އުފަލުގަ އުޅެން ބޭނުންނަމަ އެކަމަށް އޮތް އެންމެ ފަހިމަގު!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 36ސ
އުފަލުގަ އުޅެން ބޭނުންނަމަ އެކަމަށް އޮތް އެންމެ ފަހިމަގު!

ކޮންމެ އިންސާނަކުވެސް ދުނިޔެއިން އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ ހިތްހަމަޖެހިގެން އުފަލުގައި ދިރިއުޅުމެވެ. އާޚިރަތް ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރާ މީހުންވެސް ދުނިޔޭގައި އުފަލުގައި އުޅެން ބޭނުންވާނެއެވެ. އަދި އެއީ މައްސަލައެއްވެސް ނޫނެވެ. "ރައްބަނާ އާތިނާ" ދުޢާގައިވެސް އަހުރެމެން އެދެނީ ދުނިޔެއާ އާޚިރަތަށެވެ.  

އެހެންކަމާއިއެކުވެސް ޒަމާނަށް އައިސްފައިވާ ބަދަލުތަކާއިއެކު ހަޤީޤީ ހިތްހަމަޖެހުމަކީ ކޮބައިކަން މިވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. ހަޤީޤީ ހިތްހަމަޖެހުން ހޯދެން އޮތްމަގުވެސް މިވަނީ ވަރަށް ބޮޑަށް އޮޅިފައެވެ.  

ތިރީގައިވާ ލިޔުމުން އެމަގު ފެނިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  

އިސްލާމީ މަންހަޖުގެ މަތީގައި ޤާއިމްވެފައިވާ ތަރުބިއްޔަތަކީ ނަފުސުގެ އަމާންކަމާއި ހަމަޖެހުމަށް ވަރަށް ގިނަ ކަންތައްތަކެއް ފޯރުކޮށްދޭ އެއްޗެކެވެ. އެއީ އިސްލާމީ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވާ މީހަކަށް އެހެން އެއްވެސް މީހަކަށް ނުލިބޭ ހިތުގެ ހަމަޖެހުން ލިބޭނެއެވެ. ﷲ ތަޢާލާ ޚަލްޤުތަކުން ޚަލްޤުކުރެއްވީ އެއިލާހަށް އަޅުވެތިވުމަށެވެ. އެއިލާހު ދެނެގަތުމަށާއި އެއިލާހަށް ތައުބާވުމަށާއި، އެއިލާހު ދެކެ ލޯބިވުމަށާއި އެއިލާހަށް އިޚްލާޞްތެރިވުމަށެވެ. ހިތްތަކުގެ ހަމަޖެހުން ވަނީ އެއިލާހު ހަނދުމަކުރުމުގައެވެ. ނަފުސުތަކުގެ ހަމަޖެހުންވަނީ އެއިލާހު ހަނދުމަކުރުމުގައެވެ. 

އީމާންކަމުގެ މަތީގައި ނަފުސު ތަރުބިއްޔަތު ކުރުމުން، ނަފުސަށް އޭގެ އަމާންކަން ހޯދައިދެވެއެވެ. އެހެނީ މުއުމިނު އަޅާ އީމާންވާގޮތުގައި އޭނާ ނުރުހޭ ކަމެއްވެސް އެއީ އޭނާ އަށް ފައިދާހުރި ކަމެއްކަމުގައި ވެދާނެއެވެ. އަދި އޭނާ ކިތަންމެ ލޯބިވާ ކަމެއް އެއީ ފައިދާނެތްކަމެއް ކަމުގައި ވެދާނެއެވެ. އޭނާގެ މައްޗަށް ވަނީ ﷲ ގެ ޤަޟާއާއި ޤަދަރަށް ރުހި ޤަބޫލުވުމެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙިކުރައްވާފައިވެއެވެ. 

(وَعسَى أن تَكرَهُوا شَيْئًا وَهُو خيرٌ لَكُمْ وعَسى أن تُحبُّوا شَيْئًا وهُو شَرٌّ لَكُمْ وَاللهُ يَعلمُ وأَنتُم لا تَعلَمونَ) [البقرة 216 ]

މާނައީ: "އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ." 

އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

"މި އާޔަތުގައި ބައިވަރު ޙުކުމްތައް ވެއެވެ. އަދި އަޅުތަކުންގެ މަޞްލަޙަތުތަކާއި ސިއްރުތައްވެސް ވެއެވެ. ފަހެ އަޅާއަށް އޭނާ ނުރުހޭ ކަމެއް ލާބަ ހުރި ކަމެއްކަމުގައި ވެދާނެކަން އެނގިއްޖެނަމަ އަދި އޭނާ ރުހޭ ކަމެއް އެއީ އޭނާއަށް ފައިދާ ހުރިކަމެއްކަމުގައި ނުވެދާނެކަން އެނގޭނަމަ އޭނާ އެކަން ކުރާނެއެވެ. އެހެނީ އޭނާއަށް އެކަމުގެ ނިމުން ވަނީ ކޮންގޮތަކަށް ކަމެއް ނޭނގެއެވެ. ފަހެ މިކަންތައްތަކުގައި އަޅުތަކުންނަށް ނޭނގޭ އެތައް ކަމެއް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ﷲ ތަޢާލާ އަހަރެމެންގެ މައްޗަށް ކުރައްވާފައިވާ އަމުރުތަކަކީ އަހަރެމެންގެ މައްޗަށް ވާޖިބުކުރައްވާފައިވާ ކަންކަމެވެ. އެފަދަ އަމުރުތަކަށް ކިޔަމަންގަތުން ފަށައިގަތުމުގައި ބުރަކަން އެކުލެވިފައިވީނަމަވެސް އެކަމުގައި ވަނީ މަންފާއެވެ. އެހެނީ އެކަމުގެ ނިމުމުގައި ވަނީ ހެވެވެ. އޭނާގެ ނަފުސު ކިތަންމެ ވަރަށް އެކަމަށް ނުރުހުނު ކަމުގައިވިޔަސް އެކަން ނިމިގެންދަނީ އޭނާއަށް ހެޔޮވެގެންވާ އަދި ފައިދާބޮޑު ގޮތުގައެވެ. އެހެންކަމުން އިންސާނަކަށް ކުރެވޭނެ އެންމެ ގެއްލުންބޮޑު ކަމަކީ ﷲ ތަޢާލާ ނަހީކުރައްވާފައިވާ ކަމަކަށް އަރައިގަތުމެވެ. ފަހެ އެކަމުގެ ނިމުމުގައި ވަނީ ވޭނާ ހިތާމަޔާއި ހިތްދަތިކަމާއި މާޔޫސްކަމާއި މުޞީބާތެވެ. ހަމައެފަދައިން މިފަދަ ކަންތައްތަކަށް ކެތްތެރިވެ، ﷲ ތަޢާލާގެ ޤަޟާއާއި ޤަދަރަށް ރުހިއްޖެނަމަ އޭނާއަށް މަތިވެރި ދަރަޖަލިބެއެވެ. އަދި ނަފުސު ހިތްހަމަޖެއެވެ."

އެހެން ގޮތަކުން ބަލާނަމަ، އިންސާނާއި އޭނާގެ ނަފުސުގެ ހިތްހަމަޖެހުމާމެދު ހުރަސް އަޅާ އެންމެހާ ކަންތައްތައް އިސްލާމީ ތަރުބިއްޔަތުގެ ސަބަބުން ދުރުވެގެންދެއެވެ.

މިއީ أ.د. خالد بن حامد الحازميލިޔުއްވާފައިވާ أصول التربية الإسلاميةއަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

 

- ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން