މިއީ ނަރަކައިން ސަލާމަތްވުމުގެ ފުރުޞަތު ވަރަށް ފަސޭހައިން އަދި ވަރަށް ގިނައިން ލިބޭކަމެއް! އެކަމަކު ފުރުޞަތުގެ ބޭނުން ނުހިފައި ގިނަބައަކު ވެއްޓިގަންނަނީ ނަރަކައަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
މިއީ ނަރަކައިން ސަލާމަތްވުމުގެ ފުރުޞަތު ވަރަށް ފަސޭހައިން އަދި ވަރަށް ގިނައިން ލިބޭކަމެއް! އެކަމަކު ފުރުޞަތުގެ ބޭނުން ނުހިފައި ގިނަބައަކު ވެއްޓިގަންނަނީ ނަރަކައަށް!

"އަޙަކު ނެތްތަނެއްގައި އޭނާގެ އަޙާގެ އަބުރު ދިފާޢު ކޮށްދީފިނަމަ، އޭނާ އަލިފާނުން ސަލާމަތް ކޮއްދެއްވުން މާތް ﷲގެ މައްޗަށް ޙައްޤުވެގެންވެއެވެ." 

މުސްލިމުންނަކީ އަޚުންނެވެ. ކޮންމެ މީހަކީވެސް އަނެކާގެ އަޚެކެވެ. އުޚުތެކެވެ. ވީމާ ޙަދީޘްފުޅުގައި އެވާ "އަޚަކު" މާނަކުރުމުގައި އެންމެ ފުޅައުކޮށް މާނަކުރާށެވެ. އެއިރުން ހުރިހާ އެކުވެރިންވެސް ހިމެނިގެންދާނެއެވެ.  

މިއަދު ގިނަބައަކަށް ކުރެވޭ ކަމަކީ އަކަކު ނެތްތަނެއްގައި ނަމަ އޭނާއަށް ބޭނުންވާހައި އެއްޗެއް ކިޔަންވީއެވެ. ދިގުވާހަކަތައްވެސް ދައްކަންވީއެވެ. މިއީ ކުރެވޭ ވަރަށް ދެރަ ކަމެކެވެ. ފާފަވެރިވާ ކަމެކެވެ. އަދި އެކަން ނުކޮށް އަޚާގެ ޢަބުރު ދިފާޢުކުރުމުން ލިބެން އޮތް މަތިވެރި ނިޢުމަތްވެސް ޙަދީޘްފުޅުން އެއޮތީ އެނގޭށެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!   

ޣީބައަކީ ބޮޑު ފާފައެކެވެ. އެއީ މުސްލިމުން ދުރުހެލިވާންޖެހޭ ކަމެކެވެ. މުޖްތަމަޢުތަކުގެ ތެރޭގައި ފެތުރިފައިވާ އިޖްތިމާޢީ ބައްޔެވެ. އެތައްބަޔަކު އެބަލީގެ ޝިކާރައަކަށްވެފައިވާ، އެތައް ފިތުނަތަކަކަށް މަގުފަހިވާ މުޖްތަމަޢުގެ އިޖްތިމާޢީ ފޭރާން ވީދާ ކުދިކުދިކޮށްލާ ބައްޔެކެވެ.

ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާގޮތުގައި ޣީބަ ބުނުމަކީ ޙަރާމް ކުރައްވާފައިވާ ކަމެކެވެ އަދި މިއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އިސްލާމްދީނުގައި ޣީބަބުނުން ނަހީކުރައްވައިފައި ވަނީ އެކަމުގެ ސަބަބުން  އިސްލާމީ އަޚްވަންތަކަމުގެ ގުޅުން ކެނޑި، އެކަކު އަނެކަކައި ދޭތެރޭ ވާ ރަޙްމާއި، ކުލުނާއި، ލޯތްބާއި އިޙްތިރާމް ގެއްލި، ރުޅިވެރިކަމާއި ނަފްރަތު އުފެދި ދެކޮޅުވެރިކަން ފެތުރިގެން ހިނގައިދާނެތީއެވެ. 

މިކަމުގެ ނުރައްކާތެރިކަން ކީރިތި ޤުރުއާނުގައި ބަޔާންވެފައިވަނީ ވަރަށް މަތިވެރި މިސާލަކުންނެވެ. އާދެ މަރުވެފައިވާ އަޚާގެ މުޅަމަސް ކެއުންފަދަ ކަމެއްގެ ގޮތުގައެވެ. ކީރިތި ﷲ ވަޙީކުރައްވާފައިވެއެވެ.  

وَلاَ يَغْتَب بَّعْضُكُم بَّعْضًاأَيُحِبُّ أَحَدُكُمْ أَنْ يَأْ كُلَ لَحْمَ أَخِيهِ مَيتًا  فَكَرِهْتُمُوهُ  – الحجرات:الآية 12 "….އަދި އެއްބައަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ. ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނޭ ހެއްޔެވެ؟ ތިޔަބައިމީހުން އެކަމަށް ނުރުހޭނެތެވެ. (ޣީބަ ބުނުމަކީ ހަމައެފަދަ ކަމެކެވެ.)"

ޣީބަ ބުނާއަޑު އިވިއްޖެނަމަ ކަންތައް ކުރާނެގޮތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.  

"مَنْ ذَبَّ عَنْ عِرْضِ أَخِيهِ بِالْغِيبَةِ, كَانَ حَقًا عَلَي اللهِ أَنْ يُعْتِقَهُ مِنَ النَّارِ" – رواه أحمد, صحيح الجامع 6240-  

"އަޙަކު ނެތްތަނެއްގައި އޭނާގެ އަޙާގެ އަބުރު ދިފާޢު ކޮށްދީފިނަމަ، އޭނާ އަލިފާނުން ސަލާމަތް ކޮއްދެއްވުން މާތް ﷲގެ މައްޗަށް ޙައްޤުވެގެންވެއެވެ."

 

- އައްޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން