ނިޔާވެފައެވެ. މަރުވިތަނާހެން އެދެބެއިން އަޅުގަނޑު ލައްވާ ލިޔުމެއްގައި ސޮއިކުރުވިއެވެ. ބުނީ ގޯތީގެ ހުހަށް އޮތްބައިގައި 5 ބުރިއަށް ގެއެއް އަޅަން ހުށަހަޅަންޖެހޭ ލިޔުން ކަމަށެވެ. އެކުދިންނަށް އިތުބާރުކުރެވޭވަރު ބޮޑުކަމުން ނުވެސް ކިޔައި ސޮއިކޮށްލީއެވެ. ފަހުން އެނގުނީ އެއީ ގޯތްޗާއި ގެ އެމީހުންނަށް ދިންކަމަށް ލިޔެފައި އޮތް ލިޔުމެއް ކަމެވެ. އަދި އެ ލިޔުން ބޭނުންކޮށްގެން މަކަރަކުން ގޯތީގެ ރަޖިސްޓްރީވެސް ބަދަލުކޮށްފައިވާ ކަމެވެ.  

އަޅުގަނޑަށް މިހާރު ނިދަން ދީފައި ހުރީ ކިރިޔާ އެނދެއް ބަހައްޓައިލެވޭވަރުގެ ކުޑަކުޑަ ކޮޓަރިއެކެވެ. ގެއަށް އެމީހުން ވެރިވެގެންފިއެވެ. ކުއްޔަށް ދީގެން ލިބޭ ފައިސާވެސް ބޭނުންކުރަނީ އެމީހުންނެވެ. އެހެންވެ އަޅުގަނޑަކަށް އެއްވެސް ފައިސާއެއް ނުލިބެއެވެ. ބަނޑުހައިވީމާ މިހެން މަޑުކޮށްލައިގެން ހުންނަތަން ފެނުނީމާ ބައެއް ރައްޓެހިން ސައިކޮޅު ދެއެވެ. އެހެންވެ މިއަދުވެސް ހުރެވުނީއެވެ. މުޅިންވެސް ކައިބޮއި ހަދަނީ އެގޮތުންނެވެ.  

އަޅުގަނޑު ބުނީމެވެ. "މިއީ މަންމަގެ ގެއެވެ. މިހާރު މިގޭގައި އުޅެނީ އަޅުގަނޑުމެން ދެމަފިރިންނާއި ބައްޕައެވެ. މިގޭގައި މަޑުކުރާށެވެ! އިރާދަކުރެއްވިއްޔާ ބޭބެގެ ގެ ބޭބެއަށް ހޯދައިދިނުމަށްފަހު އެގެއަށް ބޭބެ ވައްދައިދޭނަމެވެ."  

އަޅުގަނޑުގެ ފިރިމީހާއަކީ ޤާނޫނީ ވަކީލެކެވެ. އެކަމުގައި ޤާނޫނާއި ޚިލާފަށް ހިންގާފައިވާ ކަންކަން ފާހަގަކުރުމަށްފަހު ކޯޓަށް މައްސަލަ ހުށަހެޅިއެވެ. މައްސަލަ ނިމެން ދެ އަހަރު ނެގިއެވެ. ނަމަވެސް ގޯއްޗާއިގެ އަނބުރާ ލިބުނެވެ.  

އެމީހާ ކުރި އާދޭސް ޤަބޫލުކޮށް އޭނާ ބެލެހެއްޓުމާއި އަހަރެމެން ދެމަފިރިން ހަވާލުވީމެވެ. ނަތީޖާއެއްގެ ގޮތުން އޭނާ މަރުވުމުން ގޯއްޗާއި ގެ އަޅުގަނޑުމެންނަށް ލިބުނެވެ 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުމީ މިފަދަ ބޮޑެތި ދެރަ މީހުންނަށް ނުދޭށެވެ. މިވާހަކައިންވެސް ވިސްނާށެވެ. އެމިހާގެ ގޯއްޗާއި ގެ ޖަހައި ނުގަނެ އޭނާއަށް ހެޔޮކޮށް ކަންކަންކުރިނަމަ އޭނާ ނިޔާވުމުން ގޯއްޗާއިގެ އެކުދިންނަށް ލިބުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. ސަބަބަކީ އަމިއްލަ ދަރިން ފަދައިން ބަލައި ބޮޑުކުރި ކުދިންކަމުގައިވާތީއެވެ. އެކަން އެމީހުންނަށް ކޮށްދޭނެތީއެވެ. ދަހިވެތިކަން މާބޮޑުވުމުން އެޖެހުނީ މަގުމަތިވާށެވެ!

މީގެ އިތުރުން މުސްކުޅިވެފައިތިބޭ މީހުން ނިކަމެތިކުރަން ހެޔޮވެދާނެ ހެއްޔެވެ؟ އެބޭބެއަށް އެ ޖެއްސުވި ޙާލުން ލިބުނު މާޔޫސްކަމުގައި ދުނިޔެއިން މޮޔަނުވެހުރިކަންވެސް ނަޞީބު ނޫން ހެއްޔެވެ؟ ތިމާއަކީވެސް މަރުވާނެ މީހެއްކަމާއި އެމީހަކު ކުރި ކޮންމެ އަމަލަކާއި ޤިޔާމަތް ދުވަހު ބައްދަލުކުރަން ޖެހޭނެކަން ޤަބޫލުކުރެވޭނަމަ މިފަދަ ނުބައި ކަންކަމެއް ނުކުރާނެއެވެ!

 

- ނަރީޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން