ބައިވެރިޔާގެ ޙައްޤުތަކަށް އިޙްތިރާމްނުކޮށް ތިމާ ބޭނުންވާހާކަމަކަށް އެދުމަކީ އަނިޔާ! ނުވެގެން ޝަކުވާކުރިޔަސް ޙައްލެއްނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 54ސ
ބައިވެރިޔާގެ ޙައްޤުތަކަށް އިޙްތިރާމްނުކޮށް ތިމާ ބޭނުންވާހާކަމަކަށް އެދުމަކީ އަނިޔާ! ނުވެގެން ޝަކުވާކުރިޔަސް ޙައްލެއްނުވާނެ!

އެމީހަކު ބޭނުންވާ ކަންކަން ޙާޞިލުނުކުރެވޭނަމަ ކޮންމެ މީހަކުވެސް ކަންބޮޑުވާނެއެވެ. ބައިވެރިޔާގެ ކިބައިން އަޅައިލުމާއި ހިތްހަމަޖެހުން ނުލިބޭނަމަ ޝަކުވާވެސް ކުރެވޭނެއެވެ. ނަމަވެސް ޝަކުވާކުރުމުގެ ކުރިން ވިސްނައިލަންޖެހޭނެ ކަންކަމަށް ބަލައިލާނަމެވެ.  

އަޅުގަނޑުމެންގެ ދުނިޔަވީ ހަޔާތުގެ ކޮންމެ ކަމެއްގައިވެސް ދެގޮތެއް ނުވަތަ ދެކޮޅު އޮވެއެވެ. ވީމާ ތިމާ ބޭނުންހައި ގޮތަކަށް ކަންކަން ކޮށްފައި ތިމާއަށް އެންމެ މޮޅު ގޮތަށް ކަންކަންވުމަށް އެދުނަސް ކާމިޔާބެއް ނުވާނެއެވެ.  

ޞިއްޙަތަށް ނުބަލައި ބޭނުންހައި އެއްޗެއް ކައި، މަސްތުވާތަކެތި ބޭނުންކޮށް، ދުންފަތުގެ އިސްތިޢްމާލުކުރަމުން ފުރިހަމަ ޞިއްޙަތަކަށް އެދުމަކީ ދެކޮޅުޖެހޭނެ ކަމެއް ނޫނެވެ. ޒަވާޖީ ޙަޔާތުގައިވެސް އޮތީ ހަމަ މިއުޞޫލެވެ. އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރަމުން އަނެކާގެ ކިބައިން ތިމާ ބޭނުންވާހައި ކަންކަން ޙާޞިލުކުރަން ބޭނުންވިޔަސް އެކަމެއް ނުވާނެއެވެ. އެކަން އެންމެންވެސް ޤަބޫލުކުރަންވާނެއެވެ.  

ހެޔޮލަފާ އަނބިން ފިރިންގެ ކިބައިން އެދެނީ ބޭނުންހާ ވަރަކަށް ޚަރަދުކުރާނެ ފައިސާއަކަށް ނޫނެވެ. އެއީ ގެއަށް ބާޒާރުކުރަން ލިޔާ ލިސްޓާއި މުޅިން ތަފާތު ލިސްޓެކެވެ. ބާޒާރުކުރަން ލިޔާ ލިސްޓުގައި ހިމެނޭ އެއްވެސް އެއްޗެއް އެ ލިސްޓަކު ނުހިމެނެއެވެ. އެލިސްޓު މުޅިން ތަފާތެވެ.  

ޒަވާޖީ ޙަޔާތުގައި އަނބިންގެ ކިބައިން ފިރިން ވަރަށް ގިނަ ކަންކަމަށް އެދެންޖެހެއެވެ. އެހައިމެ ގިނަ ކަންތައްތަކަށް ބޭނުންވެސް ވެއެވެ. އަދި ދަހިވެތިކަން ބޮޑުވެގެންދާވަރުން ތިމާއަކީ އަޅެއް ކަމާއިމެދު އަނބިންގެ ހިތްތަކުގައި ސުވާލު އުފެދޭހައި ގިނަ ކަންކަމުގައި އެބަ އެދެމުއެވެ. އެހެންކަމަށްވާއިރު އަނބިން ބޭނުންވާ ކަންކަމުގެ ލިސްޓަށްވެސް ބަލައިލަންވާނެ ނޫން ހެއްޔެވެ؟  

ލިސްޓަށް ފަށައިފިނަމަ، އުފާވެރިކަން، ހިނިތުންވުން، އަޅައިލުން، ތެދުވެރިކަން، ވަފާތެރިކަން، އަމާނާތްތެރިކަން، ކައްކާފައި ކާންދިނުން، އެއްޗެތި ދޮވެ އިސްތިރިކޮށްދިނުން، ހިލޭ ފިރިހެނަކާ އެއްވެސް ގުޅުމެއް ނުބޭއްވުން، ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކޮށްދިނުން މިހެން ގޮސް އެތައް ބައިވަރު ކަންތައްތަކެއް ލިސްޓްކުރެވިދާނެއެވެ.  

ދެން ބަލަންވީ އެހުރިހާ ކަމެއް ލިބިގަތުމުގައި  ފިރިމީހާގެ ޒިންމާއަކީ ކޮބައިކަމާއިމެދުގައެވެ.  އެހެންކަމުން އެންމެ ފުރަތަމަ މިގޮތަށް ވިސްނަމާ ހެއްޔެވެ؟ އަނބިމީހާގެ ފިހާރައެއް ހުރެއެވެ. ފިރިމީހާ ނަމަވެސް އެފިހާރައިން މުދާ ބޭނޭނުންވެގެން ނަގާނަމަ ނަގާތަކެތީގެ އަގު އަދާކުރަން ޖެހޭނެއެވެ. އަގު އަދާނުކުރާނަމަ އެ ފިހާރަ ދާދި އަވަހަށް ހުސްވެދާނެވެ. އިތުރަށް ނަގާނެ މުދަލެއް އެ ފިހާރައަކު ނުހުންނާނެއެވެ. ފިހާރައިގެ ވިޔަފާރި ހިންގައި ކުރިއަރުވަން ބޭނުންނަމަ ނަގާ މުދަލުގެ އަގު އަދާކުރަން ޖެހެނީ ދާއިމީ ގޮތެއްގައި އެފިހާރައިގެ ވިޔަފާރި ހިންގުމަށެވެ. ވިޔަފާރި ކުރިއެރުވުމަށެވެ. 

އަނބިމީހާގެ ކިބައިން ކަންކަމަށް އެދުމުގައިވެސް އޮތީ ހަމަ އެފަދަ ގޮތެކެވެ. އަނބިމީހާގެ ކިބައިން އެދޭ ކަންކަން ލިބިގަތުމަށްވެސް އަގެއް ވެއެވެ. އެއަގު އަދާކުރަން ޖެހެއެވެ. އެއީ ހަމަ ތިމާ ވެސް އަނބިމީހާގެ ކިބައިން އެދޭ ކަންތައްތަކެވެ. ތެދުވެރިކަމާއި ލޯތްބާއި އަޅައިލުމާއި ކުލުނެވެ. އަދުލުވެރިކަމާއި ވަފާތެރިކަމެވެ. ރަޙުމާއި ހަމްދަރުދީއެވެ. މިލިސްޓު މާކުރުވާނެއެވެ!  

މިކަންކަން ފިރިމީހާގެ ކިބައިން އަނބިމީހާއަށް ނުލިބޭނަމަ ކުރިން ޖަހައިދިން މިސާލުގައި ބުނިފަދައިން އަނބިމީހާގެ ފިހާރަ ހަމަ ހުސްވާނެއެވެ. މިކަންކަމުގައި ފިރިމީހާގެ ދަރަނި ބޮޑުވާ ވަރަކަށް އަނބިމީހާގެ ރުޅިގަދަވާން ފަށާނެއެވެ. ދުވަސްކޮޅަކުން ކުނި މޫނު ދައްކައި ދަރަންޏްށް މުދައު ނުދޭން ފަށާނެއެވެ. އެންމެފަހުން ދަރަނި ހޯދަން ކޯޓަށް ވެސް ދާނެއެވެ. ނަމަވެސް ރުފިޔާ ހޯދަން ސިވިލް ކޯޓަކަށް ނޫނެވެ! ވަރިވާން ޢާއިލާ އާއިބެހޭ ކޯޓަށެވެ! އެހިސާބަށް އެކަން ދިއަ ނުދިއުމުގެ ހުރިހާ ބާރެއްހެން އޮތީ ހަމަ ފިރިމީހާގެ އަތުގައެވެ. ފިރިމީހާ އަމަލުކުރާ ގޮތުގައެވެ.

 

 

މިއަދު އޮންލައިން