މީހުންގެ ފިރިން ޙާޞިލުކުރަން ތިމާގެ ހުރި މޮޅުކަން ދައްކަންވެސް ފާފައެއް ކުރީމާ ވާނީ ފާފައަކަށް! އެފަދަ މަގަކުން ކައިވެނިކުރެވުނަސް ގާތީ ހިތާމަކުރަންޖެހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
މީހުންގެ ފިރިން ޙާޞިލުކުރަން ތިމާގެ ހުރި މޮޅުކަން ދައްކަންވެސް ފާފައެއް ކުރީމާ ވާނީ ފާފައަކަށް! އެފަދަ މަގަކުން ކައިވެނިކުރެވުނަސް ގާތީ ހިތާމަކުރަންޖެހުން!

ފަށަމުންވެސް ބުނެލަން އޮތީ ތިމާގެ މޮޅުކަން ދައްކަންވީ ފާޙިޝް ޢަމަލުތަކަކުންނޫނެވެ. ތެދުވެރިކަމާ ރިވެތި އަޚްލާޤާ ތަޤްވާވެރިކަމުންނެވެ. ޙަޤީޤީ މޮޅުވުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ އުފުލިގެންވުމެވެ.  

އަހުރެން މިވާހަކަ މިބުނަނީ ހަމައެކަނި ދީނީ ގޮތަކުން ނޫނެވެ. ދީނުގައި ވަކިގޮތަކަށް ކަންކަންކުރަން އޮތްނަމަވެސް އެކަމަށް ބަލަނީ ވަރަށް މަދުމީހެކެވެ. ގިނަ ބައަކު ކަންކަން ކުރަނީ އެމީހަކަށް އެންމެ ފައިދާ ބޮޑުވާނެކަމަށް ޤަބޫލުކުރެވޭ ގޮތަށްކަމަށްވާތީއެވެ. އެހެންކަމާއިއެކުވެސް ދީނުގައި އޮތްގޮތްވެސް ބުނެދޭނަމެވެ.  

މަސައްކަތްކުރާ، އަޚްލާޤް ރަނގަޅު ފިރިހެނުން ކައިވެނިކުރަނީ އޭނާއަށް ބޭނުންވާ ކަންތައްތައް ނުފުއްދިގެނެއް ނޫނެވެ. މިބުނިފަދަ ރަނގަޅު ގިނަ ފިރިހެނުންނަކީ އެމީހުންނަށް ބޭނުންވާ ކަންކަން އަމިއްލައަށް ކުރެވޭނެ ބައެކެވެ. މަދުވާނީ އެއްދާންކުރާނެ ބައިވެރިއެކެވެ. މާފާއެކުވެސް ބުނަންޖެހެނީ ކައިވެނީގެ ބޭރުން ފިރިހެނުންގެ އެބޭނުންވެސް އަންހެނުން ފުއްދައިދޭތީ އެކަމަށްވެސް ގިނަ ފިރިހެނުން ނުވިސްނައެވެ. އެއީ ދުނިޔަވީ އުޅުން ރަނގަޅު ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިނުވެވޭތީއެވެ. އާޚިރަތް ދުވަހަށް ބިރުވެތި ނުވެވޭތީއެވެ.  

އެމީހުން ކައިވެނިކުރަނީ އެމީހުންގެ އަތުން މަސައްކަތްނުކޮށް ލުއިފަސޭހަގޮތުގައި ދިރިއުޅޭށެވެ. ވީމާ ކައިވެންޏަށްފަހު އަނބިން އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. ކައިވެންޏަށްފަހު އަނބިމީހާގެ ހަމައެކަނި ވަޒީފާއަކީ "އަނބިމީހާކަން" ކަމުގައިވާނަމަ (އިތުރު ވަޒީފާއެއް އަދާކުރަން ނުޖައްސާނަމަ) ގަދަވެ ސަލާމަތުން ހުރެވޭހައި ހިނދަކު ފިރިމީހާއަށް ލުއިކޮށްދޭށެވެ. ނޫންނަމަ ކޮއްޕައި ދުރަށްލުން އަވަސްވާނެއެވެ.

އަދިވެސް ތަކުރާރުކޮށްލަން ބޭނުމެވެ. ފާޙިޝް ޢަމަލުތައްކޮށް ފިރިހެނުންނަށް ނުބައިމަގުތަކުން ދެވެނީ ހަމަ އަންހެނުންގެ ތެރެއިން ބައެއްގެ ސަބަބުންނެވެ. ކައިވެނީގެ ބޭރުން އެމީހުން އެދޭކަންކަން ކޮށްދޭތީއެވެ. އެއްބައަކު އެކަންކުރަނީ ފައިސާގެ ބޭނުމުގައެވެ. އަނެއްބައަކު ކައިވެނިނުކޮށް ތިބެވެސް އެކަންކުރަނީ އޭނާގެ އަނބިމީހާއަށްވުރެ މޮޅަށް ކަންކަންކޮށްދީގެން އޭނާގެ ހިތް ތިމާގެ މައްޗަށް ލަންބުވަންވެގެންނެވެ. މިދެޙާލަތުގައިވެސް އެކުރެވެނީ ކަނޑައެޅިގެން ބޮޑުފާފައެކެވެ، އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ.  

ދެން އޮތީ ދެވަނަ އަންތބަކަށްވުމެވެ. ފިރިހެން މީހާގެ ކިބައިގައި އެކަންކުރުމަށް ޝަރުޠު ހަމަވާނަމަ ދެވަނަ އަންތބެއްގެ ގޮތުގައި އެމީހަކާއި ކައިވެނިކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ކައިވެނިކުރުމުން ހުއްދަވާ ކަންކަން ކުރަންޖެހޭނީ ކައިވެނިކުރުމަށްފަހުގައެވެ. ކުރާ ކައިވެނީގައި ބަރަކާތް ލައްވަވާނީވެސް އެއިރުންނެވެ.  

މިކަންކަން ނުވިސްނޭތީ ނަމަވެސް މިކަންކަމަށް ސަމާލުކަން ނުދޭ އަންހެނުން އަންނަނީ ގިނަވަމުންކަން އެއީ ހިތާމަކުރަންޖެހޭ ކަމެކެވެ. ދިރިއުޅުމަކީ ކުޅިވަރަކަށް ނުހަދާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދިރިއުޅެން މަސައްކަތްކުރާށެވެ! ތިމާގެ ފަހަތުން ކާމިޔާބީ އަންނާނީ އެއިރުންނެވެ. އިން ޝާ ﷲ  

ވަރަށް ޒުވާން އަންހެނުންވެސް ވިސްނާނުލައި މިބުނި މަގުން ފާފަތައް ކުރެއެވެ. ފާފަތައް ކުރުމަށްފަހު ކައިވެނިވެސް ކުރެއެވެ. އެކަވެނީގެ ނަތީޖާ ހިތިވެ ކަރުނަ އަޅަންޖެހުން އޮންނާނީ ދާދި ގާތުގައެވެ. ވީމާ މިދެއްކެނީ ދުނިޔެއާއި އަދި ޢާޚިރަތާއިވެސް ގުޅުންހުރި ވަރަށް މުހިންމު ވާހަކަތަކެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން