ބައެއް މީހުން ބުނެއެވެ. "އަހުރެން ޒިނޭއެއް ނުކުރަމެވެ. ކަންކަން ކުރަނީ މިވެނި މިންވަރަކަށެވެ." އެމީހުންނަށް ނުވިސްނޭ ކަމަކީ ބޮޑުޒިނޭއަކީ ޖިމާޢުވުން ނަމަވެސް ޒިނޭގެ ތެރޭގައި ހިމެނޭ ޢަމަލުތައް އެބަހުރިކަމެވެ. ލޮލުންނާއި އެހެންވެސް ގުނަވަންތަކުން ކުރާ ފާފަތަކަށް ޒިނޭގެ ދަރަޖަ ލިބިގެންދާކަމެވެ.
"ޒިނޭއަކީ ހަމައެކަނި ޖިމާޢުވުންތޯ؟" މިސުވާލުގެ ޖަވާބުގައި ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ވިދާޅުވެފައިވަނީ: "ޒިނޭކުރިކަމަށްވާނީ ޖިމާޢުވުމުންނެވެ. ޒިނޭގެ ޙައްދާއި ފާޙިޝް އެހެން ޢަމަލުތަކުގެ ޙައްދު ތަފާތުވެގެންވެއެވެ. އެކި އަމަލުތައް އޮތީ އެކިޙައްދެވެ. އެކި ޢަދަދުތަކުން ތަޢްޒީރުކުރުމެވެ.' މިފަދައިންނެވެ.
"ޒިނޭއަށް މަގުފަހިކޮށްދޭ ކޮންމެ ކަމަކީ ޙަރާމް ކަމެއްކަން ބަޔާންކުރައްވައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "ޒިނޭކުރުމަކީ އެންމެ ބޮޑު ފާފައެވެ. ޙައްދު އެންމެ ބޮޑު ފާފައެވެ. އެހެންކަމާއިއެކުވެސް ފާޙިޝް ކޮންމެ ޢަމަލަކީވެސް ފާފައެކެވެ. ކޮންމެ ފާފައަކަށްވެސް ޙައްދެއް ވެއެވެ. އަދަބެއް ވެއެވެ. ޢަޛާބުވެސް ދެއްވަވާނެއެވެ."
ވީމާ ކައިވެނީގެ ބޭރުން ޖިންސީ އެދުން ފުއްދުމަށް ބިރުވެތިވާށެވެ! ފާފަވެރިވާނީ ހަމައެކަނި ޖިމާޢުވުމަކުން ނޫނެވެ. ކައިވެނީގެ ބޭރުން ކުރެވޭ އެބާވަތުގެ ކޮންމެ ޢަމަލަކީ ފާޙިޝް ޢަމަލެކެވެ. ކޮންމެ ފާޙިޝް ޢަމަލަކަށްވެސް ޙައްދެއްވެއެވެ. އެފަދަ ކޮންމެ ޢަމަލަކީވެސް މީޒާނުގައި ތިބާއާއި ދެކޮޅަށް ބުރަވާނެ ޢަމަލެކެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިގެންދާ ސަބަބެކެވެ.
- މިއަދުނޫސް