ޢާއިޝަތު ރަފާޙް ޢަލީ
ވަގުތާ މެދު ވާހަކަދައްކާއިރު، އަހަރެމެންނަށް ވަރަށް ގިނަ ބަހަނާތައް ދެއްކެއެވެ. އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މި ދުނިޔޭގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެން ކޮންމެ މީހަކަށްވެސް ވަގުތުގެ މުއްދަތެއް (އަޖަލެއް) ކަނޑައަޅުއްވާފައިވެއެވެ.
އެހެންކަމުން، ވަގުތަކީ އަހަރެމެންނަށް ހޭދަކުރެވޭނެ އެންމެ އަގުބޮޑު އެއްޗެވެ. އަހަރެމެން ކޮންމެ މީހަކަށްމެ 24 ގަޑިއިރު ލިބިގެންވެއެވެ. އެހެން މީހުންނެކޭ އެއްފަދައިން ކޮންމެ މީހަކަށްވެސް ލިބެނީ ހަމަ އެއްވަރެއްގެ ވަގުތެކެވެ. ނަމަވެސް ހިތާމައަކީ، ބައެއް މީހުން ވަގުތާ މެދު ދެކޭގޮތް ތަފާތެވެ. ފިޒިކްސް އިލްމުވެރިޔާ އައިންސްޓައިން އަހަރެމެންނަށް ދަސްކޮށްދިނީ ވަގުތަކީ ތިބާ އެއަށް ބަލާ ގޮތެއްގެ މައްޗަށް ބިނާވާ އެއްޗެކެވެ. ވަގުތު ހިނގާގޮތް މީހަކާއި މީހަކާ ތަފާތުވެއެވެ.
ތިބާ ވަގުތަށް ބަލައި، އެއަށް އެއްވެސް އަގެއް ނުދޭނަމަ، ގިނަ ވަގުތުތަކެއް ތިބާގެ ކުރިމަތިން ފާއިތުވެގެން ހިނގައިދާނެއެވެ. އަދި ތިބާ އެކަމާ އަޅައެއްވެސް ނުލާނެއެވެ. އެ ވަގުތުތައް ދާނީ ވަރަށް އަވަހަށެވެ. އެކަމަކު ވަގުތުގެ އަގުވަޒަންކޮށް، އެ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާ މީހުންނަށް އެ ވަގުތު އިހުސާސްކުރެވޭނެއެވެ. ކުޑަކުއްޖަކު ވަގުތަކާ އަޅައެއް ނުލާނެއެވެ. އެކުދިންނަށް ވަގުތު ފާއިތުވަނީ ވަރަށް އަވަހަށެވެ.
މިއަދު ގިނަ މީހުންގެ ގާތުގައި ވަގުތަކީ ކޮބައިތޯ އެހުމުން ބުނާނީ "ވަގުތަކީ ފައިސާ" ކަމަށެވެ. ބައެއް މީހުން ބުނަނީ ވަގުތަކީ އަހަރެންގެ ޢާއިލާ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ވަގުތަކީ އަހަރެންގެ އަމިއްލަ ނަފްސު (އަހަރެން، ހަމައެކަނި އަހަރެން) ކަމަށެވެ.
ވަގުތަކީ އަހަރެންގެ ސިއްހަތެވެ. ވަގުތަކީ އަހަރެންގެ އުފަލެވެ. އަދި ބައެއް މީހުން ބުނަނީ ވަގުތަކީ އަހަރެން ބޭނުން ގޮތަކަށް އަރާމާއި މަޖަލުގައި ހޭދަކުރަން އޮތް އެއްޗެއް ކަމަށެވެ. ކޮންމެ މީހަކުވެސް ބުނަނީ "މިއީ ދިރިއުޅެން ލިބޭ ކުރު ދިރިއުޅުމެއް، އެހެންވީމާ އޭގެ އެންމެ ފުރިހަމަ ބޭނުން ހިފާށެވެ." އެންމެ ރަނގަޅެވެ، އޭގެ އެންމެ ފުރިހަމަ ބޭނުން ހިފާނީ ކިހިނެއް ހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެން މި ދެންނެވި ހުރިހާ ކަމަކީވެސް ވަގުތީ، އަދި މާނައެއް ނެތް ކަންކަމެވެ. ތިބާގެ ވަގުތަކީ ހަމައެކަނި ފައިސާ ކަމުގައި ހަދައިފިނަމަ، ދަންނާށެވެ! މާޒީގެ ބޮޑެތި ފިލޯސަފަރުންނާއި، އެނޫން މީހުން (ޣައިރު މުސްލިމުންވެސް) ބުނެފައިވެއެވެ: "ތިބާގެ ވަގުތަކީ ފައިސާ ކަމުގައި ވާނަމަ، ތިބާގެ ދިރިއުޅުމުގެ އަގު ވަރަށް ދަށްވެއްޖެއެވެ" ކީއްވެގެން ހެއްޔެވެ؟ ފައިސާއަށް ތިބާއަށް ކޮށްދެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އާނއެކެވެ. އެއިން ބިލްތައް ދެއްކިދާނެއެވެ. އަދި މާލީ ގޮތުން މިނިވަންވެވިދާނެއެވެ. ނަމަވެސް އެއަކަށް ލޯތްބެއް ނުގަނެވޭނެއެވެ. އެއަކަށް ތިބާގެ އާއިލާއެއް ނުގަނެވޭނެއެވެ. އަދި އެއަކަށް ތިބާއަށް އިތުރު ވަގުތެއްވެސް ނުގަނެވޭނެއެވެ. ދިރިއުޅުމުގައި ފައިސާދީފައި އިތުރު ވަގުތު ގަނެވޭނެ ހެއްޔެވެ؟ އެއިން ހަގީގީ އުފާވެރިކަމެއް ނުގަނެވޭނެއެވެ. އަދި ދިރިއުޅުމުގެ ހަގީގީ މަގުސަދެއްވެސް ހޯދައެއް ނުދެވޭނެއެވެ. ތިބާ އެ ފައިސާ އެއްކުރާނީއެވެ، އަދި ފަހުން ދޫކޮށްލާފައި ދާނީއެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން