ކައިވެނިކުރާތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މައްސަލަ ޖެހި ކައިވެނި ރޫޅެން ދިމާވާތީ ކަންބޮޑުވާ ވާހަކަ ގިނަ ބައަކު ދައްކައެވެ. ނަމަވެސް އެކަން އެގޮތަށްވުމަށް މެދުވެރިވާ ސަބަބުތަކުގެ ވާހަކަ ދައްކަނީ މަދުބައެކެވެ.
ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. އަންހެނެއްގެ ކިބައި ކިތަންމެ ރަނގަޅު ސިފަތަކެއް ހުރިނަމަވެސް އެކަށީގެންވާ އިސްކޮޅެއް ނެތިފައި އަދި އޭނާއަކީ މިހާރުގެ ބަހުރުވައިންނަމަ "ސެކްސީ" އަންހެނަކަށް ނުވާނަމަ އޭނާއަށް ބަލައިލަނީވެސް މަދު ބައެކެވެ. އަދި ފިރިން އިޚްތިޔާރުކުރުމުގައި އަންހެނުންވެސް އިސްކަންދެނީ އެމީޙުން ބޭނުންވާ ބޭރުފުށުގެ ސިފަތަކަށެވެ.
މިގޮތަށް މިކަންކަން މެދުވެރިވުން އިތުރުވަމުން މިދަނީ ބަރަހަނާ މަންޒަރުތަކާއި ވީޑިއޯތައް ބެލޭލެއް ގިނަވަމުން އަންނާތީއެވެ. ފެންނަ ކަންކަމަކީ ތިމާވެސް ކޮންމެހެން ބޭނުންވާ ކަންކަމުގައި ޤަބޫލުކުރެވޭތީއެވެ. ވީމާ ފުރަތަމަވެސް ކަންކަން ފެށިގެން މިއަންނަނީ ޝައިޠޯނާގެ މި ބޮޑު ދަންތުރައިގެ ތެރެއިންނެވެ.
ބުނަން ހެއްޔެވެ؟ ކިތަންމެ ބޮޑަކަށް ބޭރުފުށުގެ ސިފަތަކަށް ބަލައިގެން ކައިވެނިކުރިނަމަވެސް ތިމާ އެދޭ ހުރިހާ ކަންކަން ތިމާ އެންމެ އެދޭ މިންވަރަށް އޮންނާނީ ހަމައެއްވެސް މީހެއްގެ ކިބައިން ޙާޞިލްނުކުރެވިފައެވެ. ސަބަބަކީ ހުރިހާ އެންމެންގެ ބޭރުފުށުން ފެންނަ ހުރިހާ ސިފަތަކެއް އެމީހެއްގެ ޢަމަލުތަކުން ފެނުމަކީ ދުރުކަމެކެވެ. އުނިއިތުރުތަކެއް ހުންނާނެއެވެ.
ވީމާ އުފާވެރި ޒަވާޖީ ހަޔާތަކަށް އެދޭމީހާ "ފޮނިގްރަފީ" އާއި ދުރުހެލިވާށެވެ. އަދި ބައިވެރިއަކު އިޚްތިޔާރުކުރުމުގައި އޭނާގެ ކިބައިގައި ހުރި ހަރުދަނާކަމަށް އިސްކަންދޭށެވެ. ރިވެތި އަޚްލާޤަށް އިސްކަންދޭށެވެ. އެކަނަކަމަށް ބަލަން ބޭނުންވާ މީހާއަށް އިސްކޮޅާއި ގައިގެ ކުލައާއި ކުރިން މިބުނިފަދަ ސިފަތައް މުހިންމެއް ނުވާނެއެވެ.
މިއީ ވަކިބައަކަށް ބުނާ ވާހަކައެއް ނޫނެވެ. ކައިވެނިކުރަން، އަދި ކާމިޔާބު ޒަވާޖީ ޙަޔާތަކަށް އެދޭ ހުރިހާ އަންހެނުންނަށާއި ފިރިހެނުންނަށް ބުނާ ވާހަކައެކެވެ.
މިއީ ކައިވެނީގެ މައްސަލަތައް ޙައްލުކުރަން ކައުންސިލިންގ ދިނުމުގައި ދުނިޔޭގެ ފެންވަރުގެ މީހަކު ބުނެފައިވާ ވާހަކަކޮޅެކެވެ.
- އަލަފް / މިއަދުނޫސް