މާފުކުރުމުގަ ދީލަތިވުމަކީ އެމީހަކަށް މާތް ﷲ ދީލަތިވެވޮޑިގަންނަވާނެކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
މާފުކުރުމުގަ ދީލަތިވުމަކީ އެމީހަކަށް މާތް ﷲ ދީލަތިވެވޮޑިގަންނަވާނެކަމެއް! އިން ޝާ ﷲ

ތަކުރާރުކޮށްވެސް މާފުކުރަންޖެހޭނެކަމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. ޖަވާބުގައި ދަންނަވަން އޮތީ ތަކުރާރުކޮށްވެސް މާފުކުރާށެވެ. އަދި ތަކުރާރުކޮށް ކުށްކުރާ މީހަކަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާށެވެ. އަޅަންޖެހޭ ފިޔަވަޅުއެޅުމާއި މާފުކުރުމާއި ނުގުޅުވާށެވެ.  

މިޘާލަކަށް ބުނާނަމަ ބައިވެރިޔާއަށް މާފުކުރަމުންގޮސް އެކުގައި އުޅެންފޫހިވާ ޙާލަތަށް ހިނގައްޖެނަމަ ވަކިވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މާފުކުރާށެވެ. އެކަމުން ކުރާނެ ފައިދާ މާބޮޑުވީމައެވެ.  

މިއަދުގެ ހާލަތަށް ބަލައިފިނަމަ އެންމެ ބޮޑެތި މައްސަލަތައް ކުރިމަތިވަމުން މިދަނީ އެކަކު އަނެކަކަށް މާފުނުކުރެވޭތީއެވެ. ދެމަފިރިން އެކަކު އަނެކަކަށް މާފުނުކުރާތީއެވެ. މައިންބަފައިން ދަރިންނަށް އަދި ދަރިން މައިންބަފައިންނަށް މާފުނުކުރާތީއެވެ. ހަމައެފަދައިން ރަޙިމުގެގުޅުން ދަމަހައްތަންޖެހޭ މީހުން ވެސް އެކަކު އަނެކަކަށް މާފުނުކުރާތީއެވެ. ޖުމުލަގޮތެއްގައި މީސްތަކުންގެ މެދުގައި ބާއްވަންޖެހޭ އެކަކު އަނެކަކަށް މާފުކުރުން ނެތިގެން ދިއުމުންނެވެ.  

މިއީ ވަރަށް ހިތާމަކުރިކަމެކެވެ. ޢާއިލީ ގުޅުންތައް ކެނޑި ދިރިއުޅުން ބިލާހަކަށްވަމުން މިދާ އެންމެ ބޮޑު އެއްސަބަބަކީ މީސްތަކުންގެ މެދުގައި މާފުކުރުން ނެތެމުންދިއުމެވެ.  

"ތިއަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނަށާއި، މިސްކީނުންނަށާއި، اللَّه ގެ މަގުގައި ހިޖުރަކުޅަ މީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެއުރެން ޢަފޫކޮށް މާފުކުރާހުށިކަމެވެ! اللَّه ތިއަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެވެ." އަންނޫރު: 22) 

މީސްތަކުންނޭވެ! އެނގިގެން މިދިއައީ ﷲ ތަޢާލާގެ ޙަޟްރަތުން ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދޭ މީހާ އެހެން މީހުންނަށް މާފުކުރަންޖެހޭކަމެވެ. ކޮންމެ މީހަކީވެސް އެހެން މީހުންނަށް މާފުކުރަންޖެހޭ މީހަކު ކަމެވެ. ވީމާ މާފުކުރުމަށް އަވަސްވެގަންނަމާ ހިނގާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން