ތިމާ އެންމެ ބޮޑަށް ލޯބިވާ އެއްޗަކުން ޞަދަޤާތްކޮށް އިޙްޞާންތެރިވުމަކީ ތިބާއަށް ކިހާ ބޮޑު ފައިދާއެއް ކުރާނެ ކަމެއްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 50ސ
ތިމާ އެންމެ ބޮޑަށް ލޯބިވާ އެއްޗަކުން ޞަދަޤާތްކޮށް އިޙްޞާންތެރިވުމަކީ ތިބާއަށް ކިހާ ބޮޑު ފައިދާއެއް ކުރާނެ ކަމެއްކަން އެނގޭތަ؟

އަހަރެމެން ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ އެމީހަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ މީހަކު ކަމުގައިވުމަށެވެ. އެހެންކަމުން މިބަޔާންކުރާ 2 އާޔަތަށް ބަލައިފިނަމަވެސް ކުރަންވީ ކަންކަން ފެންނާނެއެވެ.   

وَأَنفِقُوا فِي سَبِيلِ اللَّهِ وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ ۛ وَأَحْسِنُوا ۛ إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ 

"ﷲ ގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސްތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ! އަދި އިޙްޞާށން ތެރިވާށެވެ! ހަމަކަށަވަރުން، އިޙްޞާންތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ. (އަލްބަޤަރާ: 195)  

الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ 

"އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްޞާންތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ." (އާލްޢިމްރާން: 134)  

އަތުގައިހުރި ތަކެތިން ﷲ ތަޢާލާގެ މަގުގައި ހޭދަކުރަންވީ ފުދި އިތުރުވާވަރަށް ހުރުމަކުން ނޫނެވެ. އޮތީ " ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީކަށްވުމެވެ." އަދި ދެން ބަޔާންކުރައްވަވާފައި އެވަނީ އެންމެ ފަސޭހައިން ކުރެވެން އޮތް ކަންތަކެވެ. ނަމަވެސް މިއަދު ގިނަ މީހުން އެންމެ ބޮޑަސް ފަސްޖެހެނީ އެކަން ކުރުމަށެވެ. އެއީ " ރުޅި މަތަކޮށް ހިފަހައްޓާ މީހުން" ކަމުގައިވުމާއި " މީސްތަކުންނަށް މާފުކުރާ މީހުން" ކަމުގައިވުމެވެ.  

ދެން މިއާޔަތަށް ވިސްނައިލާށެވެ.  

لَن تَنَالُوا الْبِرَّ حَتَّىٰ تُنفِقُوا مِمَّا تُحِبُّونَ ۚ وَمَا تُنفِقُوا مِن شَيْءٍ فَإِنَّ اللَّهَ بِهِ عَلِيمٌ 

"ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮށްފުމަށްދާނދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ. އަދި، ތިޔަބައިމީހުން ހޭދަކުރާ ކޮންމެ އެއްޗެއް، ފަހެ، ހަމަކަށަވަރުން، اللَّه އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެތެވެ." (އާލް ޢިމްރާން: 92)

މިއާޔަތުގެ އަޑު އިވިވަޑައިގަތުމުން ތޮލްޙަތުގެފާނު ރަސޫލް ﷺ ގެ އަރިއަހަށް ވަޑައިގެން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯއްދެވުމަށްޓަކައި ރަސޫލް ﷺ ގެ މިސްކިތްކޮޅު ކުރިމަތީގައި އޮތް އެކަލޭގެފާނުގެ ބިމެއް ﷲ ތަޢާލާއަށްޓަކައި ވަޤުފްކުރެއްވެވިއެވެ. އެއީ މުޅިމަދީނާގައިވެސް އެންމެ އަގުބޮޑު އެއް ބިމެވެ.

 

- ޝައިޚް މާޖިދް މަޙްމޫދުގެ ދަރުސަކުން

 

މިއަދު އޮންލައިން