އެކަނި ނިކަމެތިޙާލުގަ އޮވެ މަރުވުމަށް ނުއެދޭނަމަ ފުރަތަމަ ކަމަކަށްވެސް ތިބާގެ މައިންބަފައިންނަށް އަޅާލައި އެހީތެރިވާތަން ދަރިންނަށް ދައްކާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
އެކަނި ނިކަމެތިޙާލުގަ އޮވެ މަރުވުމަށް ނުއެދޭނަމަ ފުރަތަމަ ކަމަކަށްވެސް ތިބާގެ މައިންބަފައިންނަށް އަޅާލައި އެހީތެރިވާތަން ދަރިންނަށް ދައްކާށެވެ!

މުސްކުޅި ޢުމުރުގައި ނުވަތަ ބަލިޙާލެއްޖެހުމުން ދަރިންގެ އެހީތެރިކަން ނުލިބި ނިކަމެތިޙާލުގައި އެކަނި އޮވެ މަރުވާންޖެހޭތީ އެވާހަކަ ގިނަ ބައަކު ދައްކައެވެ. ކަންބޮޑުވެގެންވެސް އުޅެއެވެ. އެކަމަކު އެކަމުގެ ސަބަބަށް ވިސްނައިލަނީ މަދު މީހެކެވެ.

އަހުރެންނަށް އެނގޭ މިބާވަތުގެ ޙާދިސާތަކަސްބަލާއިރު ބުނަންޖެހެނީ ގިނަ ބައަކަށް އެޙާލަތު ކުރިމަތިވަނީ އެމީހުންގެ ސަބަބުން ކަމަށެވެ. އެއީ އެމީހުންގެ މައިންފައިންނާއި އެމީހުން އަޅައިލިތަން ދަރިންނަށް ދެއްކިފައި ނުއޮންނާތީއެވެ.  

މިހެން ބުނި ނަމަވެސް ރަޙުމް ކުޑަ ދަރިންވެސް ތިބޭނެއެވެ. އެފަދަ ދަރިންނަށް ކިތަންމެ ރަނގަޅު ނަމޫނާ ފެނިފައިވީނަމަވެސް އެކަކަށްވެސް ރަޙުމެއް ނުކުރާނެއެވެ. މައިންބަފައިން މުހިންމެއްވެސް ނުވާނެއެވެ. ނަމަވެސް އެއީ އެހައި ގިނަ ޢަދަދެއް ނޫނެވެ.  

ދީނުގައި އޮތީ މައިންބަފައިންނަށް އަލައިލުމެވެ. އެމީހުންނަށްޓަކައި ޤުރްބާންވުމެވެ. އެކަން ލައްވަވާފައިވަނީވެސް އެކަމަށް ﷲ ތަޢާލާ އުޖޫރަ ދެއްވަވާ ކަމެއްގެ ގޮތުގައެވެ. މިދައްކަނީ ޘަވާބާއި ދަރުމަ ދެއްވަވާނެ ވާހަކައެވެ.

އަހުރެން ދޭން އޮތް ނަޞީޙަތަކީ ފުރަތަމަ ކަމަކަށް މައިންބަފައިންނަށް އަޅާލައި އެހީތެރިވުމުގައި ނަމޫނާ ބައަކަށްވާށެވެ. އެކަން ތިބާގެ ދަރިންނަށް ދައްކާށެވެ. ތިބާ މިއަދު ޒުވާނަސް ތިބާވެސް މުސްކުޅިވާނެއެވެ. ބަލިވެސްވާނެއެވެ. ދަރިންގެ އެހީތެރިކަމަށްވެސް ބޭނުންވާނެއެވެ. އެދުވަހަށް ތައްޔާރުވާން ކުރަން އޮތްކަމަކީ ތިބާގެ މައިންބަފައިންނަށް ޚިދުމަތްކުރުމެވެ. އެކަން ތިބާގެ ދަރިންނަށް ދައްކައިދިނުމެވެ.

ހަމަ އެއާއިއެކު ވިސްނާށެވެ! ތިބާގެ މައިންބަފައިންނަށް އަޅައިނުލުމަކީ ﷲ ތަޢާލާގެ ލަޢްނަތް ޙައްޤުވާނެ ކަމެކެވެ. ވީމާ ތިބާއަށް އެކަން ދުނިޔޭގައި ދެއްކެވުމަކީވެސް ކުރިން މިބުނި ފަދަ ނިކަމެތި ޙާލަތެއ ތިބާއަށް ކުރިމަތިކުރައްވަވައިފާނެ ކަމެކެވެ. އެކަމަށް ބިރުވެތިވެވެސް އަމިއްލަ މައިންބަފައިންނަށް ހެޔޮކޮސްހިތާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން