މިއީ ކުރިމަތިވާ ބޮޑެތި މުޞީބާތްތަކުން ސަލާމަތްވެވުން އެދިގެން އެންމެ ދުވަހަކުވެސް ނުކިޔައި ދޫކޮށްލައިގެން ނުވާނެ ޛިކުރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 44ސ
މިއީ ކުރިމަތިވާ ބޮޑެތި މުޞީބާތްތަކުން ސަލާމަތްވެވުން އެދިގެން އެންމެ ދުވަހަކުވެސް ނުކިޔައި ދޫކޮށްލައިގެން ނުވާނެ ޛިކުރެއް!

ދެއިރުގެ ޛިކުރުތައް ޤަވާއިދުކޮށް ކިޔާ މީހުން އަންނަނީ މަދުވަމުންނެވެ. އެންމެ 10 ވަރަކަށް މިނިޓުން ޙާޞިލުކޔުރެވެން ބޮޑު ފައިދާވެސް ނަގައިލެވެނީއެވެ. ދުނިޔެއާއިގެން އަވަދިނެތި އުޅެން ހަދައިގެންނެވެ. އެހެންކަމުން އެދެނީ ތިރީގައިވާ ޙާދިސާއިން ޢިބްރަތް ޙާޞިލުކުރެއްވުމެވެ.  

މޫދު ރީތި، ވައި މަޑު، އުޑުމަތި ސާފު، ދުވަހެކެވެ. މޫދަށް އެރިލުމަށްޓަކައި ޒުވާނަކު ހިނގައިގަތެވެ. އެއީ ޢާންމުގޮތެއްގައި މޫދަށް އެރިއުޅޭ މީހެއް ނޫނެވެ. ނަމަވެސް އެދުވަހު މޫދަށް އެރިލާ ހިތްވީއެވެ.

ދެތިން ކުއްޖަކާއެކީ މޫދަށް ފޭބިއިރުވެސް ތަފާތު އެކި އިޙުސާސްތައް ކުރެވެމުން ދިޔައެވެ. މޫދުގައި ގަލާއި، ގެއްލުން ދެނިވި ތަފާތު ދިރޭ އެއްޗެހިފަދަ އެތައް އެއްޗެއް ހުރެދާނެތީއެވެ. މިފަދަ ކަންތައްތައް ހިތަށް އެރުމުން ޖެހިލުންވުމެއްވެސް އޭނާގެ ހުއްޓެވެ. މެންދުރުގެ ވަގުތުކަމުން މޫދު އަޑި ވަރަށް ސާފުކޮށް އޭނާއަށް ފެނެއެވެ. 

ތަންކޮޅެއް ދުރުގައި ލަކުޑިން ހަދާފައި ހުރި، މޫދުގެ ލޮނުގަނޑުން މައްޗަށް އަރާވަރުގެ އަށްޓެއް ހުއްޓެވެ. ހުރިހާ އެންމެންވެސް މިސްރާބު ޖެހީ އެދިމާލަށެވެ. އެ އައްޓަށް އަރާ މޫދަށް ފުންމާށެވެ. އެކުދިން ވަރަށް ފަރިތަކަމާއެކު އެ އަށްޓަށް އަރާ އެކި ގޮތްގޮތަށް ބުރުއުކާ، ފުމެން ފެއްޓިއެވެ.

އަށީގެ ތިރީގައި ވަރަށް ތޫނުކޮށް ކޮޅަށް ޖަހާފައި ހުރި ދަގަނޑު ތަކެއް ހުއްޓެވެ. އަދި އަށި ހަލާކުވެފަ ހުރުމުގެ ސަބަބުން އަށީގައި ޖަހާފައި ހުރި ބައެއް ލަކުޑިތައްވެސް ހުރީ އެދިމާ ތިރިއަށް ފައިބާފައެވެ. އެތަނުން އެއް ކުއްޖަކު ފަހަތަށް ބުރު އުކާތަން ފެނުމުން އެކަންކޮށްލަން މި ޒުވާނާވެސް ހިތަށް އެރިއެވެ.

އެމީހުން ބުރުއުކަމުން ދިޔައީ އަށްޓާ ތަންކޮޅެއް ދުރަށެވެ. ބުރެއް އެއްލުމަށްޓަކައި އަށްޓަށް ވަރަށް މަޑުން އޭނާ އެރިއެވެ. އަރާފަ ކޮޅަށް ތެދުވެފައި ބުރުއެއްލުމަށް ތައްޔާރުވީތަނާ ފައި ކަހާލައިގެން އަށީގެ ތިރިއަށް ވެއްޓުނެވެ. އެވަގުތު އޭނާގެ ހިތަށް އެރިއެވެ. ދަގަނޑުތައް ހަށިގަނޑަށް ވަންނާނެއެވެ. 

ނަމަވެސް މޫދުން މައްޗައް ބޯހިއްލާލާފައި ބަލާލިއިރު އޮތީ އަށްޓާ ފުދޭވަރަކަށް ދުރުގައެވެ. އަޖާޢިބުވާފަދަ ކަމެކެވެ. އޭނާއަށް އެނގޭކަމަކީ ވެއްޓުނު ވަގުތު ވަރަށް ބާރަށް އަށްޓާދުރަށް ދިޔަކަމެވެ. އެހާ ތޫނު އެއްޗެހިތަކެއް ހުރިތަނަކުން ސަލާމަތްވާނީ ﷲ ގެ ކުޅަދުންވަންތަ ކަމުންނެވެ. އެކަމާ މެދު އެއްވެސް ޝައްކެތް ނެތެވެ. 

އެވަގުތު އޭނާ ހަނދާންވީ އެދުވަހު ހެނދުނުގެ ޛިކުރުތައް ކިޔައިގެން ހުރިކަމެވެ. ހެނދުނުގެ ޛިކުރުތަކުގެ ތެރޭގައި ކުއްލި ބަލާވެރިކަމުން ރައްކާތެރި ކޮށްދޭ ޛިކުރެއް ވެއެވެ. އެ ޛިކުރާ ބެހޭގޮތުން ރަސޫލާ صلى الله عليه وسلم ގެ ޙަދީޘެއްވެސް އަސްފައިވެއެވެ. އެ ޙަދީޘްގައި ވެއެވެ. 

»مَا مِنْ عَبْدٍ يَقُولُ فِي صَبَاحِ كُلِّ يَوْمٍ وَمَسَاءِ كُلِّ لَيْلَةٍ: بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلَا فِي السَّمَاءِ، وَهُوَ السَّمِيعُ العَلِيمُ ثَلَاثَ مَرَّاتٍ، فَيَضُرَّهُ شَيْءٌ«  [رواه أبو داود (5088) وابن ماجه (3869) والترمذي (3388)  وأحمد (474) وصححه الألباني في المشكاة  (2391)] 

މާނައީ: "ކޮންމެ ދުވަހަކު، ހެނދުނާއި ހަވީރު ތިންފަހަރު «بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ» މިޛިކުރުކޮށްފިމީހާ ދަންނައެވެ. އޭނާއަށް އެއްވެސް އެއްޗެއްގެ ފުށުން ގެއްލުމެއް ނުވާނެއެވެ."  

މިދުޢާގެ މާނަ: "ﷲގެ އިސްމުފުޅުގެ ބަރަކާތުން (ރައްކާތެރިކަން ލިބިގަންނަމެވެ.) އެއިލާހުގެ އިސްމުފުޅުގެ ބަރަކާތާއެކު ބިމާއި އުޑުން އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ." 

ހެނދުނާއި ހަވީރުގެ ޛިކުރުތަކަކީ ކިޔުން ހާދަހާ މުހިންމު ޛިކުރުތަކެކެވެ. މިފަދަ ޛިކުރުތައް ކިޔުމުގެ ސަބަބުން، އެތައް ނުރައްކަލަކާ މުޞީބާތަކުން ﷲ ތަޢާލާ، އިންސާނާ މިންޖުކުރައްވައެވެ.

 

- އަލްއަޚް މިދުޙަތު އިރުފާން

 

މިއަދު އޮންލައިން