ޘަވާބާ ރަޙްމަތަށް އެދިގެން އެކުވެރިއަކަށް ލިބުނު ނުކުޅެދުންތެރިކަންހުރި ކުއްޖަކު ބެލުމުން ދަރިން ލިބުމުގެ އިތުރަށް ތަނަވަސްކަން އިތުރުވި ދެމަފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ޘަވާބާ ރަޙްމަތަށް އެދިގެން އެކުވެރިއަކަށް ލިބުނު ނުކުޅެދުންތެރިކަންހުރި ކުއްޖަކު ބެލުމުން ދަރިން ލިބުމުގެ އިތުރަށް ތަނަވަސްކަން އިތުރުވި ދެމަފިރިއެއްގެ ވާހަކަ-

އެއްވެސް ޝައްކެއް ނެތެވެ.  ﷲ ތަޢާލާ ޘަވާބު ދެއްވަވާނީ އެމީހަކު އެކަމަށް ކުރި މަސައްކަތަކަށެވެ. ކިތަންމެ ކުޑަ ހެޔޮ ޢަމަލަކަށްވެސް ޘަވާބު ދެއްވަވާނެއެވެ.

ޘަވާބު އިތުރުވުން އޮތީ އުފުލި ބުރައަށެވެ. އިޚްލާޞްތެރިވީ މިންވަރަކަށެވެ. ވީމާ ނިކަމެތިކަންބޮޑު ކުއްޖަކު ބަލަންވެސް އަދި މީހަކު ބަލަންވެސް މާބޮޑަށް ބުރަ އުފުލަން ޖެހޭނެއިރު އެކަމަށް ދެއްވަވާ ޘަވާބު ބޮޑުތަނުން ގިނަވާނެއެވެ. އެއީ ޔަޤީންކުރަންޖެހޭ ކަމެކެވެ.  

ތިރީގައިވާ ވާހަކަކޮޅުންވެސް އެނގިގެންދަނީ ހަމަ އެކަންކަމެވެ. ވާހަކަ ވިދާޅުވެލައްވާށެވެ!   

އަޅުގަނޑަކީވެސް ދަރިއަކު ނުލިބި އެކަމަށް އަހަރުތަކެއްގައި އިންތިޒާރުކުރަން ޖެހުނު އަންހެނަކީމެވެ. ދެމަފިރިންގެ ކައިވެންޏަށް 7 އަހަރުފުރުނުއިރުވެސް ދަރިއަކު ނުލިބެއެވެ. ބޭސްފަރުވާވެސް ކުރެވުނެވެ. އެހެން ކަންކަންވެސް ކުރެވުނެވެ. ނަމަވެސް މަގެއް އޮތީ ނުފެނިފައެވެ.  

އަޅުގަނޑާއިއެކުވެރި ޝަހީދާއަކީ އެއިރުވެސް 5 ދަރިންގެ މަންމައެވެ. 6 ވަނަ ދަރިފުޅަކަށް ލިބުނީ އެއްފައިއެނބުރިފައިވާ ނުކުޅެދުންތެރިކަންހުރި ކުއްޖެކެވެ. ދިރިއުޅުމުގެ ހާލަތުވެސް ދަތިކަމުން އެދަރިފުޅު ބެލެހެއްޓުން ޝަހީދާއަށްވީ ވަރަށް ބޮޑު ތަކްލީފަކަށެވެ.

ގާތުން ބުއިން ހުއްޓާލުމުން ޝަހީދާ ގާތު ބުނެގެން އެކުއްޖާ އަޅުގަނޑު ހޯދީމެވެ. އަމިއްލަ ދަރިއަކު ފަދައިން ގެންގުޅެން ފެށީމެވެ. އަހަރުވިތަނާ ބެންކޮކަށް ގެންގޮސް ފައި ދެއްކުމުން ކުރި އޮޕަރޭޝަނަކުން ފައި ރަނގަޅުވިއެވެ. އެހެންވެ ހިނގައި އުޅުމަށް ހުރި ދަތިތައް ފިލައިގެންދިއައެވެ.  

ދެން ދަންނަވަން އޮތީ އަޅުގަނޑުމެންނަށް ލިބުނު ބޮޑު ނިޢްމަތެވެ. އުފާވެރިކަމެވެ. އެދަރިފުޅުގެ އުމުރުން 4 އަހަރުވީއިރު އަޅުގަނޑު އޮތީ އެއްމާބަނޑު ދެކުދިން ވިހައިގެންނެވެ. އެކުއްޖާ ބަލަންފެށިއިރު އަޅުގަނޑުމެންގެ ހުންނަނީ އެންމެ ފިހާރައެކެވެ. ބަލަންފެށިތާ 5 އަހަރުވީއިރު ފިރިމީހާގެ އަމިއްލަ 3 ފިހާރަ ހުއްޓެވެ.  

އަޅުގަނޑު މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނާ ހިއްޞާ މިކުރީވެސް އަޅުގަނޑުގެ އެކުވެރިއަކާއެކު ދެކެވުނު ވާހަކައަކުންނެވެ. އޭނާއަކީވެސް ދަރިއަކު ނުލިބި އަހަރުތަކެއް ފާއިތުވެފައިވާ އަންހެނެކެވެ. އހެން މީހެއްގެ ދަރިއަކު ބަލަން ބޭނުންވާ އަންހެނެކެވެ. ނަމަވެސް ދާދިފަހުން ނުކުޅެދުންތެރިކަން ހުރި ކުއްޖަކު ބަލަން ލިބުމުން ވަނީ ފުރުޞަތުގެ ބޭނުން ނުކޮށްފައެވެ.  

އަޅުގަނޑު ބުނީމެވެ. "ގިނަ ޘަވާބް ލިބޭނީ ތަކްލީފް އުފުލިވަރަކުން ނޫންހެއްޔެވެ؟ ބަލަންވީ ޖެހިދާނެ ބުރައަކަށް ނޫނެވެ. ދެއްވަވާނެ ޘަވާބަށެވެ. ލައްވަވާނެ ރަޙްމަތަށެވެ." މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާ މިކުރީވެސް ހަމަ މިމެސެޖް ޕާސްކޮށްލަން ބޭނުންވެގެންނެވެ.

 

- ނަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން