ރުޅިއަންނަ ވަޤުތުގަވެސް ބައިވެރިޔާ ކުރިން ރަނގަޅަށް ކޮށްދީފަ ހުންނަ ކަންކަމުގެ އަގުވަޒަން ނުކުރުމަކީ ރަނގަޅަށް ކަންކަންކުރަން ފޫހިވާ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ރުޅިއަންނަ ވަޤުތުގަވެސް ބައިވެރިޔާ ކުރިން ރަނގަޅަށް ކޮށްދީފަ ހުންނަ ކަންކަމުގެ އަގުވަޒަން ނުކުރުމަކީ ރަނގަޅަށް ކަންކަންކުރަން ފޫހިވާ ސަބަބެއް!

ރުޅިއައުމުން އެއްބައަކު ދުލުން ބުނަނީ އެންމެ ނުބައި ބަސްތަކެވެ. އަނެއްބައަކު ރީތި ޢިބާރާތުން ބުނަނީ އަނެކާހިތަށް ވަރަށް އަސަރުކުރާނެ ފަދަ ބަސްތަކެވެ. މިދެކަމަކީވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.  

ބައިވެރިޔާ އާއި ދެމީހުންގެ މެދުގައި ޚިޔާލުތަފާތުވުމެއް އުފެދުނުކަމުގައިވީނަމަވެސް އަދި ހިތްހަމަނުޖެހޭ ކަމެއް ކުރިމަތިވިނަމަވެސް ދެމީހުން ވާހަކަދައްކާއިރު އެއްގޮތަކަށްވެސް ބޭނުންކޮށްގެން ނުވާނެ ބަސްތަކެއް ހުންނާނެއެވެ.  

މިޘާލަކަށް "ދުވަހަކުވެސް ކަލޭ ރަނގަޅަށް އެއްވެސް ކަމެއް ނުކުރޭ! ތިއައީ ދުވަހަކުވެސް މަށަށް ހެޔޮ އެދިގެން ކަމެއްކޮށްދިން މީހެއް ނޫން! ދުވަހަކުވެސް ތެދެއް ނުބުނާނެ!" ފަދަ ބަސްތައް ހަމައެކަކުވެސް ބޭނުން ނުކުރާށެވެ. ކުރިން ރަނގަޅަށް ކޮށްދީފައި ހުންނަ ކަންކަމަކީވެސް ރަނގަޅަށް ކޮށްދީފައި ހުރި ކަންކަން ނޫންކަމަށް ބުނުމަކީ އަނެކާއަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބިގެންދާނެ ކަމެކެވެ. ހަމައެއާއިއެކު ރަނގަޅަށް ކަންކަން ކުރަން ފޫހިވެސްވާނެ ކަމެކެވެ.  

މިފަދަ ބަސްތައް ބުނުމުން ފޫހިވެ މާޔޫސްވާވަރުން ތެދުވެރިކަމާއިއެކު ރަނގަޅަށް ކަންކަން ކުރަން ބޭނުން ނުވުމުގެ މައްސަލަތައްވެސް ކުރިމަތިވެއެވެ. އެހެންކަމުން އެހިސާބުން ދިރިއުޅުން ބަދަލުވެގެންދަނީ ބޮޑު ބިލާހަކަށެވެ. ޠޫފާނަކަށެވެ.

ވީމާ ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވިނަމަވެސް ދުލުން އެފަދަ ބަސްތައް ނުބުނާށެވެ! އެކަމުގެ ސަބަބުން ލިބޭދެރަ މާބޮޑުވާނެއެވެ. އެފަދަ ޙާލަތުގައި ހިތްހަމަނުޖެހި ހުރެވެސް އަނެކާ ކޮށްދީފައިވާ ރަނގަޅު ކަންތައްތައް ފާހަގަކުރާށެވެ. އެކަންކަން ފާހަގަކުރުމާއިއެކު ކުރަންބޭނުންވާ ޝަކުވާކުރާށެވެ! އެގޮތުންވެސް މާގިނަ ވާހަކަދައްކަން ނުހަދާށެވެ! އަނެކާ ކުރިކުށް ފާހަގަކުރުމަށްފަހު ދެން އެފަދަ ކަމެއް ތަކުރާރުނުކުރަން ބުނާށެވެ!

އެފަދައިން ބުނެފައިވަނިކޮށް ތަކުރާރުކުރިނަމަވެސް (އެކުގައި ދިރިއުޅުމުގެ ނިޔަތް އޮތްނަމަ، އެކުގައި އުޅެން ބޭނުންވާނަމަ) ކުރިންވެސް ބުނިފަދައިން ނުބައި ބަސްތައް ނުބުނެ ޞުލްޙަވެރިކަމާއިއެކު މައްސަލަ ޙައްލުކުރަން މަސައްކަތްކުރާށެވެ! އަދި ކުށްތައް ތަކުރާރުވާތީ އެކުގައި އުޅެން ބޭނުންނުވިނަމަވެސް ޒުވާބުކޮށް ތަޅާފޮޅަން ނުހަދައި ކަންކަން ނިމުމަކަށް ގެންނާށެވެ. އެންމެ މުހިންމު އެއް ކަމަކީ ވިސްނުން ބަދަލުވެ އަލުން ކުރިމަތިލާން ބޭނުންވިނަމަވެސް އެކަންކުރެވޭނެ ގޮތަށް ދެމީހުންވެސް ތިބުމެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން