ދުނިޔަވީ ޙަޔާތާއިމެދު ވިސްނަން އެންމެ ފައިދާހުރި ކަންކަން-

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދުނިޔަވީ ޙަޔާތާއިމެދު ވިސްނަން އެންމެ ފައިދާހުރި ކަންކަން-

އިންސާނާގެ ދުނިޔަވީ ޙަޔާތަކީ މި ބޮޑު ކައުނުގެ ތެރޭގައި ފޭދިގެންދާ "ފެންބޮތްކެއް" ފަދަ ކުރު، ނަމަވެސް މަތިވެރި މަޤްޞަދުތަކަކާއި ބޮޑެތި މަސްއޫލިއްޔަތުތަކަކުން ފުރިގެންވާ ދަތުރެކެވެ. މިއީ ހަމައެކަނި އުފަލާއި މަޖަލުގައި ވަގުތުތައް ފާއިތުކުރަން އޮތް ތަނެއް  ނޫނެވެ. އޭގެ ބަދަލުގައި،ކޮންމެ ނޭވާއަކީ ތިބާގެ އިމްތިޙާނު ކަރުދާހުގެ ވަގުތެއް ކަމުގައި ބަލައި،ކެތްތެރިކަމާއި ތަޤުވާވެރިކަމުގެ ގަލަމުން ނަތީޖާ ލިޔަން ޖެހޭ "އިމްތިޙާނު ހޯލެކެވެ." 

ދުނިޔަވީ ދިރިއުޅުން ސިފަކުރެވެނީ ހިނދުކޮޅަކުން ހިނދުކޮޅަކަށް ބަދަލުވަމުންދާ ކަންޑުގެ ބާނިތަކެއްގެ ގޮތުގައެވެ. ބުއްދިވެރި އިންސާނަކީ އުފަލާއި ތަނަވަސްކަމުގެ ވަގުތުގައި ޝުކުރުވެރިވެ، ދަތިކަމުގެ ބިޔަ ރާޅުތައް ކުރިމަތިވާ ހިނދު، ކެތްތެރިކަމުގެ ރިޔާ ނަގައިގެން ސަލާމަތުގެ އައްސޭރިއަށް ދަތުރުކުރާ މީހާއެވެ. 

ތަނަވަސްކަމާއި ފުދުންތެރިކަމަކީ މި އިމްތިޙާނުގެ ތެރެއިން ކުރިމަތިވާ ލުއި ސުވާލުތަކެކެވެ. މިފަދަ ޙާލަތްތަކުގައި ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ދީލަތިކަމާއި އޯގާތެރިކަން އިސްކުރުން މުހިންމެވެ. މުސީބާތްތަކަކީ އިންސާނާގެ އަޤީދާގެ ވަރުގަދަކަން ވަޒަންކުރެވޭ ގޮންޖެހުން ބޮޑު ސުވާލުތަކެކެވެ. އެއީ ކެތްތެރިކަމުގެ ހިތި ބުއިމުން ކެތްތެރިކަން އިސްކޮށް، އާޚިރަތުގެ ފޮނި މީރުކަން ހޯދަންވީ ވަގުތެވެ.

"ދުނިޔެއަކީ ލިބޭއިރު ހިނިތުންވުމެކެވެ. ބޭނުންވާއިރު ފޮނި ބުއިމެކެވެ. ނަމަވެސް ނިމިގެންދާއިރު ކުލަ ފޭދިފައިވާ ހުވަފެނެއް ފަދަ ތަނެކެވެ." 

މި އިމްތިޙާނު ހޯލުން ނުކުންނަންޖެހޭނެ ވަގުތެއް އެކަކަށްވެސް ނޭނގެއެވެ. މަރުގެ މަލާއިކަތާ ވަޑައިގަންނަވާނީ އެއްވެސް އިންޒާރަކާ ނުލައެވެ. އެހެންކަމުން، "ޙަޔާތުގެ ގަލަމުން ދެލި ހުސްވުމުގެ ކުރިން" ހެޔޮކަމުގެ އޮށް އިންދައި، އާޚިރަތުގެ ބަގީޗާއިން މޭވާ ބިނުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. ޙަޤީޤީ ބާއްޖަވެރިކަމަކީ ދުނިޔޭގެ ވަގުތީ އެދުންތަކުގެ މައްޗަށް ކުރިހޯދުމެއް ނޫނެވެ. އޭގެ ބަދަލުގައި، މާތްﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ،އަމިއްލަ ނަފްސު އިޞްލާޙުކޮށް ކާމިޔާބުގެ އަސް ހޭރިއަށް ދަތުރު  ކުރުމެވެ.

 

- މިއަދުނޫހުގެ ޚާއްޞަ ބައިވެރިއެއް

މިއަދު އޮންލައިން