ހިތް ނުއެދޭ ޙާލުގައިވެސް އަނބިންނަށް ހެޔޮކޮށް ހިތައިގެން ގުޅޭނަމަ އެމީހަކަށް އެތައް ގޮތަކުން ރަޙްމަތް ލައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 49ސ
ހިތް ނުއެދޭ ޙާލުގައިވެސް އަނބިންނަށް ހެޔޮކޮށް ހިތައިގެން ގުޅޭނަމަ އެމީހަކަށް އެތައް ގޮތަކުން ރަޙްމަތް ލައްވަވާނެ! އިން ޝާ ﷲ

ކައިވެނި ކުރުމަށްފަހު ކައިވެނި ރޫޅައިލަންވާނީ ދެން އެހެން ގޮތެއް ނެތުމުންނެވެ. ފޫހިވާ ޙާލަތުވެސް ކުރިމަތިވާނެއެވެ. ލޯބިވެވޭ މިންވަރުކުޑަވާ ދުވަސްތައް އަންނާނެއެވެ. އެއީ މެދުވެރިވާނެ ކަންކަމެވެ.  

އަޅުގަނޑުމެންގެ ތެރޭގައި މިއަދުގެ ޙާލަތަކީ ކިރިޔާވެސް އަޅައިގަންނަ ސިފައެއް ހުރި މީހަކު ފެނިއްޖެނަމަ ކައިވެނިކުރަން އަވަސްވެގަތުމެވެ. ސުންނަތުގައި ބަޔާންކުރައްވަވާފައި އޮތް މިންވަރަށްވެސް ކަންކަން ބަލައިލުމެއްވެސް ނެތިއެވެ. ކައިވެނިކުރެވުމާއިއެކު ތިބެނީ ކޮންމެވެސް ބަހަނާއެއް ދައްކައިގެން ކައިވެނިރޫޅައިލާން، ވަރިކުރަން، ވަރިވާނެ ފުރުޞަތަކަށް ބަލަބަލައެވެ.

ކޮންމެ ދެމަފިރިއެއްގެ ދެމަފިރިއެއްގެ މެދުގައިވެސް ކޮންމެވެސްވަރެއްގެ މައްސަލަތަކެއް ހުންނާނެއެވެ. ޚިޔާލުތަފާތުވާ ކަންކަންވެސް ހުންނާނެއެވެ. ތިރީގައި އެވަނީ  އެކަންކަމާއިއެކުގައިވެސް ކައިވެނި ދަމަހައްޓަން މަސައްކަތްކުރަންވީ ބައެއް ސަބަބުތަކާއި ދެމެހެއްޓުމުން ކުރާނެ ފައިޑާތައް ގިނަކަން ބަޔާންކޮށްދޭ، ޚާއްޞަކޮށް އަނބީންނަށް ރަޙުމްކޮށް އޯގާތެރިވުމުގެ މުހިންމުކަން ބަޔާންކޮށްދޭ ލިޔުމެކެވެ. ވިދާޅުވެލައްވާށެވެ!   

މާތް الله ފިރިހެނުންނަށް އަމުރު ކުރައްވާފައިވަނީ ރިވެތި ގޮތުގައި އަނބިންނާއި އެކު އުޅުމަށެވެ. އެކަނބަލުންގެ ކިބައިގާ ފިރިމީހާ ނުރުހޭފަދަ ކަންތައްތަކެއް ހުރިނަމަވެސް ރިވެތި ގޮތުގައި މުޢާމަލާތް ކުރުމަށް އަންގަވާފައިވެއެވެ. ސޫރަތުއް ނިސާގެ 19 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَعَاشِرُوهُنَّ بِالْمَعْرُوفِ ۚ فَإِن كَرِهْتُمُوهُنَّ فَعَسَىٰ أَن تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا ‎﴿١٩﴾‏)  

މާނައަކީ: "އަދި ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ. ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ ދަންނާށެވެ. ބައެއް ފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި އެއްޗެއްގައި الله ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ." 

މި އާޔަތުގެ ތަފްސީރުގައި އިމާމް އައްޠަބަރީ ރަޙިމަހުالله ވިދާޅުވިއެވެ. "ހެޔޮގުތުގައި އެކަނބަލުންނާއެކު އުޅޭށެވެ. ތިޔަބައިމީހުން އެކަނބަލުން ދެކެ ނުރުހުންތެރިވާނަމަވެސް, އެކަމާއި އެކުގައިވެސް އެކަނބަލުންނާއި އެކު ރިވެތި ރަގަޅު ދިރިއުޅުމެއް އުޅެފިނަމަ ގިނަގުނަ ހެޔޮކަންތައް މެދުވެރި ކުރައްވަފާނެއެވެ. ފަހަރުގައި އެކނަބަލުންގެ ފަރާތުން ދަރިޔަކު ދެއްވަފާނެއެވެ. ނުވަތަ އެކަނބަލުން ދެކެ ފޫހިވެ ނުރުހުންތެރިވުމާއި އެކުގައިވެސް އޯގާތެރިވެ ރިވެތި ގޮތުގައި އުޅެފިނަމަ މާތް الله ހެޔޮގޮތްތައް މެދުވެރި ކުރައްވާފާނެއެވެ." 

މަޑުމައިތިރި ކަމާއި އޯގާތެރިކަމާއި ރަޙްމާއި ކުލުނާއި ޙަމްދަރްދީ އަކީ ރަސޫލާ ﷺ ގެ ކިބައިން  މުއިމިނުން ލިބިގަންނަންޖެހޭ  އަޚްލާގީ ފިލާވަޅުތަކެކެވެ. ސޫރަތުއް ތައުބާގެ 128 ވަނަ އާޔަތުގައި މާތް الله ވަޙީ ކުރައްވާފައިވެއެވެ.(لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ ‎﴿١٢٨﴾‏) މާނައަކީ: "ހަމަތިޔަބައިމީހުންގެ ތެރެއިންވާ رسول އަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. مؤمن ންނަށް ނުހަނު އޯގާވެރި، رحم ހުރި ބޭކަލެކެވެ."

އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަالله ޢަންހާގެ ކިބައިން އިމާމް މުސްލިމް ރިވާކުރެއްވި ޙާދީޘެއްގައިވެއެވެ. ( إنَّ الرِّفْقَ لَا يَكُونُ فِي شَيْءٍ إِلَّا زَانَهُ ، وَلَا يُنْزَعُ مِنْ شَيْءٍ إِلَّا شَانَهُ).   

މާނައަކީ: "ހަމަކަށަވަރުން އެއްޗެއްގައި އޯގާތެރިކަން ހިމެނިއްޖެނަމަ އެއެއްޗެއް ޒީނަތްތެރިކޮށްދެއެވެ. އަދި އެއްޗެއްގައި އޯގާތެރިކަން ނެތިއްޖެނަމަ އެއްޗެއްގެ ހަޑިކޮށްލައެވެ."

އަދިވެސް އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ރަސޫލާ ﷺ އަޝައްޖު އަބްދުލް ގައިސަށް މުޚާޠަބު ކުރައްވާ ޙަދީޘް ކުރެއްވިއެވެ. ( إِنَّ فِيكَ خَصْلَتَيْنِ يُحِبُّهُمَا اللهُ: الْحِلْمُ، وَالْأَنَاةُ ) .

މާނައަކީ: "ހަމަކަށަވަރުން ތިބާގެ ކިބައިގާ الله ލޯބިވެވޮޑިގެންވާ ދެޞިފައެއް ވެއެވެ. އެއީ ރުޅިމަޑު ކަމާއި މަޑުމައިތިރި ކަމެވެ." 

މާތް الله އެއިލާހުގެ ދެއަޅުން އަދި ދެރަސޫލުން ކަމުގައިވާ މޫސާ އާއި ހާރޫނު ނުބައިނުލަފާ ފިރްޢައުނުގެ ގާތަށް ފޮނުއްވި އިރުގައި އަންގަވާފައިވަނީ އޭނާ އަށް އޯގާތެރިކަމާއި އެކު ބަސްވިދާލުވުމަށެވެ. ސޫރަތު ޠާހާގެ 43,44 ގައި ވަޙީ ކުރައްވާފައިވެއެވެ. (اذْهَبَا إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ ‎﴿٤٣﴾‏فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ ‎﴿٤٤﴾ )   

މާނައަކީ: "فرعون ގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ. ފަހެ، މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ." 

އިސްލާމްދީނަކީ ސަމާޙާތްތެރިކަމުގެ ދީނެވެ. އެދީނުގެ އަހްލުވެރިންނަށް ގޮވާލައްވަނީ އޯގާތެރިވުމަށާއި ރަޙްމާއި ޙަމްދަރްދީ ބެހެއްޓުމަށެވެ. މިކަންތައް މިގޮތަށް ބެހެއްޓުން އެންމެ އައުލާކަން ބޮޑު ފަރާތަކީ އެކަމަނާ އާއި އެކު ރިވެތި ގޮތުގައި ދިރިއުޅުމަށް މާތް الله އަމުރު ކުރައްވާފައިވާ އަނބިމީހާ އެވެ.  

އެހެންކަމުން, ފިރިމީހާ އަނބިމީހަ އަށް ކަމަކަށް އަމުރު ކުރާނަމަ ކުރަންވާނީ އޯގާތެރިކަމާއި ރަޙްމާއި ޙަމްދަރްދީ އާއި އެކުގައެވެ.  އަދި ދެމީހުންގެ މެދުގައި ލޯތްބާއި މަވައްދަތުގެ މައްޗަށް އުފެދިފައިވާ ކައިވެނީގެ ގުޅުން ދެމިއޮންނާނެ ފަދަ ގޮތަކަށެވެ. އެޔަށް ބުރޫނާރާ ފަދަ ގޮތަކަށެވެ.  

ނަމަވެސް, އަނބިމީހާ الله ގެ ޙައްގަކަށް އަރައިގަނެފިނަމަ, ނުވަތަ ފިރިމީހާގެ ޙައްގުތައް އަދާކުރުމުން ފަސްޖެހިއްޖަމަ އަދި ފިރިމީހާ ނަޞޭޙަތް ދިނުމާއި އެކުވެސް އެކަމުގައި ދެމިހުރެއްޖެނަމަ, އެކަމަނާ ވެގެންދާނީ ނުކިޔަމަންތެރި އަންބަކަށެވެ. މި ޙާލަތުގައި އެކަމަނާ އާއި މެދު އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ގޮތަށް ކަންތައް ކުރަންޖެހޭނެއެވެ. އޭގެތެރޭގައި ނަޞޭޙަތް ދިނުމާއި, ތަންމަތިން ވަކި ކުރުމާއި, އަނިޔާ ނުވާ ގޮތަށް ޖެހުން ހިމެނެއެވެ. ނުކިޔަމަންތެރިކަމުގައި ދެމިހުރެއްޖެނަމަ އެކަމަނާ އަށް ޚަރަދު ކުރުމުންނާއި އެނޫންވެސް އަނބިމީހާ އަށް ޓަކައި ފިރިމީހާ އަދާކޮށްދޭންޖެހޭ ޙައްގުތަކުން މަނާވެގަތުމުގެ ޙައްގު ފިރިމީހާ އަށް ލިބިގެންވާކަން ދަންނަންވާނެއެވެ. 

އަނބިމީހާ ކުރާ ކަމަކީ ފާޅުކަން ބޮޑު މުންކަރާތެއްނަމަ, ބާރުގެ ބޭނުންކޮށްގެން އެކަން މަނާ ކުރަންޖެހުނުނަމަވެސް, އެކަމުގެ ސަބަބުން އެޔަށްވުރެ ބޮޑު ނުބަޔެއް ނުނިކުންނާނެނަމަ, އެފުރުޞަތު ފިރިމީހާ އަށް ލިބިގެންވެއެވެ. 

ދެމަފިރިންގެ ދޭތެރޭގައި ޚިޔާލުތަފާތު މައްސަލަތައް މެދުވެރިވާނެކަން ދެފަރާތުންވެސް ގަބޫލުކުރަންވާނެއެވެ. އެއީ ޠަބީޢީ ކަމެކެވެ. އެހެންނަމަވެސް, އެފަދަ ކަންތައްތައް ހުރަސްކޮށް ދެފަރާތުންވެސް ދޫދެވެންއޮތް މިންވަރަކުން ދޫދީގެން އަނެކާގެ އިޙްސާސްތަކަށް އިޙްތިރާމްކޮށްގެން ރިވެތި ގޮތުގައި ދިރިއުޅެން މަސައްކަތް ކުރަންވާނެއެވެ. والله أعلم 

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން