ކިތަންމެ ބޮޑު ޢިލްމުވެރިއަކާއި ނަމަވެސް ހިލޭ
އަންހެނަކު އެކަހެރިކޮށް ބައްދަލުކުރުން ހުއްދައެއް ނޫނެވެ! އެއީ އެއްވެސް ޙާލެއްގައި ޢިލްމުވެރިޔާގެ ކިބައިގައި ޢިލްމް ނެތުމަކުން، ތަޤްވާވެރިކަން ކުޑަވުމަކުން ނޫނެވެ. އެތަނުގައި 3 ވަނަ ފަރާތެއްގެ ގޮތުން ޝައިޠޯނާ ގާތުގައި ހުންނާނެތީއެވެ. ކޮންމެ އިންސާނެއްގެ މައްޗަށްވެސް ބާރުހިންގަން ޝައިޠޯނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްކުރާނެތީއެވެ.
މިތަނުގައި ޢިލްމުވެރިން މާނަމިކުރަނީ ޢިލމުވެރިންނަކީ މީސްތަކުންގެ ތެރެއިން އެންމެ މާތް މީހުން ކަމުގައިވާތީއެވެ. ﷲ ތަޢާލާއަށް އެންމެ ބޮޑަށް ބިރުވެތިވާނެ ބައަކު ކަމުގައިވާތީއެވެ.
ހަދީޘްފުޅުގައި އޮތީ އެއީ ކޮންމެ ބައަކު ނަމަވެސް ހިލޭ އަންހެނަކާއި ފިރިހެނަކު އެކަހެރިކޮށް ބައްދަލުކުރާނަމަ 3 ވަނަ ފަރާތެއްގެ ގޮތުން އެތަނުގައި ޝައިޠޯނާ ނުހުރެ ނުދާނެ ކަމަށެވެ. ވީމާ އެކަމުގައި އެއްވެސް އަންހެނަކުވެގެން ނުވަތަ ފިރިހެނަކުވެގެން އެއްވެސް އިސްތިސްނާއެއް ނެތެވެ. ކޮންމެ އިންސާނަކީވެސް ޝައިޠޯނާއަށް އެމީހެއްގެ މައްޗަށް ބާރު ހިންގިދާނެކަމަށް ބަލައި ބިރުވެތިވެ ރައްކައުތެރިވާންޖެހޭނެ މީހެކެވެ.
ޝައިޠޯނާ އޭތީގެ އުކުޅުތައް ބޭނުންކުރާނެއެވެ. ކޮންމެވެސް ގޮތަކުން ދެމީހުން މަޅީގައި ޖައްސުވާނެއެވެ. އެހެން މީހުންނަށް ނުފެންނަ ތަނެއްގައި އެކަހެރިކުރުވާނެއެވެ. ޝައިޠޯނާ ގެންދާނީ އޭތީގެ ކޮޅު ގަދަކުރަން މަސައްކަތްކުރަމުންނެވެ.
ޔަޤީންކުރަންވީ ކަމަކީ ﷲ ތަޢާލާއަށް ވަންހަނާވެވިގެން އެއްވެސް ބައްދަލުވުމެއް ނުބޭއްވޭނެ ކަމެވެ. ފާހިޝް ޢަމަލުތައް ގިނަވެއްޖެނަމަ ތަފާތު ބަލިތައް ޢާންމުވެގެންދާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. މިއަދު މިފެންނަނީ އެކަމުގެ އަސަރުތަކެވެ.
--ޝައިޚް މަޖީދު މަޙްމޫދުގެ ދަރުސަކުން