"އަޅުގަނޑަށް އޮފީސް ނިމިގެން ގެއަށް އާދެވެނީ އިރުއޮއްސެން ވަރަށް ގާތްވެފަ ހުއްޓައެވެ. އޮފީހުގަ ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހެއެވެ. އެހެންވެ އޮންނަނީ ނަމާދުނުކުރެވިފައެވެ. އަޅުގަނޑުގެ ސުވާލަކީ އެހެންވީމާ އަޅުގަނޑު ގެއަށް އައިސް ރޭގަނޑު އެދެނަމާދު ޤަޟާކުރުން ކިހިނެއްވާނެތޯއޭ؟"
މިއީ އެކި ޢިބާރާތުން ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. މިސުވާލަކީ ވަރަށް މުހިންމުވެސް ސުވާލެކެވެ. ޖަވާބުގައި ދަންނަވަންއޮތީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމެވެ. އެލިޔުމުން ވަރަށް ސާފުކޮށް ޖަވާބުލިބިލައްވާނެތީ މިޖަވާބުވާނީ ތަކުރާރުވެސް ކުރެވިފައެވެ. ހަމަ މިމޭރުމުންހުރި ތަފާތުލިޔުންތައްވެސް ވާނީ ގެނެސްދެވިފައެވެ. މިއީ ކޮންމެ މުސްލިމަކަށްވެސް އޮތް އެންމެ މުހިންމު މައްސަލައެވެ.
ޖަވާބު:
އެއްވެސް މުސްލިމް ފިރިހެނަކަށް އަދި އަންހެނަކަށްވެސް، ފަރުޟު ނަމާދު އޭގެ ކަނޑައެޅިފައިވާ ވަގުތަށްވުރެ ފަސްކުރުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. އެމީހަކަށް ކުޅަދާނަވެގެންވާ ގޮތަކަށް، ކޮންމެ ފަރުޟު ނަމާދެއްވެސް އޭގެ ވަގުތުގައި އަދާކުރުމަކީ ބާލިޣުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ.
މަސައްކަތުގައި އަވަދިނެތި އުޅުމާއި، ހެދުން ހަޑިވެފައި ހުރުމަކީ ނަމާދު ފަސްކުރުމަށް އޮތް އުޒުރެއް ނޫނެވެ. މަސައްކަތުގެ މައްޗަށް ނަމާދު އިސްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ފަރުޟެކެވެ. ހަމައެހެންމެ، ހެދުމުގައި ނަޖިހެއް ހުރިނަމަ އެނަޖިހެއް ސާފުކުރުމަކީ ނުވަތަ ނަމާދު ކުރުމަށްޓަކައި ސާފު ހެދުމެއް ލުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
އެއީ ނަޖިހަކަށް ނުވާނަމަ އަދި އޭގެ ސަބަބުން ނަމާދަށް ތިބޭ މީހުންނަށް އުނގަދޫވާފަދަ ނުބައި ވަހެއް ނުދުވާނަމަ، ހެދުން ކިލާވެ ހިރަފުސް ވެފައި ހުރުމަކީ، ނަމާދުކުރުން މަނާ ކުރާ އުޒުރެއް ނޫނެވެ. ނަމަވެސް، އެކިލާގެ ސަބަބުން ނުވަތަ އެއިން ދުވާ ވަހެއްގެ ސަބަބުން ނަމާދަށް ތިބޭ އެހެން މީހުންނަށް އުނދަގޫ ވާނަމަ، އެމީހެއްގެ މައްޗަށް އޮތީ، ޖަމާޢަތަށް އެރުމުގެ ކުރިން އެކިލާ ދޮވެ ސާފުކުރުމެވެ. ނުވަތަ އެހެން ސާފު ހެދުމަކަށް ބަދަލުކުރުމެވެ.
ބަލިމީހެއް ނުވަތަ ދަތުރުވެރިއެއް ފަދަ މަގުބޫލު އުޒުރެއް ލިބިގެންވާ އުޒުރުވެރިއަކަށް ނަމާދު ޖަމްޢު ކުރުމަކީ ހުއްދަ ކަމެކެވެ. މެންދުރު ނަމާދާއި ޢަސުރު ނަމާދު އިސްކޮށް ނުވަތަ ފަސްކޮށް ޖަމްޢު ކުރުމާއި، މަޣްރިބް އަދި ޢިޝާ ނަމާދުވެސް މިފަދައިން ޖަމްޢު ކުރުމަކީ މިފަދަ އުޒުރުވެރިއަކަށް ހުއްދަ ކަމެއްކަން ކީރިތި ރަސޫލާގެ ސުންނަތުން ޘާބިތުވެއެވެ.
މަޞްދަރު: ފަތާވާ މުހިއްމާ ތަތަޢައްލަޤު ބިއްޞަލާތި – ފަޟީލަތުއްޝައިޚު ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ (ޞަފްޙާ 19 އަދި 20)
--އައްޝައިޚް މުޙައްމަދު ޝާފިޢު