ނިކަމެތި ޙާލެއްގަ ޖެހުމުންނާ ނުޖެހޭއިރުވެސް ބައިވެރިޔާ ތިބާ ދޫކޮށްލައިފިނަމަ އޮތީ ޝުކުރުގެ ސަޖިދަޖެހުމާ އުފަލުން އަތްޖެހުން! ލައްވަވާނެ ރަޙްމަތް މާބޮޑުވެ މާއުފާވެރި ދިރިއުޅުމެއް ލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 3ސ
ނިކަމެތި ޙާލެއްގަ ޖެހުމުންނާ ނުޖެހޭއިރުވެސް ބައިވެރިޔާ ތިބާ ދޫކޮށްލައިފިނަމަ އޮތީ ޝުކުރުގެ ސަޖިދަޖެހުމާ އުފަލުން އަތްޖެހުން! ލައްވަވާނެ ރަޙްމަތް މާބޮޑުވެ މާއުފާވެރި ދިރިއުޅުމެއް ލިބޭނެ!

އިމްތިޙާންތައް ކުރިމަތިކުރައްވަވާނީ އެކިމީހުންނަށް އެކި ގޮތަށެވެ. އެކި ޢުމުރުގައެވެ. ތިރީގައި އެވަނީ ކުޑަކުޑަ ދެކުދިންނަށާއި ދެކުދިންގެ ބައްޕައަށް ކުރިމަތިކުރެއްވެވި އިމްތިޙާނުގެ ވާހަކައެވެ. އަދި ލެއްވެވި ބޮޑު ރަޙްމަތުގެވެސް ވާހަކައެވެ.  

އެންމެ ފުރަތަމަ މިވާހަކަ ވިދާޅުވާށެވެ.  

އޭނާއަކީ ބޭކަރީއެއްގައި މަސައްކަތްކުރަމުން އައި އަންހެނެކެވެ. އެއް ދުވަހަކު10 ވަރަކަށް އަހަރުގެ ކުޑަކުއްޖަކު އައިސް ބުންޏެވެ. "ދައްތާއެވެ. މުއްދަތުހަމަވެފައިވާ ޕާނެއް ނުވަތަ ފާރޮށިކުނޑިކޮޅެއް ހުރިނަމަ ދީބަލާށެވެ. އަހަރެންގެ އަތުގައި އޮތީ ވަކިލާރިކޮޅެކެވެ."  

އޭނާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އަދި ރަނގަޅު ޕާނެއް ގަނެފައިދިނުމަށްފަހު ހިފައިގެންދާން ބުންޏެވެ. ޑިޔުޓީ ނިންމާފައި ދިއަ މަގުމަގުމަތީގައި ހަމައެކުއްޖާ އާއި ބައްދަލުވިއެވެ. އެއިރު ޑަސްޓްބިނުން ކާތަކެތި ހޯދަނީއެވެ.  

އެކުއްޖާއާއި ސުވާލުކުރުމުން ރޮމުން ކިޔައިދިނެވެ. "އަހަރެންގެ ބައްޕަ އޮތީ އެނދުމަތިވެފައެވެ. ނުތެދުވެއެވެ. 6 އަހަރުގެ ކުޑަކޮއްކޮއަކު އެބަހުއްޓެވެ. ބައްޕަ ބަލިވީމާ އަހަރެމެން ދޫކޮށްލާފައި މަންމަ ހިނގައްޖެއެވެ. ބައްޕައާއި ކޮއްކޮއަށް ކާންދިނުމަކީވެސް އަހަރެންނަށް ކުރަންޖެހިފައިވާ ކަމެކެވެ. ދައްތާއެވެ! ފުލުހުންނަށް ނުގުޅާށެވެ! ފުލުހުން އަހަރެމެން ދެބެއިން ގެންގޮސްފިނަމަ ބައްޕަ ބަލާނެ މީހަކު ނެތެވެ. އެކަނި އޮންނަން ޖެހިއްޖެނަމަ ބަނޑަށް މަރުވެސް ވެދާނެއެވެ."  

އޭނާ ބޭނުންވީ އެކުއްޖާގެ ގެއަށްގޮސް އެކަންކަން ބަލައިލާށެވެ. ގޮސްބެލިއިރު ކުއްޖާ ކިޔައިދިން ކަންކަން ހުރީ ހަމަ ކިޔައިދިން ގޮތަށެވެ. ކުރި އަސަރުން ކުއްޖާގެ ބައްޕަ އާއި ވާހަކަ ދެއްކުމުން ކިޔައިދިނެވެ. "އަހަރެންނަށް މިފަދަ ގޮތެއް މެދުވެރިވެދާނެކަމަށް ޑޮކްޓަރުބުނުމާއިއެކު އަނބިމީހާ އަހަރެމެން ދޫކޮށްލާފައި ދިއައީއެވެ. ކުދިން ގެންދަން ބުނުމުން ބުނީ އެއިރުން އޭނާއަށް ދިރިއުޅުމެއް ނުފެންނާނެ ކަމަށެވެ. ދެ ކުދިން ގޮވައިގެން އެކަނި އުޅެމުންދަނިކޮށް ބަލިވީއެވެ. އެނދުމަތިވިތާ އަހަރެއްހައިދުވަސްވެއްޖެއެވެ. މިކަން މެދުވެރިވިފަހުން ދެދަރިން ފިޔަވައި އަހަރެންނަށް ފެނުނު ހަމައެކަނި މީހަކީ ތިއައީއެވެ."

އެދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް އޭނާ އެގެއަށްދެއެވެ. 3 ބަފައިންނަށް ކައިލާނެ ކޮންމެވެސް އެއްޗެއް ދެއެވެ. އަދި ގޭތެރޭގެ ކަންކަންވެސް ކޮށްދެއެވެ. ބައެއް ދުވަސްދުވަހު ފިރިހެން މީހާ ކޮޅަށް ނަގަން މަސައްކަތްކުރެއެވެ. ކޮންމެ ދުވަހަކުވެސް ފައިގައި ތެޔޮ ދަމައިދީހަދައެވެ.  

ދުވަސްތައް ފާއިތުވަމުން ގޮސް އަހަރުވީއިރު ކޮންމެވެސް ވަރަކަށް އޭނާއަށް ހިނގެއެވެ. ދެއަހަރުވީއިރު ހަމަ މުޅިން ރަނގަޅުވެއްޖެއެވެ. މަސައްކަތްވެސް ކުރެވޭވަރުވެއްޖެއެވެ. އެއިރު ދެމީހުންގެ މެދުގައި ވަނީ ގާތްގުޅުމެއް އުފެދިފައެވެ. އެގުޅުން ލޯތްބަށް ބަދަލުވެ ކައިވެނިވެސް ކުރިއެވެ.  

ކައިވެނީގެ މުނާސަބަތުގައި ބޭއްވި ކުޑަހަފްލާއަށް ޑޮކްޓަރު ދިއައެވެ. ޑޮކްޓަރު ބުނީ އޭނާއަށް އަލުން ހިނގުނުކަން އެއީ ޢަޖައިބެއްފަދަ ކަމެއް ކަމަށެވެ. ޢާންމު ގޮތެއްގައި އެކަން އެހެން މެދުވެރިނުވާނެ ކަމަށެވެ. 

ދުވަސްކޮޅެއް ފަހުން ދަރިންގެ މަންމަ އެގެއަށް ދިއައެވެ. އަދި މޮޅުވާހަކަތައް ދައްކަން ފެށިއެވެ. ދިއައީ އޭނާދެކެވެސް ދަރިންދެކެވެސް ލޯބިނުވާތީ ނޫންކަމަށާއި އެއީ ކުރެވުނު ކުށެއްކަމަށްވެސް ބުންޏެވެ. ކުދިންދެކެވާ ލޯބިން ކުދިން ގައިގަ އަތްލަން އުޅުނީމާ ކުދިން ދުވީ ދުރަށެވެ. އެހެން ނޫވާންވީ ކީއްވެގެންހެއްޔެވެ؟ ހުރިހާ ކަންކަން ހިނގައިދިއައީ ދެކުދިންގެ ކުރިމަތީގައެވެ. އަޅައިލާނެ އެއްވެސް މީހަކު ނެތި ކާންބޯން ނުލިބިގެން ނުކައިތިބެންޖެހުނީވެސް ހަމައެ ދެކުދިންނަށެވެ. ޑަސްޓްބިންތައް ހާވައިގެން ކުނި އެއްޗެތި ހޯދައިގެން ކާންޖެހުނީވެސް ހަމަ އެދެކުދިންނަށެވެ.  

އެއަންހެންމީހާއަށް ލިބުނު ޖަވާބަކީ "އަހަރެމެން 3 ބަފައިން ދެކެ ތިއަހާވަރަށް ލޯބިވެ ހެޔޮއެދޭތީ ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ކަލޭ ހަމަ ބަރާބަރެވެ! ތިއަ ދެއްކި ހުރިހާ ވާހަކަތަކެއްވެސް ހަމަ ބަރާބަރެވެ. ނަމަވެސް މިގެއަކު ދެން ކަލެއަކަށް ޖާގައެއް ނެތެވެ. ނުކުމެގެން އަވަހަށްދާށެވެ. އޮޅިގެންވެސް މިގެއަށް ނުވަންނާށެވެ. ރަނގަޅީ މި ސަރަހައްދަށްވެސް ނުފެނުނިއްޔާއެވެ." 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ ނިންމާލަމުން ބުނެފައިވެއެވެ. "ތިބާގެ ކުށެއް ނެތި ނުވަތަ ތިބާ ޙާލުގައި ޖެހޭ ދުވަހު ތިބާގެ ޙަޔާތުން މީހުން ދުރުކުރައްވަވަނީ ﷲ ތަޢާލާއަށް އޮޅިވޮޑިގެން ކަމަށް ހީނުކުރާށެވެ! މާތް ﷲ އީ ވީހައިކަންކަމާ ވާނޭހައި ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ އިޒުނަފުޅާއި ލައިގެން ނޫނީ ހަމަ އެއްވެސް ކަމެއް ނުހިނގާނެކަން ޔަޤީނެވެ. ވީމާ ތިބާގެ ކުށެއް ނެތި ނުވަތަ ތިބާ ޙާލުގައި ޖެހޭ ދުވަހު ތިބާގެ ޙަޔާތުން މީހުން ދުރުކުރައްވަވަނީ މާރަނގަޅު ގޮތެއް މިންވަރުކުރައްވަވަންކަން ޔަޤީންކުރާށެވެ."  

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! މިއީ ބޭރު ޤައުމެއްގައި ހިނގާފައިވާ ކަމެއްގެ ވާހަކައެވެ. މިފަދަ ކަންކަން ހަމަ މިރާއްޖޭގައިވެސް ދަނީ ހިނގަމުންނެވެ. އެފަދަ ނުބައި ގޮތްގޮތަށް ކަންކަން ކުރަނީ އަންހެނުން ނުވަތަ ފިރިހެނުން ކަމަށް ބުނާކަށް ނެތީމެވެ. ދެބައިމީހުންވެސް ކުރެއެވެ. އެބާވަތުގެ ކަންކަން ކުރަނީ ހިތުގައި ރަޙުމް ނުހުންނަ މީހުންނެވެ. އެއިގެ ތެރޭގައި އަންހެނުންވެސް އަދި ފިރިހެނުންވެސް ތިބޭނެއެވެ.

އަޅުގަނޑު ހަމައެކަނި ބުނެލަން ބޭނުމީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައިވާއިރު އެކަމަށް އެކަނި ނަމަވެސް ވިސްނާލައި އޯގާތެރިކަން އިސްކުރަމާތޯއެވެ؟ ރަޙުމާއި ކުލުނުހުރި ބައަކަށްވަމާތޯއެވެ؟

 

- ސަލީމާ ޢަލީ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން