ދީނުގަ އޮތް މަގުން ޢަމަލުކުރެވޭނަމަ ގިނަ މައްސަލަތަކަކުން ސަލާމަތްކަން ހޯދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ދީނުގަ އޮތް މަގުން ޢަމަލުކުރެވޭނަމަ ގިނަ މައްސަލަތަކަކުން ސަލާމަތްކަން ހޯދޭނެ!

ﷲ ތަޢާލާ އަހުރެމެންގެ ކިބައިން އެއްވެސް ކަމަކަށް ބޭނުންފުޅުވެވޮޑިގެނެއް ނުއެވެ. ﷲ ތަޢާލާއީ ހުރިހާ ކަންކަމަކުން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އެހެނެއް ކަމަކު އަހުރެމެންނަށް ކޮންމެ ބޭނުމެއްވެސް ޙާޞިލުކުރެވެން އޮތީ ﷲ ތަޢާލާ އެކަމެއް ހިންމަވައިދެއްވެވުމުންނެވެ.

ވަކިގޮތަކަށް އުޅެން ﷲ ތަޢާލާ އަންގަވާފައިއެވަނީ ހަމަ އަހުރެމެންގެ ފައިދާއަށެވެ. އަދި އެއީ އަހުރެމެންނަށް އެންމެ ފައިދާހުރި ގޮތެވެ. މީސްތަކުންނަށް އެންމެ ބޮޑަށް މަންފާކުރާނެ ގޮތްވެސް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ވީމާ ﷲ ތަޢާލާގެ އެންގެވުންތައް ދޫކޮށްލުމުން ހުރިހާ ގެއްލުންތަކެއްވެސް ލިބޭނީ ހަމަ އަހުރެމެންނަށެވެ.  

މުޖުތަމަޢުގައި ހުރި މައްސަލަތައް އެންމެންނަށްވެސް އެނގެއެވެ. އެކަންކަމަށް އެންމެންވެސް ކަންބޮޑުވެއެވެ. އެކަންކަން ޙައްލުކުރެވެން އޮތް ހަމައެކަނި މަގަކީ އިސްލާމީ ޝަރީޢަތްކަންވެސް އެންމެންނަށްވެސް އެނގެއެވެ. އެކަން ޤަބޫލުވެސް ކުރެއެވެ. އެހެންކަމާއިއެކުގައިވެސް އިސްލާމީ ޝަރީޢަތް ތަންފީޒުކޮށް ޢަމަލުކުރަން މިވަނީ ނުކުޅެދިފައެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެކެވެ.  

ތިރީގައިވާ ލިޔުމުން އިސްލާމީ ޝަރީޢަތުގެ މަތިވެރިކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.  

އިސްލާމީ ޝަރިޢާތަކީ ވަރަށް މާތް މަތިވެރި ޝަރީޢަތެކެވެ. އެއީ ރައްބުލް ކާއިނާތުގެ ޝަރީޢަތެވެ. އިންސާނާ އުފެއްދެވި މަތިވެރި އިލާހުގެ ޝަރީޢަތެވެ. އިންސާނާގެ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތުން ބާވައިލެއްވި ޝަރީޢަތެކެވެ. އެ ފަރާތަކީ އިންސާނާގެ ވެރި ރައްބެވެ. އިންސާނާއަށް އެންމެ ފައިދާ ހުރި އަދި އެންމެ މަސްލަޙަތު ހުރި ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ވެސް އެ އިލާހު ކަމާ މެދަކު މުސްލިމަކު ޝައްކެއް ނުކުރާނެއެވެ.

އެހެންކަމުން މި ނިކަމެތި އިންސާނާއަށް ޙިކްމަތްވަންތަ އިލާހުގެ ޝަރީޢަތަށް ފާޑު ކިޔޭނެތޯއެވެ؟ އޭގައިވާ ބައެއް ޙައްދުތަކަކީ ހަރުކަށި ޙައްދުތަކެއް ކަމުގައި ބުނެވޭނެތޯއެވެ؟ އަދި އެ ޝަރީޢަތުގައިވާ ޙުކުމްތައް އަހުރެމެން ބޭނުމެއް ނޫނޭ ބުނެ އިޙްތިޖާޖު ކުރެވިދާނެތޯއެވެ؟ ބުއްދި ސަލާމަތުން ހުރި، މާތް ﷲ ގެ ކަށަކުޅަދުންވަންތަ ކަމާއި އެއްކައުވަންތަ ކަން ޤަބޫލު ކުރާ ފުރިހަމަ އިންސާނެއް އެފަދަ ބަހެއް ނުވަތަ ދަޢުވާއެއް ނުކުރާނެއެވެ. ސަލާމަތް ބުއްދީގެ އަހުލުވެރިއަކަށް ރައްބުލް ކާއިނާތުގެ ޙުކުމްތަކާ ޗެލެންޖު ކުރަން ނުކެރޭނެ ކަން ކަށަވަރެވެ. 

ނަމަވެސް ހިތާމައަކީ، ބައެއް އިންސާނުންނަށް އެވަރު ނުވިސްނޭ ކަމެކެވެ. މާތް ﷲ ޝަރީޢަތާ ދެކޮޅަށް އެކަލާނގެ ދެއްވި ދުލުގެ މަތިވެރި ނިޢުމަތުގެ ބޭނުން ކޮށްގެން ކުޑައިމީސް ބަސްބުނެ ފާޑު ކިޔާ ކަމެވެ. އަދި ތިމާމެން ހަދާ ވަޟަޢީ ޤާނޫނުތަކަކީ އެންމެ އެކަށީގެންވާ އެންމެ ތަހުޒީބީ ޤާނޫނުތަކެއް ކަމުގައި ބުނެ ގަދަބަސް ބުނާތީއެވެ. 

އިސްލާމީ ޝަރީޢަތުގައިވާ ހުރިހާ ޙުކުމްތަކަކީވެސް އެންމެ ފުރިހަމަ ޙުކުމްތަކެވެ. އެންމެ ޝާމިލު އެންމެ ރިވެތި ޙުކުމްތަކެވެ. ޙިކުމަތުން ފުރިގެންވާ ޙުކުމްތަކެވެ. ބައެއް މީހުންނަށް މި ޙުކުމްފުޅުތަކުގައި ވާ މަތިވެރިކަމާއި ޙިކުމަތްތެރިކަން ވިސްނައި ނުގަނެވުނަސް، ފުރިހަމަ ބުއްދީގެ އަހުލުވެރިޔަކަށް މުޅިން ވެސް ފެނިގެން ދާނީ މި ޝަރީޢަތުގައި ވާ މަތިވެރި ކަމާއި ޙިކުމަތުން ފުރިގެން ވާ ޙުކުމްފުޅުތަކެވެ.  

މުއުމިނުންގެ އަޤީދާއަކީ، މާތް ﷲ ބާވައިލައްވާފައިވާ ކޮންމެ ޙުކުމްފުޅަކީ ވެސް އެންމެ މުނާސަބު އެންމެ މަޞްލަޙަތު ހުރި ޙުކުމްތައް ކަމުގައި ހިތުގެ އަޑިން ޤަބޫލުކުރުމެވެ. އެހެނީ، ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގެންވަނީ އެ އިލާހެވެ. އިންސާނުންނަށް އެންމެ މަޞްލަޙަތު ހުރި ގޮތް ވެސް ދެނެވޮޑިގެން ވަނީ އެ އިލާހެވެ. މިއީ މުއުމިނުންގެ އަޤީދާއެވެ. މިއީ ވެރިރައްބާ މެދު މުއުމިނުންގެ އިތުބާރާއި ޔަޤީން ކަމެވެ. 

ވަޟަޢީ ޤާނޫނުތަކާ ޚިލާފަށް އިސްލާމީ ޝަރީޢަތަކީ ޘާބިތު ޝަރީޢަތެކެވެ. އިންސާނީ މަސްލަޙަތާއި އިންސާނީ ހައްޤުތަކާއި މުޖުތަމަޢުގެ އަމަންއަމާން ކަމާއި ސުލްޙަ މަސަލަސްކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދޭ ޝަރީޢަތެކެވެ. ޒަމާން ބަދަލު ވެދާނެއެވެ. ނަމަވެސް، އިސްލާމީ ޝަރީޢަތަކަށް ބަދަލެއް ނާންނާނެއެވެ. ޒަމާން ބަދަލުވެދާނެއެވެ. ނަމަވެސް ނަތީޖާ ބަރާބަރަށް ނެރެދޭނެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އިސްލާމީ ޝަރީޢަތުގެ މަސްދަރަކީ ޚުދު ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.

 

- ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން