ހެޔޮ ޢަމަލުތައް ކުރަން ފަސޭހަވުމާ ފާފަކުރުމުން އެއްކިބާވެ ހުރުމުގެ ތައުފީޤް ދެއްވެވުން އެދި ކުރަން ފައިދާހުރި ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހެޔޮ ޢަމަލުތައް ކުރަން ފަސޭހަވުމާ ފާފަކުރުމުން އެއްކިބާވެ ހުރުމުގެ ތައުފީޤް ދެއްވެވުން އެދި ކުރަން ފައިދާހުރި ދުޢާއެއް!

ކޮންމެ މީހަކަށްވެސް އެންމެ ފައިދާކުރާނީ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރެވުމާއިއެކު ފާފަނުކޮށް ހުރެވިގެންނެވެ. މިދެކަންތައް ކާމިޔާބުކުރެވިއްޖެ މީހަކަށް އެވަނީ އާޚިރަތް ކާމިޔާބުކުރެވިފައެވެ. އިން ޝާ ﷲ.  

"ޔާ ﷲ! މިއަޅާއަށް ފައިދާކުރާނެ ހެޔޮ ޢމަލުތައްކުރުން މިއަޅާއަށް ފަސޭހަކޮށް ދެއްވަވާނދޭވެ! އަދި މިއަޅާއަށް ގެއްލުންހުރި، ފާފަވެރިވާނެ އެއްވެސްކަމެއް ކުރުމަކީ މިއަޅާއަށް ބޮޑުބުރައަކަށްވެ އެކަން ކުރެވުމަށް އިރާދަނުކުރައްވަވާނދޭވެ! އާމީން"  

ގިނަގިނައިން މިފަދަ ދުޢާތައް ކުރާށެވެ! އެއިރުން ހެޔޮ ޢަމަލުތައް ކުރަން ފަސޭހަވެގެންދާނެއެވެ. އަދި ނުބައި ޢަމަލކުތައް ނުކޮށް ހުންނަންވެސް ހިތްވަރުލިބޭނެއެވެ. އިން ޝާ ﷲ  

މިފަދަ ދުޢާތައް ކުރެވޭނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ އަޅުންނަށެވެ. ވީމާ ފުރަތަމަކަމަކަށްވެސް ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާ އަޅަކަށްވާށެވެ! ހެޔޮ ޢަމަލުތައް ކުރަން ޝައުޤުވެރިކަން އިތުރުވެ އަދި ހެޔޮޢަމަލުތައް ކުރަން އެއިރުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. އިން ޝާ ﷲ  

ކުރަން ކިތަންމެ ފަސޭހަ، އަދި ކުޑަކުޑަ ޢަމަލުތައްވެސް މިއުޅެނީ ނުކުރެވިގެންނެވެ. އެކަމެއް ކުރަން މާބޮޑަށް ފަސޭހަވުމުން އަދި ފަހުން ކޮށްލަން މަޑުކޮށްލެވެނީއެވެ. އެގޮތަށް މަޑުކޮށްލައިގެން ހުއްޓައި މުޅި ދުވަސް ފާއިތުވެގެންދާއިރުވެސް އޮންނަނީ ނުކުރެވިފައެވެ. އެއްވެސް ހެޔޮކަމެއް ފަހުން ވަޤުތުވެގެން ކުރަން ނުބާއްވާށެވެ! އެކަމެއް ކުރަން ހިތަށްއަރާ ވަޤުތު އެކަމެއް ކޮށްނިންމައިލާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން