ބައިވެރިޔާގެ ޚިޔާނާތުގެ ކުށަށް ގިނަގިނައިން މާފުކުރާނަމަ އެކަމެއް ނުނިމޭނެ! ފައިދާއެއް ނުކުރާނެތަނުގަ ލިބޭއަނިޔާ ދާނީ ބޮޑުވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ބައިވެރިޔާގެ ޚިޔާނާތުގެ ކުށަށް ގިނަގިނައިން މާފުކުރާނަމަ އެކަމެއް ނުނިމޭނެ! ފައިދާއެއް ނުކުރާނެތަނުގަ ލިބޭއަނިޔާ ދާނީ ބޮޑުވަމުން!

ދެމަފިރިންގެ މެދުގަ މާފުނުކުރެވޭނެ ކުށަކީ ކޮބައިތޯ؟ އެފަދަ ކުށެއް އޮންނާނެތޯ؟  

ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމަށެވެ! ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ  

ޒަވާޖީ ޙަޔާތުގައި ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި 1000 ފަހަރުވެސް މާފުކުރުމުން ފައިދާކުރާނެ ކަންކަންވެސް ހުންނާނެއެވެ. އެއީ ދިރިއުޅުމުގައި ކުރެވޭ ކުދިކުދި ކުށްތަކެވެ. ހަނދާން ނެތިގެންނާއި އޮޅިގެން ކުރެވޭ ކުށްތަކެވެ.  

ނަމަވެސް ޚިޔާނާތްތެރިވުމަށް ތަކުރާރުކޮށް އަބަދު މާފުކުރުމެއް ނެތެވެ. އެންމެންހެން 1 ފަހަރު މާފުކުރަން އެއްބަސްވެއެވެ. ގިނަ ބައަކު 2 ފަހަރަށް މާފުކުރަންވެސް އެއްބަސްވެއެވެ. ނަމަވެސް 3 ވަނަ ފަހަރު މާފުކުރަން އެއްބަސްވަނީ ވަރަށް މަދުބައެކެވެ. އަދި ޢިލްމީ ތަޖުރިބާކާރު ބޭފުޅުންވެސް ވިދާޅުވަނީ ޚިޔާނާތްތެރިވުމަށް ތަކުރާރުކޮށް މާފުކުރާނަމަ އެކަންވާނީ ޚިޔާނާތްތެރިވުމަށް ދެވޭ ހުއްދައަކަށް ކަމަށެވެ.  

އެގޮތަށް އެބޭފުޅުން އެވިދާޅުވާ ބައެއް ސަބަބުތައް އެބަހުއްޓެވެ. ޚިޔާނާތްތެރިވުމުން ތަކުރާރުކޮށް މާފުކުރާނަމަ އަނެކާއަށް ހީވާނީ ކިތަންމެ ގިނައިން ޚިޔާނާތްތެރިވިނަމަވެސް އެއްވެސް ފިޔަވަޅެއް އަޅަން ނުކުރޭނެކަމަށެވެ. ފުދިގެން ހުންނާނެ ކަމަށެވެ. އަދި ބިރު ކެނޑިގެންދާނެއެވެ.  

ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި ކަންކަން ދިމާވާ ގޮތަކުން ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެއެވެ. ކިތަންމެ ބޮޑު ކުށެއް ނަމަވެސްމެއެވެ. އެކަމަށް މާފުކޮށް އެކަން އިޞްލާޙްކުރަން ބުނުމުންވެސް ޚިޔާނާތްތެރިވާނަމަ އެއިގެ މާނައަކީ އެކުގައި ރިވެތިކޮށް އުޅެން ބޭނުން ނުވާކަމެވެ. އެހިސާބުން ރަނގަޅުވާނީ ދެމީހުން ވަކިވުމެވެ.  

ކުރިންވެސް ބުނިފަދައިން މިދެއްކީ ކުރެވޭ އާދައިގެ ކުށްތަކުގެ ވާހަކައެއް ނޫނެވެ. ޚިޔާނާތްތެރިވުމުގެ ވާހަކައެވެ. ދިރިއުޅުމުގައި ކުރެވޭ އެންމެ ބޮޑު ކުށުގެ ވާހަކައެވެ.   

މިއީ ކައިވެނީގެ މައްސަލަތައް ޙައްލުކުރަން ކައުންސިލިންދޭ މަޝްހޫރު މީހަކު އޭނާގެ ތަޖުރިބާގެ މައްޗަށް ބުރަވެ ބުނެފައިވާ ވާހަކައެކެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން