މުސްލިމް އަޚުންނޭވެ! މާތް ﷲއަށް އީމާންވުމާއި، ހެޔޮ ކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ހެޔޮ ކަންތައްތަކުގައި އެހީތެރިވުމާއި، ނުބައި ކަންކަމުން މުޖުތަމަޢު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ، އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ.
މާތް ﷲގެ އަޅުތަކުންނޭވެ! ހެޔޮ ކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމުގެ ޒިންމާއަކީ މާތް ﷲ ވެރިކަން ދެއްވައިފި ބައެއްގެ އެންމެ އިސް ވާޖިބެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ހަމަކަށަވަރުން، ﷲއަށް نصرދޭ މީހަކަށް، އެކަލާނގެ نصرދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ﷲއީ، ބާރުވެރިވަންތަ، عزيزވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފި ނަމަ، ނަމާދު قائمކޮށް، ޒަކާތްދީ، ހެޔޮ ކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ ﷲއަށެވެ."
މުސްލިމް އަޚުންނޭވެ! އަހަރެމެންނަކީ ﷲގެ ހެޔޮ ރަޙުމަތްފުޅުން އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ޤަރުނުތަކެއްވަންދެން ދެމިތިބި ބަޔަކީމުއެވެ. އަހަރެމެންގެ ތެރޭގައި އޮންނަނީ އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އިޙުތިރާމްކުރުމާއި ލޮބުވެތިކަމާއި އަމާނާތްތެރިކަމާއި މަކާރިމުލްއަޚްލާޤުގެ ރިވެތި ސިފަތަކެވެ. މިކަންކަމަކީ އަހަރެމެން އަބަދުވެސް ދަމަހަންޓާން ޖެހޭނޭ ކަންކަމެވެ. މިއަދު ޤައުމުގެ އިޖުތިމާޢީ އަދި އަޚުލާޤީ ފޭރާމަށް ބަލާއިރު ރަނގަޅުކުރާންޖެހޭ ބައެއްކަންތައް އެބަހުއްޓެވެ. ވަކީން ޚާއްޞަކޮށް މާތް ﷲ ޙުރުމަތްތެރިކުރައްވައިފައިވާ، މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރިކުރުމަށްޓަކައި މަސައްކަތްތަކެއްކުރާން ވަނީ ޖެހިފައެވެ. މިފަދަ ކަންކަން ރަނގަޅުކުރެވޭނީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމުގެ އިޖުތިމާޢީ މަސްއޫލިއްޔަތު ދަމަހައްޓައިގެންނެވެ.
މުސްލިމް އަޚުންނޭވެ! ކޮންމެ ފަރުދަކު ވެސް، ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރާން ޖެހެއެވެ. އެ މީހަކަށް ކުޅަދާނަވީ މިންވަރަކުންނެވެ. މި ކަމަށް އިޝާރާތްކުރައްވައި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِن لَّـمْ يَسْتَطِعْ فَبِلِسَانِهِ، فَإِن لَّـمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإِيـْمَانِ)[1] މާނައީ: "ތިޔަބައިމީހުން ކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެ ނަމަ، ފަހެ އެ މީހެއްގެ އަތުން އެ ކަން މަނާކުރާށެވެ! އަތުން މަނާކުރުމުގެ ކުޅަދާނަކަން ނުލިބުނު މީހާ، ދުލުން އެ ކަން މަނާކުރާށެވެ! ދުލުން މަނާކުރުމުގެ ކުޅަދާނަކަން ނުލިބުނު މީހާ ހިތުން އެ ކަމަށް އިންކާރުކުރާށެވެ! މިއީ އީމާންކަމުގެ އެންމެ ދަށު ދަރަޖައެވެ." شَيْخُ الْإِسْلَام اِبْنُ تَيْمِيَّة - رَحِمَهُ اللهُ – ވިދާޅުވިއެވެ. "މާތް ﷲއާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަރާމްކުރައްވައިފައިވާ މުންކަރާތްތަކުގެ ތެރޭގައި ހިމެނޭ ކުފުރާއި، ފާސިޤުކަމާއި، އުރެދުމުގެ ޢަމަލުތަކަށް، ރުހިގެން ހުންނަމީހާގެ ހިތުގައި، މާތް ﷲ އޭނާގެ މައްޗަށް ވާޖިބުކުރެއްވި އީމާންކަމެއް ނުވެއެވެ."
މުސްލިމް އަޚުންނޭވެ! މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ޢަމަލުތައް ހުއްޓުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ، ތިމާގެ އަމިއްލަ މުދަލާއި، އަނބިދަރީންގެ ސަލާމަތަށްޓަކައި ކުރެވޭ މަސައްކަތެކެވެ. މި ކަމުގެ ވަރަށް ރީތި މިސާލެއް ޖައްސަވައި، ކީރިތި ރަސޫލާ z ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މާތް ﷲ ކަނޑައަޅުއްވައިފައިވާ އިމުގައި ޤާއިމުވެ ހުންނަ މީހާއާއި، އެކަލާނގެ ކަނޑައަޅުއްވައިފައިވާ އިން ފަހަނަޅައިދާ މީހާގެ މިސާލަކީ ނަވެއްގައި ދަތުރުކުރި ބައެއްގެ މިސާލެވެ. ޤުރުޢަތު ލައިގެން އެއް ބަޔަކު ތިބޭން ޖެހުނީ ނަވުގެ މަތީބައިގައެވެ. އަނެއް ބަޔަކު ނަވުގެ އަޑީބައިގައެވެ. އަޑީބައިގައި ތިބޭ މީހުން ފެން ހޯދާންޖެހެނީ މަތީބައިގައި ތިބި މީހުންގެ ތެރެއިން ގޮހެވެ. ވީމާ، އަޑީގައި ތިބި މީހުން ބުންޏެވެ! އަހަރެމެން މި ތިބޭ ހިސާބުން ނަވުގެ އަޑީން ތަނެއް ފޫވައްޓައިލަމާ ހިނގާށެވެ! އެއިރުން މަތީގައި ތިބި މީހުންނަށް އުނދަގޫ ނުކޮށް އަހަރެމެންނަށް ފެން ލިބޭނެއެވެ. ފަހެ އެ މީހުން އެ ކުރާން އުޅުނު ކަންތައް ކުރާން އެ މީހުން ދޫކޮށްލައިފި ނަމަ، ނަވުގައި ދަތުރުކުރާ އެންމެން ހަލާކުވެދާހުށްޓެވެ. އަދި އެ މީހުންގެ އަތުގައިހިފަހައްޓައި އެ ކަން ހުއްޓުވައިފި ނަމަ، އެ މީހުންނާއި، ނަވުގައި ދެންތިބި މީހުން ވެސް، ސަލާމަތްވާހުށްޓެވެ."[2] اَلْإِمَامُ الْغَزَالِي - رَحِمَهُ اللهُ ވިދާޅުވެފައި ވެއެވެ. "ހެޔޮ ކަންތަކަށް އަމުރުކުރުމާއި ނުބައި ކަންތައް ނަހީކުރުމަކީ އިސްލާމްދީނުގެ އެންމެ މަތިވެރި އެއް ތަނބެވެ. އެއީ އެ މަޤުޞަދަކަށް ޓަކައި، އެންމެހައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ފޮނުއްވުނު މަޤުޞަދެވެ. އެ ކަން ހުއްޓައިލެވި، އެ ކަމާ ބެހޭ ޢިލްމު ނެތިހިނގައްޖެ ނަމަ، ނަބީބޭކަލުން ފޮނުއްވުމުގެ މަޤުޞަދު ގެއްލުނީއެވެ. އަދި ދީނުގެ އުޞޫލުތައް ފުނޑުފުނޑުވެ، ރަސޫލުބޭކަލުން ގެނެސްދެއްވި ހިދާޔަތުގެ އަސަރު ފިލައިދިޔައީއެވެ. އެއިރުން މަގުފުރެދުމާއި ޖާހިލުކަން ފެތުރި، މުޖުތަމަޢުގައި ފަސާދަ ޢާންމުވެ، ރަށްތައް ޚަރާބުވެ، އަޅުތަކުން ހަލާކާ ކުރިމަތިލާން ޖެހިދާނެއެވެ. އަދި ހިސާބު ބައްލަވާ ދުވަސް އަތުވެއްޖައުމަށް ދާންދެން އެ ބައިމީހުންނަށް އެ ކަމެއް ނުވިސްނޭހުއްޓެވެ."
މާތް ﷲގެ އަޅުތަކުންނޭވެ! ހެޔޮ ކަންތަކަށް އަމުރުކޮށް، ނުބައި ކަންތައް ނަހީކުރުމުގެ މަސައްކަތްކުރާނެ ބަޔަކު މުޖުތަމަޢުގައި އަބަދު ވެސް ތިބޭން ޖެހޭނެއެވެ. އެ ބައިމީހުންނަކީ ކާމިޔާބީގެ އަހުލުވެރީންކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﮋﮖ ﮗ ﮘ ﮙ ﮚ ﮛ ﮜ ﮝ ﮞ ﮟ ﮠﮡ ﮢ ﮣ ﮤﮊ[3] މާނައީ "ހެޔޮ ކަމުގެ މަގަށް ގޮވާ، އަދި ހެޔޮ ކަންތަކަށް އަމުރުކުރާ، އަދި ނުބައި ކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ."
މުސްލިމް އަޚުންނޭވެ! މުޖުތަމަޢު ރަނގަޅު މުޖުތަމަޢަކަށް ނުވަތަ ނުބައި މުޖުތަމަޢަކަށް ބަދަލުކުރަނީ އަހަރެމެން އަމިއްލައަށެވެ. މުޖުތަމަޢު އިޞްލާޙުކުރާން ތިބީ ވެސް ހަމަ އަހަރެމެންނެވެ. އިޞްލާޙުކުރާން މަސައްކަތްކުރާހައި ހިނދަކު، މާތް ﷲގެ މަދަދާއި އެހީތެރިކަން އެ ބަޔަކަށް ލިބޭނެތެވެ. އަދި ކިއެއްހެއްޔެވެ! ރަށެއްގެ އަހުލުވެރީންނަކީ މާތް ﷲއަށް އީމާންވެ، އެކަލާނގެއަށް ކިޔަމަންތެރިވާ ބަޔަކަށްވެއްޖެ ނަމަ، އެކަލާނގެ އެ ބަޔަކަށް ތަނަވަސްކަމާއި ފުދުންތެރިކަން ދެއްވާނެތެވެ. މިއާ ޚިލާފަށް ޢަމަލުކުރާނަމަ އެ ބަޔަކު ހަލާކުކުރައްވައި ނެތިކުރެއްވުމަށް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެން ވެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ރަށްތަކުގެ أهلވެރީން، إيمانވެ تقوىވެރިވީ ނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް بركاتގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު عملތަކަށް ޓަކައި، ތިމަންރަސްކަލާނގެ (ކޯފާގެ عذابން) އެއުރެން ހިއްޕެވީމެވެ."
މުސްލިމް އަޚުންނޭވެ! މާތް ﷲގެ ރުއްސެވުމާއި ފުއްސެވުމުގެ މަގު އިޚުތިޔާރުކުރާށެވެ! ދުންޔަވީ އެދުންތަކާއި ފަސާދައިގެ މަގުތައް ބަންދުކޮށް، ފިތުނައިގެ މަގުތަކަށް ތަބާވާ މީހަކަށް ނުވާށެވެ! އަދި ތިބާއީ ފިތުނައިގެ އަލިފާންގަނޑަށް ދަރުއަޅާ މީހަކަށް ނުވާށެވެ! މާތް ﷲ ތިޔަބައިމީހުންނަށް ރަޙުމަތްލައްވާށިއެވެ! އާމީން!
މުސްލިމް އަޚުންނޭވެ! މާތް ﷲގެ ޙަޟުރަތުން ވާގި އެދި ހަރުދަނާ އަޚުލާޤީ ޖީލެއް ބިނާކުރުމަށް ޓަކައި އެންމެން އަތުގުޅައިލާށެވެ! މުޖުތަމަޢުގައި ހުރި، ފަސާދައިގެ ދޮރުތައް ބަންދުކޮށް، މި މުޖުތަމަޢަކީ އަމާން މުޖުތަމަޢެއް ކަމުގައި ހެދުމަށް މަސައްކަތްކުރާށެވެ! މި ކަން ކުރެވޭނީ ކޮންމެ މީހަކުވެސް އެ މީހެއްގެ ފަރުދީ ޒިންމާ ފުރިހަމަގޮތުގައި އަދާކޮށްގެންނެވެ. މައިންބަފައިން އެ މީހުންގެ ދަރީން ހެޔޮ ގޮތުގައި ތަރުބިޔަތުކޮށްގެންވެ. މުދައްރިސުންނާއި އެދުރުން އެ މީހުންގެ ޒިންމާއަދާކޮށް، ނަމޫނާ ބަޔަކަށް ވެގެންނެވެ. މުޖުތަމަޢުގައި ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެއްބާރުލުން ދީގެންނެވެ. ޤައުމުގެ ދީނީ ޢިލްމުވެރީން މީސްތަކުންނަށް ހެޔޮ ނަސޭހަތާއި އިރުޝާދު ދީގެންނެވެ. މުޖުތަމަޢުގައި ތިބި މަސްއޫލުވެރިންނާއި ކަމުވޮށިގެންވާ މީހުން ޤައުމުގެ މަޞްލަޙަތު އިސްކޮށްގެންނެވެ.
މުޖުތަމަޢުގައި ހިމެނޭ ހުރިހައި އަފުރާދުންގެ އެއްބާރުލުން މިކަންކަމަށް ލިބިއްޖެ ނަމަ، މާތް ﷲގެ ވާގިފުޅާ އެކު މި މުޖުތަމަޢަކީ އަމަންއަމާންކަމާއި ރައްކާތެރިކަން ލިބިފައިވާ ތަހުޒީބު މުޖުތަމަޢަކަށް ވާނެއެވެ. މާތް ﷲ އަޅަމެންނަށް އެ ކަމުގެ ތައުފީޤުދެއްވާށިއެވެ!