ބައިވެރިޔާ ހިތްދަތިކުރުވާ މީހުން ނިކަން ވިސްނާލަބަލަ!: ކަނޑުގެ އަޑީގެ ފުންމިން ބެލުނެއްކަމަކު މީހަކަށްދޭ ހިތްދަތިކަމުން ކުރާނެ އަސަރު ބެލޭނެ އެއްވެސް މިންގަނޑެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ބައިވެރިޔާ ހިތްދަތިކުރުވާ މީހުން ނިކަން ވިސްނާލަބަލަ!: ކަނޑުގެ އަޑީގެ ފުންމިން ބެލުނެއްކަމަކު މީހަކަށްދޭ ހިތްދަތިކަމުން ކުރާނެ އަސަރު ބެލޭނެ އެއްވެސް މިންގަނޑެއް ނެތް!

އަހުރެން މިވާހަކަކޮޅު ޚާއްޞަ މިކުރަނީ ކޮންމެ ދެމަފިރިއަކަށެވެ. ވިސްނައިދޭން މަސައްކަތްމިކުރަނީ އަނެކާ ހިތްދަތިކުރާއިރު އެކަމުން އޭނާއަށް ލިބޭނެ އަނިޔާގެ ބޮޑުކަން ވަޒަންވެސް ނުކުރެވޭނެ ކަމެވެ. އެކަން އެގޮތަށް އޮތްއިރު ހިތް ޗިސްޗިސްކޮށްލާފައި މާފުކުރަން ބުނީމާ އެކަންކުރާނީ ކިހިނަކުން ހެއްޔެވެ؟  

މީހަކަށް ހިތްދަތިކަން ކުރިމަތިކުރުވީމަ އޭނާއަށް ހިތްދަތިކަން ލިބޭނެ މިންވަރާއި ބެހޭގޮތުން ސުވާލުކުރެވުނު ހިނދު ޢިލްމުވެރިއަކު ވިދާޅުވިއެވެ. "ގާބުރިއެއް ކަނޑަށް އެއްލައިފިނަމަ ގޮސް އަޑީގައި ޖެހޭނެ ފުންމިން ވަޒަންކުރެވިދާނެއެވެ. އެއީ އެކަނޑުގެ ފުންމިން އެނގޭނަމައެވެ. އެންމެ އަޑިއަށް ފޯރުމުން މަޑުޖެހޭނެތީއެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިތަށް އަނިޔާއެއް ދީފިނަމަ އޭނާއަށް އަނިޔާލިބޭނެ މިންވަރު ހޯދޭނެ އެއްވެސް ގޮތެއް ނެތެވެ. ސައިންސްވެރިންނަށްވެސް އަދި ޑޮކްޓަރުންނަށްވެސް އެކަން ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ."  

އަދިވެސް ބުންޏެވެ. "މިހެން ބުނާއިރަށް ބުނެފާނެއެވެ. ޑޮކްޓަރުން ބޭސްއެކުރަނީ އެކަން އެނގޭތީ ނޫންހެއްޔެވެ؟" ޖަވާބަކީ އެއްގޮތަކަށްވެސް އެނގޭތީއެއް ނޫނެވެ. ކޮންމެވެސް ބޭސްތަކެއް ކާންދީގެން ސިކުނޑި ބްލޮކްކޮށްލުވަނީއެވެ. ބޭހުގެ އަސަރުކެނޑި ބްލޮކްފިލާއިރަށް ހަމަ ކުރީގެ ޙާލަތަށް އެނބުރި ރުޖޫޢަވާނެއެވެ."

އަދިވެސް ބުނެފައިވެއެވެ. "ކިރިޔާވެސް ޙައްލެއް ލިބެނީ ތިމާއަށް އަޅަމުންދާ ވޭންތައް، ނުވަތަ ވޭންއަޅާ މިންވަރު ތިމާއަށް އިޙްޞާޞްކުރެވި އެކަންކަމުން ސަލާމަތްވާން އެމީހަކަށް މަސައްކަތްކުރެވުނުވަރަކުންނެވެ. އެކަމުގައި ހިތްވަރުކުރެވުނު ވަރަކުންނެވެ." 

މަތީގައި އެވާ ލިޔުމަށް ބާރުލިބޭ ސަބަބުތައްވެސް އެބަހުއްޓެވެ. ހިތްދަތި މައްސަލަތައް ކުރިމަތިވެ ނަފްސާނީވީ މީހަކު އެދްމިޓްކޮށް ފަރުވާދެމުންދާތާ އެތައް ދުވަހެއްވާއިރުވެސް ޙާލަތު ރަނގަޅު ނުވެ ޙާލަތު އިތުރަށް ގޯސްވަމުންދާކަން އެއީ ފެންނަ އެއްސަބަބުކަމުގައި ބެލެވެއެވެ.  

ކޮންމެއަކަސް ސަމާލުވާން އޮތް ކަމަކީ އެއްވެސް މީހަކަށް ހިތްދަތިކަން ކުރިމަތިނުކުރުވުމެވެ.  ޖިސްމާނީ އަނިޔާއެއް ކުރުމުން ލިބުނު އަނިޔާ ދެނެގަނެ އަނިޔާ ލިބުނު މިންވަރުވެސް ދެނެގަނެ ފަރުވާކުރެވިދާނެއެވެ. ނަމަވެސް އެއްވެސް މީހަކަށް ހިތްދަތިކަމެއް ދިނުމުން އެކަމުން އޭނާއަށް އަސަރުކުރާނެ މިންވަރު ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

ނަޞޭޙަތަކީ ހަމަ އެކަކުވެސް އަނެކާއަށް އެއްވެސް ވަރެއްގެ ހިތްދަތިކަމެއް ނުދިނުމެވެ. ކޮންމެ ދެމަފިރިއަކުވެސް އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން