އެއްވެސް ދެމަފިރިއަކު ތިބެނީ އެންމެ އުފަލަކު ނޫން! ކިރިޔާވެސް ކެތްކުރެވޭނަމަ ކުރިމަތިވާ ކަންކަމަށް ކެތްތެރިވީމާ ލައްވަވާ ރަޙުމަތް ބޮޑުވެ ހިތްހަމަޖެހުން އިތުރުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އެއްވެސް ދެމަފިރިއަކު ތިބެނީ އެންމެ އުފަލަކު ނޫން! ކިރިޔާވެސް ކެތްކުރެވޭނަމަ ކުރިމަތިވާ ކަންކަމަށް ކެތްތެރިވީމާ ލައްވަވާ ރަޙުމަތް ބޮޑުވެ ހިތްހަމަޖެހުން އިތުރުވާނެ!

ޒަވާޖީ ޙަޔާތުގެ ތެރެއިން ތިމާއެދޭ ހުރިހާ ކަންކަން އެންމެ ފުރިހަމަވެ އެންމެ ފުރިހަމަ ގޮތުގައި ޙާޞިލްކުރެވޭނެ ކަމަށް ހީވެސްނުކުރާށެވެ! އެފަދަ ޚިޔާލުތައްވެސް ނުކުރާށެވެ! އުނިވާނެ ކަންތައްތަކަކާއި ޙާޞިލް ނުކުރެވޭނެ ކަންތައްތަކެއް ހުންނާނެ ކަމަށް ޔަޤީންކޮށްގެން ހުންނާށެވެ!  

މުސްލިމުންނަކީ ތިމާއެދޭ ހުރިހާ ކަންކަން ތިމާއަށް ފުރިހަމަޥާނީ ހަމައެކަނި ސުވަރުގެއިންކަން ޔަޤީންކޮށްގެން ތިބޭ ބައެކެވެ. އެއީ އެކަން ﷲ ތަޢާލާ ލައްވަވާފައިވާ ގޮތެވެ.  

ވީމާ ޒަވާޖީ ޙަޔާތުގެ ތެރެއިން ތިމާ އެދޭ ހުރިހާ ކަންކަން އެންމެ ފުރިހަމަ ނުވިޔަސް ހަމަޖެހިލައިގެން އުޅެވޭނަމަ އޮތީ ދެއްވެވި ނިޢުމަތަށް ޝުކުރުވެރިވުމެވެ. ބައިވެރިޔާއަށް ޝުކުރުވެރިވުމެވެ. ހަމައެއާއިއެކު ހިތްދަތިކަމުގައި އުޅެންޖެހިއްޖެނަމަވެސް ﷲ ތަޢާލާއަށް ޝުކުރުވެރިވާށެވެ! އެޙާލަތު ކުރިމަތިކުރައްވަވަނީ އިމްތިޙާނަކަށްކަމާއި ފާސްވުމުން ލައްވަވާ ރަޙްމަތް މާބޮޑުވާނެކަން އަބަދުވެސް ޔަޤީންކުރަންވާނެއެވެ.

މިނަޞޭޙަތް މިގޮތަށް ދޭންޖެހޭ ސަބަބަކީ ކައިވެނި ރޫޅިގެން ކަންބޮޑުވެ ކައުންސިލިންގ ހޯދާ ގިނަ މީހުންގެ ޙާލަތަށްބަލާއިރު ދެމަފިރިން ވަކިވަނީ ހުރިހާ ކަންކަން ގޯސްވެގެނެއް ނޫނެވެ. ވަރަށް އާދައިގެ ކަންކަމުގައިވެސް އެބަ ދެމަފިރިން ވަކިވެއެވެ. އުންމީދުކުރި ފެންވަރަށް ކަންކަން ޙާޞިލްނުކުރެވުމުންވެސް އެބަ ވަކިވެއެވެ.

އަހުރެންގެ ނަޞޭޙަތަކީ އުންމީދުކުރާވަރު ތަންކޮޅެއް ދުރުގައި ބާއްވާށެވެ! ލިބޭ މިންވަރުން ނުވަތަ ޙާޞިލްވާމިންވަރުން ކިރިޔާވެސް ފުދޭނަމަ ކެތްތެރިވެލާށެވެ! ބާކީ ނުވަތަ އިތުރަށް ބޭނުންވާ ބައި ފުރިހަަމކޮށްދެއްވެވުން އެދި ދުޢާކުރަމުން ގެންދާށެވެ! ޝުކުރުވެރިވާ އަޅުންނަށް ﷲ ތަޢާލާ އަބަދުވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން