ތިއަ ހުރެވެނީ މާތް ﷲ ގެ މިތުރަކަށްވުމަށް އެކަލާނގެދެއްވަވާފަ އޮތް ދަޢުވަތު ޤަބޫލުކޮށްގެންތަ؟ ޔަޤީންކަމަކީ އެއިރުން ނުލިބޭނެއުފާވެރިކަމެއް، ނިޢުމަތެއް ނެތްކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ތިއަ ހުރެވެނީ މާތް ﷲ ގެ މިތުރަކަށްވުމަށް އެކަލާނގެދެއްވަވާފަ އޮތް ދަޢުވަތު ޤަބޫލުކޮށްގެންތަ؟ ޔަޤީންކަމަކީ އެއިރުން ނުލިބޭނެއުފާވެރިކަމެއް، ނިޢުމަތެއް ނެތްކަން!

 

އެންމެހައި މަތިވެރިވަންތަކަމެއް ލިބިވޮޑިގެންވަނީ

ﷲ ތަޢާލާއަށެވެ. އެއީ ހުރިހާ މުސްލިމުންވެސް ޤަބޫލުކުރާނެ ކަމެކެވެ. ދައްކަން މިއުޅެނީ ﷲ ތަޢާލާ ކޮންމެ މުސްލިމަކަށްވެސް ދެއްވަވާފައިވާ ދަޢުވަތެއްގެ ވާހަކައެވެ.  

"ﷲ ތައާލާގެ މިތުރަކަށް ވާން ބޭނުންތޯ؟" ސުވާލުކޮށްފިނަމަ ކޮންމެ މީހަކުވެސް ވަރަށް ބާރަށް "އާނއެކެވެ" ބުނާނެއެވެ. އެހެނީ އެކަމަށް ބޭނުން ނުވާނެ އެއްވެސް މީހަކު ނުހުންނާނެތީއެވެ. ނަމަވެސް ހިތާމައަކީ ﷲ ތަޢާލާގެ މިތުރަކަށް ވުމަށް ﷲ ތަޢާލާ ދެއްވަވާފައިވާ ދަޢްވަތު ޤަބޫލުކޮށް އެކަމަށް މަސައްކަތް ކުރަނީ މަދު މީހަކު ކަމެވެ.

 "ދަންނާށެވެ! ހަމަކަށަވަރުން، ﷲގެ މިތުރުންގެ

މައްޗަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ ހިތާމަ ކުރާނޭ ބައަކު ކަމުގައިވެސް ނުމެވޭމެއެވެ. އެއުރެންނީ އީމާންވެ ތަޤްވާވެރިވެ އުޅުނު މީހުންނެވެ. ދުނިޔޭގެ ޙަޔާތުގައްޔާއި އާޚިރަތުގައި އެއުރެންނަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ. ﷲ ގެ ކަލިމަފުޅުތަކަށް ބަދަލު ނާންނަ ހުއްޓެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ ހަމަ އެއީއެވެ." (ޔޫނުސް ސޫރަތުގެ 62،63،64)

 

63 ވަނަ އާޔަތުގައި ބަޔާން ކުރައްވަވާފައި އެވަނީ ﷲ ތަޢާލާގެ މިތުރުންނަކީ ކޮބައިކަމެވެ. ﷲ ތަޢަލާގެ މިތުރަކަށް ވުމަށް ހުންނަން މިޖެހެނީ އެންމެ 2 ސިފައެކެވެ. އެއީ އީމާންތެރިކަމާއި ތަޤްވާވެރިކަމެވެ. އީމާން ތެރިކަމަކީ ނުވަތަ އީމާންވުމަކީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރުމެވެ. ތަޤްވާވެރިވުމަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވެ އަމަލުކުރުމެވެ. އެއީ ކުރުމަށް އަމުރުފުޅު ކުރައްވަވާފައިވާ އެންމެހައި ކަންކަން ކުރުމާއި ނަހީ ކުރެއްވެވި އެންމެހައި ކަންކަމުން ދުރުހެލިވެ ހުރުމެވެ.  

62 ވަނަ ޢާޔަތުގައި އަންގަވާފައި ހަމަކަށަވަރުން، ﷲ ތަޢާލާގެ މިތުރުންގެ މައްޗަށް އެއްވެސް ބިރެއް ނެތް ކަމަށެވެ. 64 ވަނަ އާޔަތުގައި އަންގަވާފައި އެވަނީ ދުނިޔޭގެ ޙަޔާތުގަ އާއި އާޚިރަތުގައި އެއުރެންނަށް (ﷲ ތަޢާލާގެ މިތުރުންނަށް) އުފާވެރިކަމުގެ ޚަބަރު ހުރިކަމަށެވެ. ﷲ ތަޢާލާގެ ކަލިމަފުޅުތަކަށް ބަދަލު ނާންނާނެ ކަމަށާއި ބޮޑުވެގެންވާ ނަޞީބު ލިބުމަކީ ﷲ ތަޢަލާގެ މިތުރަކަސް ވެވުން ކަމަށެވެ.

މިހައި ސާފު ޢިބާރާތުން މިކަންކަން ބަޔާންކޮށް ދެއްވަވާފައިވާ އިރުވެސް އަހަރެމެން މިވަނީ ހަމަ އެކަނި ﷲ ތަޢާލާގެ މިތުރަކަށް ވާން ބޭނުން ކަމަށް ހަމައެކަނި ދުލުން ބުނާ ބައަކަށެވެ. މިތުރަކަށް ވުމަށް އަމަލުން ކުރަންޖެހޭ ކަންކަން މިއޮންނަނީ ނުކުރެވިފައެވެ.

ދުނިޔޭގެ ޙަޔާތުގަ އާއި އާޚިރަތުގައި ﷲ ތަޢާލާގެ މިތުރުންނަށް ހުރީ އުފާވެރިކަމުގެ ޚަބަރު ކަމަށް ވަޙީ ކުރައްވަވާފައި އޮތުމުން ދެ ދުނިޔެއިން ވެސް އުފާވެރިކަން ހޯދަން ގަދައަޅައި މަސައްކަތް ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އެކަމަށް މަސައްކަތް ނުކޮށް ދެން ކުރަން އޮތީ ކޮން މަސައްކަތެއް ހެއްޔެވެ؟  

--މުފްތީ މެންކުގެ ދަރުސަކުން    

 

މިއަދު އޮންލައިން