ދަތިޙާލުގައިވާ މީހުންނަށް އެހީތެރިވެވެން ނެތިގެން ކަންބޮޑުނުވާށެވެ! އެއްވެސް އެއްޗެއް ހޭދަނުކޮށް ލިބިގަނެވެން އޮތް ރަނުގެ ފުރުޞަތުގެ ބޭނުންހިފާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 20ސ
ދަތިޙާލުގައިވާ މީހުންނަށް އެހީތެރިވެވެން ނެތިގެން ކަންބޮޑުނުވާށެވެ! އެއްވެސް އެއްޗެއް ހޭދަނުކޮށް ލިބިގަނެވެން އޮތް ރަނުގެ ފުރުޞަތުގެ ބޭނުންހިފާށެވެ!

ޢާއިލާގެ މީހުންގެ ތެރެއިންވެސް އަދި އެކުވެރިންގެ ެތެރއިންވެސް ނުވަތަ އެނޫން މީހަކުނަމަވެސް ދަތިޙާލުގައި އުޅޭކަން އެނގޭއިރުވެސް އެހީތެރިވެވެވެން ނެތިގެން ކަންބޮޑުނުވާށެވެ! އެއްވެސް އެއްޗެއް ޚަރަދުނުކޮށްވެސް ޘަވާބާއި ދަރުމަލިބިގަނެވެން އެބައޮތެވެ. ތިމާއަށް ކުރިއެރުން ހޯދެންވެސް އެބައޮތެވެ. އެކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

އިސްލާމްދީނަކީ އަޚުވަންތަ ކަމުގެ ދީނެކެވެ. އެދީނުގައި ވަނީ އެއްބަޔަކު އަނެއްބަޔަކު އެކުވެރިވެ އަދި އެއްބަޔަކު އަނެއްބަޔަކަށް ހެޔޮއެދުމަށް އަމުރުކުރައްވާފައެވެ. އަދި މިކަމަށް ބާރުއަޅުއްވާފައިވެއެވެ.  އެގޮތުން އިސްލާމްދީނުގައި އަޚުވަންތަކަމަށް ބާރުއެޅުއްވުމުގެ ގޮތުން  ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ އަޅުގަނޑުމެންނަށް އެގޮތުގައި ހިފެހެއްޓުމަށްޓަކައި އެތައް އިރުޝާދުތަކެއް ދެއްވައިފައެވެ. 

އެގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވަމުން ޙަދީޘްކުރައްވާފައިވެއެވެ: 

(دَعْوَةُ الْمَرْءِ الْمُسْلِمِ لِأَخِيهِ بِظَهْرِ الْغَيْبِ مُسْتَجَابَةٌ، عِنْدَ رَأْسِهِ مَلَكٌ مُوَكَّلٌ كُلَّمَا دَعَا لِأَخِيهِ بِخَيْرٍ، قَالَ الْمَلَكُ الْمُوَكَّلُ بِهِ: آمِينَ وَلَكَ بِمِثْلٍ)  (رواه مسلم في صحيحه: 2733)

މާނައީ: "މުސްލިމް އޭނާގެ އަޚާގެ މައްޗަށް އެމީހެއްގެ ޣައިބުގައި ކުރާ (ހެޔޮ) ދުޢާ އިޖާބަވެގެންވެއެވެ. އެމީހެއްގެ ބޮލުގެ ކައިރީގައި ވަކީލުކުރެވިފައިވާ މަލާއިކަތް ބޭކަލެއް ވެއެވެ. އެމީހެއްގެ އަޚާއަށް ހެޔޮދުޢާ ކުރާ ކޮންމެ ފަހަރަކު އެމީހެއްގެ ވަކީލުކަން ހަވާލުކުރެވިފައިވާ މަލާއިކަތާ ދަންނަވައެވެ. “އާމީންއެވެ. އަދި ތިބާއަށްވެސް އެފަދައިން ދެއްވާށެވެ." 

އަޚާއަށް ސިއްރުން ދުޢާކުރާނީ ވަރަށް އިޚުލާސްތެރިކަން ހުރިމީހެކެވެ. އެމީހެއްގެ ހެޔޮދުޢާ އިޖާބަ ކުރެއްވުމުގެ އެއްސަބަބަކީ އެއީއެވެ. އޭނާ އެދުޢާ ކުރަނީ އެއްވެސް ކަމަކަށް ބޭނުންވެގެންނެއް ނޫނެވެ. އަދި ކިއެއްތަ އޭނާގެ މުސްލިމު އަޚާއަށް ހެޔޮއެދިގެން މުސްލިމުން އަޚާއަށް ހެޔޮފޯރުކުރުމަށެވެ. އިމާމު ނަވަވީ މި ޙަދީޘުގެ ޝަރަހައިގައި ވިދާޅުވެފައިވެއެވެ. "އަޚާގެ ހާޒިރުގައި ނޫންކަމަށް ޙަދީޘްގައި ބަޔާންވެފައިވާ ބަހުގެ މުރާދަކީ އަޚާއަށް ސިއްރުންނާއި އަދި ދުޢާކުރެވޭމީހާގެ ޙާޒިރުނޫންގޮތުގައި ދުޢާކުރެވޭ ވާހަކައެވެ. ސަބަބަކީ އެދުޢާވާހުށީ އެންމެ ބޮޑަށް އިޚުލާސްތެރިކަން ހުރި ދުޢާއަށެވެ." އަދިވެސް ވިދާޅުވެފައިވެއެވެ. ޖަމާޢަތެއްގެ ބަޔަކަށް ދުޢާކުރި ކަމުގައިވިޔަސް މިމަތިވެރިކަން ޙާޞިލުވާނެއެވެ.

އަދިވެސް މިޙަދީޘް އެހެން ސީޣާއަކުން އައިސްފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَا مِنْ عَبْدٍ مُسْلِمٍ يَدْعُو لِأَخِيهِ بِظَهْرِ الْغَيْبِ، إِلَّا قَالَ الْمَلَكُ: وَلَكَ بِمِثْلٍ) رواه مسلم في صحيحه: 2732) 

މާނައީ: "މުސްލިމު އަޅަކު އޭނާގެ އަޚާގެ މައްޗަށް އޭނާ ނެތްތަނުގައި ދުޢާކޮށްފިނަމަ، މަލާއިކަތް ބޭކަލަކު ދަންނަވާނެވެ: ތިބާއަށްވެސް ހަމައެފަދައިން ދެއްވާށިއެވެ." 

އެހެންކަމުން ތިބާގެ އަޚާގެ މައްޗަށް ޣައިބުގައި ދުޢާކުރުން ގިނަކުރައްވާށެވެ. އެހެނީ އެދުޢާގެ ސަބަބުން ފައިދާ ތިބާގެ އަޚާގެ މައްޗަށްލިބޭ އިރު ތިބާއަށްވެސް ފައިދާ ލިބެއެވެ. 

އެފައިދާތަކަކީ: 

1. އެދުޢާއަކީ އިޖާބަވެގެންވާ ދުޢާއަކަށް ވުމެވެ.

2.    އެދުޢާއަށް މަލާއިކަތް ބޭކަލެއް އާމީން ކިޔުން.

3.    އަޚާގެ މައްޗަށް ކުރިދުޢާގައި އެދުނު ކަންތައް ތިބާގެ މައްޗަށް ދެއްވުން އެދި މަލާއިކަތް ބޭކަލެއް ދުޢާކުރެއްވުން ހިމެނެއެވެ. 

ވީމާ މިފަދަ ކަންކަން ދެނެގަނެ މިކަންކަން ޢަމަލުކުރާ ބަޔެއްކަމުގައި އަޅުގަނޑުމެން ލެއްވުން އެދި ދުޢާކުރަމުން މިލިޔުން ނިންމާލަމެވެ.

وصلى الله وسلم على محمد و آله و صحبه أجمعين. آمين.

 

- ޝައިޚް ޢަބްދުއްރަޙީމް ބިން މުޙައްމަދު

 

މިއަދު އޮންލައިން