މިހާރަކަށް އައިސް ކޮންމެ މީހެއްގެ އަތުގައިވެސް ފޯނެއް އޮވެއެވެ. އެހެންވެ ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ ގުޅާފައި ތިއަހުރީ ކޮންތަނެއްގައިތޯ ސުވާލުކޮށްފާނެއެވެ. ބުނަންހެއްޔެވެ؟ މިކުޑަކުޑަ އެންމެ ޢާދައިގެ ސުވާލަށްވެސް ތެދުބަހުން ޖަވާބުނުދޭ މީހުން ބައިވަރެވެ. އޭނާ ހުރީ ހުރެގެން ނުވާނެ ތަނެއްގައި ނޫންނަމަވެސް ތެދަށް ބުނަން ބޭނުން ނުވަނީއެވެ.
ދެންމިވާގޮތަކީ އޭނާ ބުނިބަސް ޤަބޫލުކުރެވެނީއެވެ. އެކަމުގެ ނަތީޖާ އެނގޭ ހެއްޔެވެ؟ އޭނާއަށް ޤަބޫލުކުރެވެން ފަށާނީ ކިތަންމެ ބޮޑު ދޮގެއް ހެދިނަމަވެސް އެވާހަކަ ޤަބޫލުކުރާނެ ކަމަށެވެ. އެހެންވެ ދޮގުހަދަން ބިރުކެނޑި ބޮޑެތި ދޮގުތައް ހަދަން ފަށަނީއެވެ.
އަހުރެން މިބަޔާންކުރީ މިޘާލެކެވެ. މިޘާލަކަށްވެސް މިބުނީ ކަންކަން ހިނގަމުން އަންނަ ގޮތެވެ. ފުރަތަމަ ދޮގުހަދާނީ ކުދިކުދި ކަންކަމުގައެވެ. ވަކިހިސާބަކުން ބޮޑެތި ދޮގުތައް ހަދަން ފަށާނެއެވެ. ނަތީޖާއަކަށްވާނީ ވައްކަންކުރަން ފެށުމެވެ. މިބުނަނީ މުދަލުން ވައްކަންކުރުމުގެ ވާހަކައެއް ނޫނެވެ. ތެދުވެރިކަމުން ވައްކަންކަންކުރާ ވާހަކައެވެ. ޚިޔާނާތްެރިވާންފަށާ ވާހަކައެވެ.
ވީމާ ލޯބިވެރިޔާކަމަސްވީނަމަވެސް ބައިވެރިޔާކަމަށްވީނަމަވެސް އަދި އެކުވެރިޔަކަސް އެއްވެސް ވަރެއްގެ ދޮގެއް ހަދާނަމަ އެމީހަކާއިއެކުގައި އުޅެން ނުވަތަ އެގުޅުމާއިގެން ކުރިއަށްދިއުމަށް ނުވިސްނާށެވެ. ލިބޭނެ ދެރަ މާބޮޑުވާނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން