ހުރިހާ ނުބައިކަމަކުން ރައްކައުތެރިކޮށްދެއްވެވުން އެދިގެން ކުރަން އޮތް ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 9ސ
ހުރިހާ ނުބައިކަމަކުން ރައްކައުތެރިކޮށްދެއްވެވުން އެދިގެން ކުރަން އޮތް ދުޢާއެއް!

" أَعُوْذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّمَا خَلَقَ "  

މިދުޢާގެ މާނައީ: މާތްﷲ ގެ ފުރިހަމަވެގެންވާ ކަލިމަފުޅުތައް މެދުވެރިކޮށް އެކަލާނގެ ހެއްދެވި އެންމެހައި މަޚްލޫޤުންގެ ނުބައިކަމުން މިއަޅާ އެކަލާނގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.  

މިދުޢާ ކިޔެވުމަކީ އެންމެހައި ނުބައިކަމަކުން ސަލާމަތްތެރިކަމާއި ރައްކާތެރިކަން ލިބިގެންދާނޭ ކަމެއް. ދަތްއަޅާ ނުވަތަ ވިހަލާ ސޫފިތަކުގެ ވިހައިންވެސް ސަލާމަތްތެރިކަން ލިބިގެންދާނެ ކަމެއް. އަބޫހުރައިރާގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައިވަނީ، މީހަކު ނަބިއްޔާގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ރޭގައި ތިމަންގެ ގައިގާ ނަގުލަންދާއްޓެއް ކަށިޖަހައިފިއެވެ. އެހިނދު ރަސޫލުﷲ ﷺ އޭނާއަށް ޙަދީޘް ކުރެއްވިއެވެ. أَمَا لَوْ قُلْتَ، حِينَ أَمْسَيْتَ:" أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ،" لَمْ تَضُرَّكَ،   މާނައީ: ރޭގަނޑުވީހިނދު، " أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ،" މިފަދައިން ތިބާކީ ނަމަ ތިބާއަށް އެއްވެސް ގެއްލުމެއް ނުވީހެވެ.  

އަދިވެސް ނަބިއްޔާ ﷺ ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައި ވެއެވެ.  مَنْ قَالَ حِيْنَ يُمْشِى ثَلاَثَ مَرَّات:  " أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ،" لَمْ يَضُرُّهُ حُمَّةٌ تِلْكَ الَّيْلَة  މާނައީ ރޭގަނޑުވާހިނދު ތިންފަހަރު " أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ،"  މިފަދައިން ކިޔައިފިނަމަ އެރެޔެއްގައި ދަތްއަޅާ، ނުވަތަ ކަށިޖަހާ އެއްވެސް އެއްޗެއްގެ ފަރާތުން އެމީހަކަށް ގެއްލުމެއް ނުލިބޭނެއެވެ.  

އަދި ހަމަ އެހެންމެ މިދުޢާ އަކީ މަންޒިލަކަށް ނުވަތަ ރަށަކަށް ފޭބުމަށްފަހު އެތަނުގެ ނުބައިކަމުން ރައްކާތެރިވުމަށް ކިޔުން ޝަރުޢު ވެގެންވާ ދުޢާއެއް، ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވޭ! މަންޒިލަކަށް ނުވަތަ ތަނަކަށް ފޭބުމަށްފަހު  " أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ،"  މިފަދައިން ކިޔައިފިނަމަ އޭނާ އެތަނުން ދަތުރު ކޮށްފުމަށްދާންދެން އެއްވެސް ގެއްލުމެއް އޭނާއަކަށް ނުލިބޭނެތެވެ. އެހެންކަމުން ފަޅުރަށަކަށް ނުވަތަ އެހެންވެސް ތަނަކަށް ގޮސްފިނަމަ، ނުވަތަ ދަތުރެއްގައި ރަށަކަށް ފައިބާނަމަ ފުރަތަމަވެސް މިދުޢާ ކިޔުމަކީ އެންމެހައި ނުރައްކަލުން މީހާ ސަލާމަތްވާނޭ ސަބަބެއް، އެހެންކަމުން ޚާއްޞަކޮށް ރޭގަނޑުވާހިނދުގަޔާއި، އަދި ހަމަ އެހެންމެ ތަނަކަށް ގޮސްފިކަމުގައިވާނަމަ މިދުޢާ ކިޔުމަށް ފަރުވާތެރިވާންޖެހޭ.

 

- މިސްކަތު ފައުންޑޭޝަންގެ ދަރުސަކުން

 

މިއަދު އޮންލައިން