ނިދީމާ ފުރާނަ ހަށިގަނޑުންބޭރުވާނެ! ނިދަންވާނީ އެކަމަށް ތައްޔާރުވެގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ނިދީމާ ފުރާނަ ހަށިގަނޑުންބޭރުވާނެ! ނިދަންވާނީ އެކަމަށް ތައްޔާރުވެގެން!

ނިދުމުން އިންސާނާގެ ފުރާނަ ހަށިގަނޑުން ބޭރަށް ނުކުމެގެންދެއެވެ. އެކަން އޭނާއަށްވެސް އަދި ބަލަން ތިބޭ މީހުންނަށްވެސް ނުއެނގެނީއެވެ. އެކަން އިރާދަކުރައްވަވާ ގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.  

މިގޮތަށް ހަށިގަނޑުން ބޭރަށް ފުރާނަ ނުކުމެގެންގޮސްއުޅެނިކޮށް ކުރިން މަރުވެފައި ތިބި ބައެއް މީހުންގެ ފުރާނަ އާއިވެސް ބައްދަލުވެދާނެއެވެ. އެމީހުންގެ ކިބައިން ކަންތައްތަކެއް އެނގިވެސްދާނެއެވެ. މިގޮތަށް ބައްދަލުވިނަމަވެސް މަރުވެފައިވާ އެއްވެސް މީހެއްގެ ފުރާނައަކަށް އަލުން ދުނިޔެއަށް އައުމުގެ ފުރުޞަތެއް ނުދެއްވަވާނެއެވެ. އަދި އެކަމަށް އިރާދަކުރައްވަވާ ވަޤުތު ހަމަވުމުން ތިބާގެ ފުރާނަ އަނބުރައި ހަށިގަނޑަށް ފޮނުއްވަވާނެތެވެ. އެއީ ތިބާއަދި ދިރިހުރީތީއެވެ. އަދި ﷲ ތަޢާލާ އިރާދަކުރައްވަވާ ވަޤުތެއް ޖެހެންދެން އެފުރާނަ އެމީހަކާއިއެކުގައި ލައްވަވަތެވެ.

ފުރާނަ ހަށިގަނޑުން ނުކުމެ ބޭރުގައި އުޅޭ ވަޤުތުގައި ބައްދަލުވާ މީހުންނާއި އެމީހުން ކުރާ ކަންތަކާއި އަދި ދައްކާ ވާހަތަކާއި ދޭ ނަސޭޙަތް ހުވަފެނެއްގެ ގޮތުގައި ހަނދާނުގައި ހުރެދާނެއެވެ. އަދި އެއިން ޢިބްރަތް ޙާޞިލުކޮށް ފައިދާ ލިބިގަންނަ މީހުންވެސް މަދެއް ނޫނެވެ.  

ﷲ ތަޢާލާގެ ދީލަތިވަންތަކަމުގެ ބޮޑުކަން ނިކަން ދެކިބަލާށެވެ! މުސްލިމުން ނޫން މީހުންނަށްވެސް މިފަދަ ހުވަފެންތައް ފެންނަން މިންވަރުކުރައްވަވަތެވެ. އެކަމުން ޢިބްރަތް ޙާޞިލުކޮށް ބައަކު ދަނީ އިސްލާމްވަމުންނެވެ.  

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ހަމައިން އިންސާނުންނަށް ވަޙީބާވައިލެއްވެވުން މިއޮތީ ނިމުމަކަށް އައިސްފައެވެ. ދެން ދައްކަވާ ކަންކަން ދައްކަވާނީ ހުވަފެނުގައި ފަދަ ގޮތްގޮތުންނެވެ. ހިތަށް ވައްދަވާ އިލްހާމްގެ ގޮތުގައިވެސް މިންވަރުކުރައްވަވައިފާނެތެވެ.  

ވީމާ ނިދީގައި ފެންނަ ހެޔޮލަފާ ކަންކަން ބަލައިގަންނަންވާނެއެވެ! ދިރިއުޅުމުން އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކުރަންޖެހޭނެއެވެ. ބަދަލުކުރަންޖެހޭ ކަންކަން ބަދަލުކޮށްލަންވެސްވާނެއެވެ. އަދި ކުރިން މިބުނިފަދައިން އެފަދަ ގޮތްގޮތުން ލިބޭ ހެޔޮނަބޭޙަތް ޤަބޫލުކުރަންވާނެއެވެ.  

އަދި އެއީ ﷲ ތަޢާލާ ތިމާއަށް މިނަވްރު ކުރެއްވެވި ޚާއްޞަ ނިޢުމަތެއްކަމަށް ޤަބޫލުކޮށް އެކަލާނގެ ޙަޟްރަތަށް ޝުކުރުވެރިވާންވެސްވާނެއެވެ. އެހެނީ އެފަދަ ނިޢުމަތްތައް މިންވަރުކުރައްވަވާ މަދުއަޅުންގެތެރޭގައި ތިމާ ހިމެނުނުކަން އެއީ ކުޑަކަމެއްކަމަށް ދެކެގެން ނުވާނެތީއެވެ. ވީމާ ނިދަންވާނީ އެކަންކަމަށް ތައްޔާރުވެގެންނެވެ. ސުންނަތުގައިވާ ގޮތަށެވެ.

 

- މަޢުލޫމާތު: ބިލާލްއައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން