ފިރިއެއްގެ ކިބައިގަ ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަ މީހަކަށް ކައިވެނިކުރަން ހުށަހެޅުމަކީ އަންހެނުންނަށްވެސް ލިބިގެންވާ ޙައްޤެއް! އެކަމަކު އެއިގެ ކުރިން މިޗެކްލިސްޓް ފުރިހަމަކުރާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ފިރިއެއްގެ ކިބައިގަ ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަ މީހަކަށް ކައިވެނިކުރަން ހުށަހެޅުމަކީ އަންހެނުންނަށްވެސް ލިބިގެންވާ ޙައްޤެއް! އެކަމަކު އެއިގެ ކުރިން މިޗެކްލިސްޓް ފުރިހަމަކުރާތި!

މިވާހަކަ ދައްކަން މިޖެހެނީ އަންހެނަކަށްވުމުން ކައިވެންޏަށް އެދެން ފަސްޖެހޭ ބައަކު ތިބޭތީއެވެ. އެކަމަށް ފަސްޖެހެންވީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގައި ކުރެވުނު އެންމެ މަތިވެރި ކައިވެނިފުޅު ކުރެވިފައިވަނީވެސް އަންހެނެއްގެ ހުށަހެޅުމަށެވެ.  

ތިމާއަށް ރީތި މީހަކު ފެނިއްޖެނަމަ އެމީހަކާއި ގުޅެން ހިތްކިޔުމަކީ ފާފައެއް ނޫނެވެ. އެއީ ހުއްދަ ކަމެކެވެ. އެހެނީ އެމީހަކު ޝައުޤުވެރިވާ އެއްޗެއް ފެނިއްޖެނަމަ އެއްޗެއް ބޭނުންވުމަކީ ޠަބީޢީ ކަމެކެވެ.  

ނަމަވެސް ފެންނަ ރީތި މީހުން ޙާޞިލްކުރަން މަސައްކަތްކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކެއްވެސް ހުރެއެވެ. އެގޮތުން ފުރަތަމަ ކަމަކަށް އޭނާއަކީ މިނިވަނެއްކަން ޔަޤީންކުރަންވާނެއެވެ. މިޘާލަކަށް މީހަކާއި ކައިވެނިކޮށްގެން ހުރިނަމަ އެދެމަފިރިންގެ ދެމެދަށް ވަދެގަންނަން މަސައްކަތްކޮށްގެން ނުވާނެއެވެ.  

އެއިރުން އެކަންވާނީ މީހަކަށް ދެވޭ އަނިޔާއަކަށެވެ. އެއްވެސް މީހަކަށް އަނިޔާއެއް ދިނުން ދީނުގައި ހުއްދައެއް ނޫނެވެ. އަދި ތިމާއަށް ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދަން އެހެން މީހަކަށް އަނިޔާއެއްދީގެން ޙާޞިލްކުރެވޭނެ ޙަޤީޤީ އުފާވެރިކަމެއްވެސް ނުއޮންނާނެއެވެ.  

އޭނާޢަކީ މީހެއްގެ ފިރިއަކަށްވާނަމަ ދެވަނަ އަންތބަކަށް ގުޅުމަކީވެސް މައްސަލައެއް ނޫނެވެ. އެކަން ކުރުމުގައި ވިސްނަންވީ ތިމާ މިގުޅެނީ ދެވަނަ އަންތބަކަށް ކަމެވެ. ދޮށީ އަންބަކު އެބައިން ކަމާއި އޭނާގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމެވެ. އަދި މިގުޅެވެނީ ދެއަނބިންނަށް ޢަދުލުވެރިވާނެ އަދި ދެއަނބިންގެ ކަންކަން ބެލެހެއްޓޭނެ ފެންވަރުގެ މީހަކާއި ކަމެވެ.

ދެން ބަލަންވީ އޭނާއަކީ އެކަނި ހުރި މީހަކަށް ވެއްޖެނަމަ ކަންތައްކުރަންވީ ގޮތަށެވެ. އެހެންކަމަށްވެއްޖެނަމަ ފުރަތަމަ ކަމަކަށްވެސް އޭނާގެ އެތެރެފުށުގެ ޙަޤީޤަތް އޮޅުންފިލުވާށެވެ! އަޚްލާޤާއި ދިރިއުޅެމުން އަންނަ ގޮތުގެ މައްލޫމާތުވެސް އޮޅުންފިލުވާށެވެ! ﷲ ތަޢާލާ އަށް ބިރުވެތިވާ މީހަކުތޯވެސް ބަލާށެވެ!  

އެކަންކަމުން އޭނާ ފާސްވެއްޖެނަމަ އަވަހަށް ޕްރަޕޯސަލް ހުށަހަޅާށެވެ! އޭގައި ލިޔަންވީ ނުވަތަ ބުންނަންވީ ތިބާދެކެ ވަރަށް ބޮޑަށް ލޯބިވާކަމަކަށާއި އެކަހެރި ބައްދަލުވުމަކަށް އެދޭކަމަކަށް ނޫނެވެ. ބުނަންވީ ކައިވެނިކުރަން ބޭނުން ކަމަށެވެ. އެކަން އެމީހަކު ޤަބޫލުކޮށްފިނަމަ އަވަހަށް ކައިވެނިކުރަންވީއެވެ. ޤަބޫލުނުކޮށްފިނަމަ އެމީހާގެ މަތިން ހަނދާން ނައްތާލަންވީއެވެ.

ދެން ބުނެލަން ބޭނުންވަނީ ރީތި، ރަނގަޅު މީހަކު ފެނުމުން ކައިވެނިކުރަން ބޭނުންކަމަށް ބުނުމަކީ މުސްލިމް އަންހެނުންނަށްވެސް ލިބިގެންވާ ޙައްޤެކެވެ. ނަމަވެސް ބުނަންވާނީ ދެމީހުން އެކަހެރިވެ ތިބެގެނެއް ނޫނެވެ. ކައިވެނީގެ ކުރިން އެކަހެރިވުން އިސްލާމްދީނުގައި ހުއްދަނުކުރާތީއެވެ. އަދި އެއީ ޙަރާމް ކަމަކަށްވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން