އެއްވެސް މީހަކީ ތިމާއާއެކު އަބަދު ހުންނާނެ މީހަކު ކަމަށް ނުވިސްނާތި! އެއީ ޙާޞިލުވުން ވަރަށް ދުރުގަ އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އެއްވެސް މީހަކީ ތިމާއާއެކު އަބަދު ހުންނާނެ މީހަކު ކަމަށް ނުވިސްނާތި! އެއީ ޙާޞިލުވުން ވަރަށް ދުރުގަ އޮތް ކަމެއް!

ލޮބުވެތި އެކުވެރިންނޭވެ! ތިބާ އެންމެ ލޯބިވާ އެތައް ބައަކު ތިބާގެ ކުރިމަތީގައި ނެތިގެންދާނެއެވެ. އެއްބައަކު ނެތިގެންދާނީ މަރުވުމުންނެވެ. އަނެއް ބައަކު ތިބާ ދޫކޮށްލާފައި ވަކިވެގެންދާނީއެވެ. އެންމެ ގިނަ ބައަކަށް އެންމެ ބޮޑަށް އަސަރުކުރަނީ ތިމާ އެންމެ ބޮޑަށް ލޯބިވާ ބައިވެރިޔާ ތިމާ ދޫކޮށްލާފައި ދިއުމުންނެވެ.  

ދެވަނަ ކަމަކަށް އެއްވެސް ސަބަބެއް ނެތިވެސް ކޮންމެ މީހަކުވެސް ތިބާއަށް އަނިޔާއެއް ދީފާނެއެވެ. ކިތަންމެ ބޮޑު ގެއްލުމެއްވެސް އަދި ހިތްދަތިކަމެއްވެސް ދީފާނެއެވެ. ނުދޭނީ ކާކުކަން ބުނާކަށްވެސް ނުއެނގޭނެއެވެ.  

ވީމާ ދުނިޔޭގެ ޙަޔާތަކީ އަބަދު ހިތްހަމަޖެހިގެން އުފަލުގައި ހޭދަކުރެވޭނެ ޙަޔާތެއްކަމަށް ހީވެސްނުކުރާށެވެ! އެއީ ދުނިޔޭގައި ވެފައި އޮތްކަމެއް ނޫނެވެ. އަދި ވާނެވެސް ކަމެއް ނޫނެވެ. ވީމާ ތިމާއަށް ވަކިން ޚާއްޞަގޮތެއް މެދުވެރިވެދާނެކަމަށް ހީކުރަންވެސް ނުވާނެއެވެ.  

މިވާހަކަކޮޅު ބުނެލަން ޖެހުނީ އެކަމެއްވުމަށް ތިމާ ނުއެދޭ ކަންކަން މެދުވެރިވުމުން އެކަމުގެ ހިތާމައިގައި މާޔޫސްވެ ދިރިއުޅުންމަތިން ފޫހިވާ މީހުން ގިނަކަމުންނެވެ. އެފަދައިން މާޔޫސްކަން އެލިބުނީ ދުނިޔެ ފެށުނީންސުރެ ކަންކަން ހިނގަމުން އަންނަ މިއުޞޫލު ޤަބޫނުކުރެވޭތީއެވެ.  

ފުރަތަމަ ކަމަކަށް މިބުނި ކަންކަން ނުވަތަ އެފަދަ ކަމެއް ކޮންމެ ވަޤުތަކުވެސް ތިމާއަށް ކުރިމަތިވެދާނެ ކަމަށް ވިސްނައިގެން އަބަދުވެސް ތައްޔާރަށް ހުންނާނެއެވެ. އެހެން ހުއްޓައި އެފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެއީ ދުނިޔޭގެ ޤާނޫނުކަން ހިތަށް އަރުވައިލާށެވެ! މާޔޫސްވުމުގެ ބަދަލުގައި ކުރިމަތިވި ކންތަކާއިމެދު ވިސްނުން ހުއްޓާލުމަށްފަހު އެހެން މަގަކުން ހިތްހަމަޖެހުން ހޯދަން މަސައްކަތްކުރާށެވެ!  

އެހެން މަގަކުން ހިތްހަމަޖެހުން ހޯދަންވެސް ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރާށެވެ! އަދި ދުޢާކޮށް އެކަލާނގެ ޙަޟްރަތުން ވާގިއެދޭށެވެ! އެމީހަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން