މުވައްޒިފުންނަށް ކުޑަ މުސާރައެއްދީފައި ނިންމާލުމަކީ އާޚިރަތްދުވަހު ހިތާމަކުރަންޖެހޭނެ ކަމެއް! ތަނަވަސްކަން އިތުރުވުމަށްވެސް އެޅޭ ހުރަހެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
މުވައްޒިފުންނަށް ކުޑަ މުސާރައެއްދީފައި ނިންމާލުމަކީ އާޚިރަތްދުވަހު ހިތާމަކުރަންޖެހޭނެ ކަމެއް! ތަނަވަސްކަން އިތުރުވުމަށްވެސް އެޅޭ ހުރަހެއް!: މުފްތީ މެންކް

ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދުތައް އެންމެންނަށްވެސް އެނގޭނެއެވެ. ތަނަވަސްކަން ހުންނަ މީހާ އޭނާގެ އުފަލަށް ކުރާ ޚަރަދުތައް ނިކަމެތިންނަށް ނުކުރެވުނަސް އެންމެ ނިކަމެތި މީހާއަށްވެސް ކުރަންޖެހޭ ޚަރަދުތަކެއް ހުންނާނެއެވެ.  

އެއީ ކޮންމެ މީހަކަށްވެސް ކުރަންޖެހޭ އަސާސީ ޚަރަދުތަކެވެ. ކެއުންބުއިމާއި ބިލްތައް ދެއްކުމާއި ގޭގެ ކުލިދެއްކުމާއި ބޭސްފަރުވާކުރުމާއި ދަރިންނަށް ކިޔަވައިދިނުން ފަދަ ޚަރަދުތައް ކުރަންނުޖެހޭނެ އެކަކުވެސް ނުހުންނާނެއެވެ. އެކަންކަމަށް ކޮންމެ މަހަކުވެސް ޚަރަދުކުރަންޖެހޭނެ މިންވަރުވެސް ތަނަވަސްމީހުންނަށްވެސް އެނގޭނެއެވެ. ނަމަވެސް އެއްބައަކު މުސާރަދެނީ އެޢަދަދު ކިރިޔާ ދެކޮޅު ޖެއްސޭނެ ވަރަށެވެ. އަނެއްބައަކު މުސާރަދެނީ މަސްނިމޭއިރު ދަރަނިވެރިވާންޖެހޭނެ ގޮތަށެވެ. (ބޭނުންވާނެ އެންމެ މަދުމިނަށްވުރެވެސް މަދުންނެވެ.) 

އަހުރެމެންނަކީ މުސްލިމުންނެވެ. އަހުރެމެންނަށް އޮތީ އާޚިރަތް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރުމެވެ. އެގޮތުން ބަލާއިރު މުވައްޒިފުންނަށް ހެޔޮކޮށް ހިތަންޖެހޭ ސަބަބުތައް ވަރަށް ގިނައެވެ. ފުރަތަމަ ކަމަކީ އެމީހުންނާއި ޢާއިލީ ގުޅުމެއް ނެތްނަމަވެސް އެމީހުންގެ ބެލެނިވެރިއަކީ ތިމާއެވެ. އެމީހުންނަށް ދަތިނުވެ ދިރިއުޅެވޭނެ ގޮތެއް ހަދައިދިނުމަކީ ތިބާގެ މައްޗަށް އޮތްވާޖިބެކެވެ.  

ދެވަނަ ކަމަކީ މުވައްޒިފުންނަށް އެކަށީގެންވާ މުސާރައެއްދީ އުފަލުގައި ބައިތިއްބާނަމަ އެމީހުންގެ ހެޔޮދުޢާ ލިބެމުންދާނެއެވެ. އެދުޢާގެ ސަބަބުން ތިބާގެ ތަނަވަސްކަން އިތުރުކުރައްވަވާނެއެވެ. އަދި ރަނގަޅު ޞިއްޙަތާއި އުފާވެރިކަން އިތުރުކުރައްވަވާނެއެވެ. އިން ޝާ ﷲ  

މުވައްޒިފުންނަށް ކުޑަ މުސާރައެއް ދީފައި ނިންމާލުމަކީ އާޚިރަތްދުވަހު ހިތާމަކުރަންޖެހޭނެ ކަމެކެވެ. ތަނަވަސްކަން އިތުރުވުމަށްވެސް އެޅޭ ހުރަހެކެވެ. ވީމާ މުވައްޒިފުންގެ ހެޔޮ ދުޢާ ލިބޭ މީހަކަށްވާށެވެ!

 

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން