ޑިޖިޓަލް ޒަމާނުގައި ދަރިންގެ ދީނީ ބިންގަލަށް ކުރިމަތިވާ ގޮންޖެހުންތަކާއި ޙައްލު-

ކިޔުމަށް ހޭދަވާނީ 4މ 1ސ
ޑިޖިޓަލް ޒަމާނުގައި ދަރިންގެ ދީނީ ބިންގަލަށް ކުރިމަތިވާ ގޮންޖެހުންތަކާއި ޙައްލު-

މަރްޔަމް ސާޖިދާ

 

ޓެކްނޮލޮޖީއާއި ޑިޖިޓަލް ވަސީލަތްތަކުން މުޅި ދުނިޔެ ބަދަލުކޮށްލާފައިވާ މިޒަމާނުގައި، ދަރިން ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އަތްފޯރާ ފަށުގައި ހުންނަ ސްކުރީންތަކުގެ ސަބަބުން ކުދިންނަށް ދުނިޔޭގެ ހުރިހާ ކަމަކަށް މަގުތައް ހުޅުވިފައިވާއިރު، އެކުދިންގެ ހިތްތަކުގައި ދީނީ އަދަބުތަކާއި އަޚްލާޤީ ސިފަތައް އަށަގަންނުވާނީ ކިހިނެއް ހެއްޔެވެ؟ ޑިޖިޓަލް ޒަމާނެއްގައި ދަރިންނަށް އިސްލާމީ ރީތި އާދަތައް ދަސްކޮށްދިނުމަކީ ޓެކްނޮލޮޖީއާއި ދުރުވުމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ހަމަހަމަ އުޞޫލެއްގެ މަތިން ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ދަރިންގެ ދީނީ ބިންގާ ވަރުގަދަ ކުރަންވީ ވަގުތެވެ.

މައިންބަފައިންގެ އަމަލީ ނަމޫނާ: 

ކުދިން އެންމެ ތުއްތު އިރުއްސުރެ ކަންކަން ދަސްކުރަނީ މައިންބަފައިންގެ ފަރާތުންނެވެ. އަޅުގަނޑުމެން ދަރިން ގާތު ފޯނު ބާއްވަން ބުނާއިރު، އަޅުގަނޑުމެން މުޅި ދުވަހު ފޯނުގައި ތިބޭތަން ދަރިންނަށް ފެންނަ ކަމުގައި ވާނަމަ، އެކަމުން ކުރާނެ ފައިދާއެއް ނެތެވެ. ބަންގި ގޮވުމުން ފޯނު ބޭއްވުމަށްފަހު، ނަމާދަށް އަވަސްވެގަންނަ މަންޒަރު ދަރިންނަށް ފެންނަން ޖެހެއެވެ. އާއިލާއާއި އެކު ކެއުމުގެ ވަގުތު ތަކުގައާއި އެހެނިހެން އާއިލީ އެއްވުންތަކުގައިވެސް، ފޯނަށް ހުރިހާ ސަމާލުކަމެއް ދިނުމުގެ ބަދަލުގައި، ދީނީ އަދަބުތަކަށް އިސްކަންދިނުމުން ދަރިންގެ ކިބައިގައިވެސް އެ އާދަތައް ހަރުލުމަށް މަގުފަހިވެގެންދެއެވެ.  

ﷲ ތަޢާލާ އަބަދުވެސް ބައްލަވާ ވޮޑިގެންވާކަން ހިތަށް ވައްދައިދިނުން: 

ކުދިން ގާތުގައި "ފޯނު ނުބަލާށޭ" ނުވަތަ "އެކަނި ފޯނު ހިފައިގެން ނީންނާށޭ" ބުނުމުގެ ބަދަލުގައި، އެކަނި ހުންނަ ވަގުތުވެސް ހެޔޮ ޢަމަލުތައް ކުރުމަށް ހިތްވަރުދޭށެވެ. މާތްﷲ އީ ސިއްރާއި ފާޅުގައި ކުރާ އެންމެހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަން ދަރިންނަށް ބުނެދީ ވިސްނައިދޭށެވެ. މިއީ ކުދިން އަމިއްލައަށް ނުބައި އެއްޗެހި ބެލުމުންނާއި، އިންޓަރނެޓްގެ ނުބައި ވަސީލަތްތަކުން ދުރުހެލިވުމަށް އެހީތެރިވެދޭނެ އެންމެ ވަރުގަދަ ރޫޙާނީ އައްޑަނައެވެ.  

މީސްމީޑިއާގެ އަޚްލާޤު: 

މިއަދު ފެނިގެންދަނީ، ކުދިން ތަފާތު ގޭމްތައް ކުޅުމުގައި ނުވަތަ މީސްމީޑިއާގެ މަންސަތައް ބޭނުންކުރުމުގައި ހުތުރު ބަސްތައް ބޭނުން ކުރުމާއި، ފާޑުފާޑުގެ ބޭއަދަބީ ކޮމެންޓްތައް ކުރުން އާންމުވެފައިވާ މަންޒަރެވެ. އިންޓަރނެޓްގައި އެހެން މީހުނާއި މުޢާމަލާތްކުރުމުގައިވެސް، އިސްލާމީ ރީތި އަދަބުތައް ހިފަހައްޓަން ކުދިންނަށް ދަސްކޮށްދޭންޖެހެއެވެ. މީހުންނަށް ފުރައްސާރަ ނުކުރުމަށާއި، ދޮގު ޚަބަރުތައް ނުފެތުރުމަށާއި އަދި ލިޔާ ކޮންމެ އަކުރަކާއި ކޮމެންޓަކީވެސް ފަތުގައި ލިޔުއްވޭނެ އެއްޗެއްކަން ދަރިންނަށް ވިސްނައިދޭންޖެހެއެވެ.  

سورة ق ގެ 18 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "(ކުރާ عمل ތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضر ވެ ملائكة އަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ. (18)" 

ޓެކްނޮލޮޖީގެ ބޭނުން ހެޔޮގޮތުގައި ހިފުން" 

ފޯނާއި ޓެބްލެޓް ފަދަ ތަކެއްޗަކީ ހަމައެކަނި ގޭމް ކުޅުމާއި ވީޑިއޯތައް ބެލުމަށް ބޭނުންކުރާ އެއްޗެއްގެ ބަދަލުގައި، ދީނީ ޢިލްމު އުނގެނޭ ވަޞީލަތަކަށް ހަދާށެވެ. ކުދިންނާއި ގުޅޭ އިސްލާމީ ކާޓޫނުތަކާއި ، ނަބިއްޔުންނާއި ޞަޙާބީންގެ ވާހަކަތައް އަދި ދީނީ އެޕްލިކޭޝަންތައް ( ދުޢާ/ޤުރުއާން އެޕްތައް) ފޯނަށް ނުވަތަ ޓެބަށް އަޅައިދީގެން ބޭނުންކުރުވާށެވެ. އޭރުން ޓެކްނޮލޮޖީ ވެގެންދާނީ ދީނީ އަދަބުތައް ދަސްކޮށްދޭ އެހީތެރިއަކަށެވެ. 

ސްކްރީނުން ބޭރުގައި ދީނީ ވަގުތު: 

ދުވާލަކު މަދުވެގެން 30 މިނެޓު، ސްކްރީންތަކާއި ދުރުވެ، އާއިލާއާއި އެކުގައި ދީނީ ވާހަކައެއް ދެއްކުމަށް ނުވަތަ ކީރިތި ޤުރުއާނުގެ އާޔަތެއްގެ މާނަ ކިޔުމަށް ވަގުތު ހުސްކުރާށެވެ. ނަމާދު ވަގުތާއި، ޤުރުއާން ކިޔަވާ ވަގުތު އަދި ނިދާ ވަގުތަކީ ސްކްރީން މަނާ ގަޑިތަކެއް ކަމުގައި ކަނޑައަޅާށެވެ. އެމެރިކަން އެކަޑެމީ އޮފް ޕިޑިއެޓްރިކްސް(އޭ.އޭ.ޕީ) ގެ ދިރާސާތަކުން ހާމަވާގޮތުގައި، ކެއުމުގެ ވަގުތުތަކާއި ނިދާ ގަޑީގައި ސްކްރީންތަކާއި ދުރުވުމަކީ ކުދިންގެ އަޚްލާޤަށާއި، ނަފްސާނީ ދުޅަހެޔޮކަމަށް އެންމެ ފައިދާހުރި ގޮތެވެ. 

ޑިޖިޓަލް ޒަމާނެއްގައި ދަރިން ތަރުބިއްޔަތުކުރުމަކީ އުނދަގޫ ކަމެއް ނަމަވެސް، އެއީ ނުކުރެވޭނެ ކަމެއް ނޫނެވެ. މައިންބަފައިންގެ އަޅާލުމާއި،ހެޔޮ ނަމޫނާއާއި، އަދި ކުދިންގެ ހިތްތަކުގައި މާތްﷲއަށް  އޮންނަ ލޯބި އިތުރުކޮށްދީގެން، ޑިޖިޓަލް ދުނިޔޭގެ ތެރެއިންވެސް ޞާލިޙު، އަޚްލާޤު ރަގަޅު ޖީލެއް ބިނާކުރެވިދާނެއެވެ. އަޅުގަނޑުމެންނާއި ހަވާލުކުރެވިފައި މިވާ އަމާނާތާއި މެދު އަޅުގަނޑުމެންނާއި ޤިޔާމަތްދުވަހުން ސުވާލުވެވޭނެ ކަމީ ޝައްކެއްއޮތްކަމެއް ނޫނެވެ. އަޅުގަނޑުމެން މައިންބަފައިން މިއަދުގެ ދުނިޔެއަށް ލޯހުޅުވި، އަހުލުވެރިވެ، ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުން  ހެޔޮގޮތުގައި ހިފުމަށް ދަރިންނަށް ދަސްކޮށްދެމާތޯއެވެ!

 

 

މިއަދު އޮންލައިން