ފާއިތުވި 20 ވަރަކަށް އަހަރު ކޮށްފައިވާ ދިރާސާތަކުންވެސް އެނގެނީ ކުދިންނާއި އަޅާލަންޖެހޭވަރަށް މައިންބަފައިންނާ ބެލެނިވެރިން އަޅާ ނުލުމަކީވެސް ކުދިންގެ އަޚްލާޤަށް ނުބައި އަސަރުތައްކުރަމުން އަންނަ ކަމެއް ކަމެވެ.
ހަމައެއާއިއެކު ދަރިންގެ އަޚްލާޤް ނުބައިވަމުންދަނީ ކުދިންނަށް އޯގާތެރިނުވުމާއި ނުބަސްބުނުމާއި ރުޅި އިސްކޮށް ކަންކަން ކުރެވޭތީކަމެވެ. އަދި ދަރިންގެ ކަންކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވޭތީކަމެވެ. އަދި މިކަންކަމަށް ސަމާލުކަން ދިނުމުގައި ވަރަށް ގިނަ ބެލެނިވެރިންވަނީ ފޭލްވެފައި ކަމެވެ.
މިކަންކަމަށް ބަލައިފިނަމަ އެނގިގެންދަނީ ކުދިންގެ އަޚްލާޤް ނުބައިވަމުން އަންނަނީ އިސްލާމް ދީނުގައި ކުދިން ތަރުބިއްޔަތުކުރަން އޮތްމަގުން ތަރުބިއްޔަތު ނުކުރެވޭތީކަމެވެ. ކުދިންނަށް އޯގާތެރިނުވުމާއި ނުބަސްބުނުމާއި ރުޅި އިސްކޮށް ކަންކަން ކުރުމަކީ އިސްލާމް ދީނުގައި މަނާވެގެންވާ ކަންކަމެވެ. އަދި ދަރިން ލިބުމުން ދަރިންނާއި އަޅާލައި ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަށް އިސްލާމް ދީނުގައި ލާޒިމްކުރެއެވެ.
ދަރިން އެކަނި ބޭރުގައި އުޅެން ދޫކޮށްނުލާށެވެ! އެކަނި ބޭރަށް ފޮނުވާވަރަށް ބޮޑުވުމުން އެކަނި ބޭރަށް ފޮނުވިނަމަވެސް އެކުދިން އުޅޭ ނުއުޅޭގޮތާއި ކުރާ ކަންކަން ގާތުން ބަލަމުން ގެންދާށެވެ. ދަރިންގެ އެކުވެރިންނަކީ ކޮންބައެއްކަން ދެނެގަންނަން ޖެހޭނެއެވެ. އެކަންކަން ކުރެވޭނީ ދަރިންނާއި ބާއްވަން ޖެހޭ ގުޅުން ރަނގަޅަށް ބާއްވައިގެންނެވެ.
މިކަންކަން ނުކޮށް ދަރިން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާފައި ދަރިން ކުށްވެރިކުރުމަކުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ދީނުގައި އޮތްމަގުން ދަރިންގެ ޒިންމާތައް އުފުލަން މަސައްކަތްކުރުން ނޫން ޙައްލެއް ނެތެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން