ދަރިން ދެއްވަވާނީ އެންމެ ފައިދާކުރާނެ ޖިންސުން! ދަރިން ނުދެއްވަވާނީވެސް އެއީ އެންމެ ފައިދާހުރި ގޮތް ކަމަށްވާނެތީ! އެއީ ކަންބޮޑުވާންޖެހޭ ކަމެއްނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 31ސ
ދަރިން ދެއްވަވާނީ އެންމެ
ފައިދާކުރާނެ ޖިންސުން! ދަރިން ނުދެއްވަވާނީވެސް އެއީ އެންމެ ފައިދާހުރި ގޮތް
ކަމަށްވާނެތީ! އެއީ ކަންބޮޑުވާންޖެހޭ ކަމެއްނޫން!


އެއްބައަކު ކަންބޮޑުވަނީ އަންހެންދަރިން ނުލިބިގެންނެވެ. އަނެއްބައަކު ކަންބޮޑުވަނީ ފިރިހެންދަރިން ނުލިބިގެންނެވެ. ހަމައެގޮތަށް ލިބޭ ދަރިން ަމދުވެގެންނާ ނުލިބިގެން ކަންބޮޑުވާ ބައަކުވެސް އުޅެއެވެ. ޔަޤީންވާ ކަމަކީ ދަރިން ގިނަވެގެން ނިކަމެތިވި މީހަކު ނެތްކަމެވެ.

 

ދަރިން ދެއްވެވުމަކީވެސް އަދި ނުދެއްވެވުމަކީވެސް ނިޢުމަތެކެވެ. ކޮންމެ ނިޢުމަތެއްވެސް ދެއްވަވަނީ ﷲ ތަޢާލާއެވެ. އެކަލާނގެ އިރާދަކުރައްވަވާ އަޅަކަށް އަދި އިރާވަވާ ވަރަކަށެވެ. އަދި އިރާދަކުރައްވަވާ ގޮތަކަށެވެ. އެކަމަށް އެއްވެސް މީހަކަށް ކުރެވޭނެ އެއްވެސް ޝަކުވާއެއް ނެތެވެ. ނުވެސް އޮންނާނެއެވެ.

 

އެހެނަސް ދަރިން ނުލިބޭނަމަ، ނުވަތަ ލިބުން ލަސްވާނަމަ އެކަމަށް އެދި ދުޢާކުރާށެވެ! އަދި ބޭނުންވާ ޖިންސުން ދަރިން ނުލިބުނަސް އަދި ލިބުނު ދަރިން މަދުވެ އިތުރަށް ބޭނުންވާ ނަމަވެސް ދުޢާކުރާށެވެ! ހިންމަވައި ދެއްވެވުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތަށްކަން ޤަބޫލުކޮށް ވަކީލްކުރާށެވެ!

 

ދަރިން ލިބުން ލަސްވެގެން ކަންބޮޑުނުވާށެވެ! މާނައަކީ މާޔޫސްނުވާށެވެ! އިބްރާހީމްގެފާނަށާއި އެހެންވެސް ބައެއް ބޭކަލުންނަށް ދަރިން ދެއްވެވީ ޢުމުރުން ދުވަސްވެ އުންމީދުވެސް ނެތިފައިވަނިކޮށެވެ. ވީމާ އެނގިގެންދަނީ ދަރިން ދެއްވެވުމަށް ވަކި ޢުމުރެއް ނެތްކަމާއި އިރާދަކުރައްވަވާ ކޮންމެ ޢުމުރެއްގައިވެސް ދެއްވަވައިފާނެ ކަމެވެ.

---އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!   

ދަރިންނަކީ މާތް ﷲ ގެ ދެއްވުމެކެވެ. ނިޢުމަތެކެވެ. ދަރިންގެ ނިޢުމަތަކީ ކޮބައިކަން ދަނެގަންނަން ބޭނުންނަމަ ދަރިން ނިޢުމަތުން މަޙްރޫމުވެފައިވާ މީހެއް ކައިރިން ސުވާލު ކުރައްވާށެވެ. އަސަރާއެކު އެފަދަ މީހެއް އޭނަގެ އުދާސްތައް ކިޔައިދޭނެކަން ކަށަވަރެވެ.

މާތް ﷲ އިރާދަކުރައްވާ އަޅަކަށް އެކަލާނގެ ދަރިން ދެއްވައެވެ. އަދި އިރާދަކުރައްވާ އަޅަކު އެކަމުން މަޙްރޫމު ކުރައްވައެވެ. އެކަމަށް އިޝާރާތްކުރައްވާ މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ މިފަދައިންނެވެ.

މާނައީ:" އުޑުތަކާއި، ބިމުގެ ވެރިކަންވަނީ اللَّه އަށެވެ. އެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އަންހެން ދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފިރިހެން ދަރިން ދެއްވަތެވެ. ނުވަތަ އެއުރެންނަށް ފިރިހެން ދަރިންނާއި، އަންހެން ދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކު، ދަރިމައި ނުވާ މީހަކު ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ."

 މި ދެ އާޔަތުގެ ތަފްސީރުގައި "އަލްމުޙަރިރުލް

ވަޖީޒު" ގައި އިމާމު އިބްނު ޢަޠިއްޔާ رحمه الله ވިދާޅުވެފައި ވެއެވެ. " ﷲ ސުބުޙާނަހޫ ވަތަޢާލާ މި އާޔަތުގައި (ދަރިންގެ ވާހަކަ ޒިކުރުކުރެއްވި ހިނދު) އަންހެން ދަރިން ފުރަތަމަ ގެންނެވީ އެކަނބަލުންނަށް ޝަރަފެއްގެ ގޮތުންނެވެ. އެ އަންހެން ދަރިންނާ ދޭތެރޭ ހެޔޮކޮށް ހިތައި އެ ކުދިންގެ ކަންތަކުގައި ފަރުވާތެރިވެ ރައްކައުތެރިވާންޖެހޭ މިންވަރު ބަޔާންކޮށްދެވުމުގެ ގޮތުންނެވެ."  

އިޞްޙާޤު އިބްނު ބިޝްރު ވިދާޅުވެފައިވާ ގޮތުން، މި އާޔަތް ބާއްވައިލެއްވުނީ ނަބީބޭކަލުންނާ ބެހޭ ގޮތުންނެވެ. އަދި އެއަށް ފަހު މި އާޔަތަކީ ޢެންމެންގެ މައްޗަށް ޢާންމު އާޔަތެކެވެ. އެގޮތުން ދަރީން ލިބުމުގައި ހަތަރު ބަޔަކަށް ބެހިދާނެއެވެ. ލޫޠުގެފާނަށް ބަލާއިރު، އެކަލޭގެފާނަށް ލިބިލެއްވީ މުޅިން އަންހެން ދަރީންނެވެ. އިބްރާހީމުގެފާނަށް ލިބިލެއްވީ މުޅިން ފިރިހެން ދަރިންނެވެ. މާތް ނަބިއްޔާ މުޙައްމަދު (ޞައްލަﷲ ޢަލަހި ވަސައްލަމް) އަށް ދެ ވައްތަރުގެ ދަރީން ލިބިލެއްވިއެވެ. ނަމަވެސް ޔަޙްޔާގެފާނު ހިމެނި ވަޑައިގެންނެވީ، އެއްވެސް ގޮތަކަށް ދަރިއަކު ލިބިނުލައްވާ ބޭކަލަކަށެވެ.  

ދަރިންގެ ނިޢުމަތުގައި އެކިއެކި މީސްމީހުން ތަފާތުވެގެންވާކަން އިސްވެ ދެންނެވުނު ނަބީބޭކަލުންގެ ސިޔަރަތަށް ނަޒަރު ހިންގާލީމައި ވެސް ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ. އަދި މިފަދަ ކޮންމެ ކަމެއްގައި ވެސް އިލާހީ އެތަކެއް ޙިކުމަތްތަކެއް ވާނެކަން ޔަޤީންވެގެން ދެއެވެ. ދުނިޔޭގައި އަޅުގަނޑުމެންނަށް ކުރިމަތިވާ ކޮންމެ ކަމަކީ، އެއީ ނިޢުމަތެއްކަމުގައި ވިޔަސް އަދި މުޞީބާތެއް ކަމުގައި ވިޔަސް، އެކަމުގައި އެކުލެވިގެންވާ އެންމެ އަސާސީ ޙިކުމަތަކީ، އެއީ އިމްތިޙާނެއް ކަމެވެ. އެގޮތުން ދަރިންގެ ނިޢުމަތަކީވެސް އިމްތިޙާނެއް ކަމާމެދަކު ޝައްކެއް ނެތެވެ. 

--ޝައިޚް ޝަފީޢު ޢަބްދުﷲ

 

މިއަދު އޮންލައިން