ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޢަދަދު 15 އަށް އަރައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޢަދަދު 15 އަށް އަރައިފި

ރާއްޖެއިން ހިމަބިހި ނުވަތަ މީސްލްސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 15 އަށް އަރައިފިއެވެ. ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދަނީ ބަލިޖެހުނު މީހުންނާ ދިމާވި މީހުން ދެނެގަނެ، ހާލަތު ވަރަށް ގާތުން މޮނީޓަރ ކުރަމުންނެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު ބަލީގެ ފުރަތަމަ ކޭސް ފެނުނު ފަހުން މިހާތަނަށް ޖުމްލަ 15 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން ހަތަރު މީހުންނަކީ މިދިޔަ ހަފުތާގެ ތެރޭގައި ބަލި ޖެހުނު މީހުން ކަމަށް އެ އެޖެންސީން މަޢުލޫމާތު ދެއެވެ. މިހާތަނަށް ޕޮޒިޓިވްވި ހުރިހާ އެންމެންވެސް ފެނިފައި ވަނީ މާލެ ސަރަހައްދުންނެވެ.

ރާއްޖެއަކީ ހިމަބިހި އެއްކޮށް ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ބަލަމުން އައި ނަމަވެސް، އަލުން މި ބަލީގެ ކޭސްތަކެއް ފެނުމާއެކު ކަމާބެހޭ ފަރާތްތަކުން ދަނީ މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. އެޗްޕީއޭއިން ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކާއި އަވައްޓެރި އެކި ޤައުމުތަކުގައި ހިމަބިހީގެ ކޭސްތައް ނުރައްކާ މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ.

ރާއްޖެއަށް އެކި ޤައުމުތަކުން ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކުރުމާއި، ދިވެހިންވެސް ބޭރުގެ އެކި ޤައުމުތަކަށް ދަތުރުކުރުމަކީ އެހެން ޤައުމުތަކުން މި ބަލި ރާއްޖެއަށް އައުމަށް އޮތް ފުރުސަތެއްކަން އެޗްޕީއޭއިން ފާހަގަކުރެއެވެ. ނަމަވެސް، ރާއްޖޭގައި މީސްލްސްއާ ދެކޮޅަށް ކުރިއަށްގެންގޮސްފައިވާ ވެކްސިން ކެމްޕޭންތަކުގެ ސަބަބުން ބަލީގެ ނުރައްކާވާ މިންވަރު ކުޑަކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

މިއަދު އޮންލައިން